ދިރާގު

ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާސް ކޮންފަރެންސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

"ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާސް ކޮންފެރެންސް 2023" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ރާވާ އިންތިޒާމުކުރާ މި ކޮންފެރެންސް ކުރިއަށްދާނީ މިމަހުގެ 30 އިން ޖޫން ދެވަނަ ދުވަހުގެ ނިޔަލަށެވެ.

މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 އަށް ވުރެ ގިނަ ކޮންޓެންޓް ކްރިއޭޓަރުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ނޫސްވެރިންނާއި ޓްރެވަލް ރައިޓަރުންނާއި އިންފްލުއެންސަރުންނާއި މީޑިއާގެ ތަޖުރިބާކާރުން ހިމެނެ އެވެ.

އެގޮތުން "ވީވް ޔޯ މޯލްޑިވިއަން ސްޓޯރީ" ޝިއާރުގެ ދަށުން ރާއްޖޭގެ ތާރީހާއި ސަގާފީ ތަރިކައާ ބެހޭ މައުލޫމާތު އަދި ވާހަކައާއި ޚަބަރު އުފެއްދުމާއި ބެހޭ އެކި މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދޭނެ އެވެ. އަދި މީގެ އިތުރުން މި ކޮންފަރެންސްގައި ދިވެހި އުފެއްދުންތައް ދައްކާލާ ސްޓޯލްތައްވެސް ހުންނާނެ އެވެ.

ދިރާގުން ބުނި ގޮތުގައި ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާސް ކޮންފަރެންސް 2023 އަކީ އެމްއެމްޕީއާރްސީގެ މިއަހަރުގެ އެންމެ ބޮޑު މާކެޓިން އިވެންޓެވެ.

ރާއްޖޭގެ ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރެއްގެ ގޮތުން ދިރާގު އަބަދުވެސް މަސައްކަތް ކުރަނީ މި ދާއިރާ ކުރިއެރުވުމަށް ހިންގާ އެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުން ދިނުން ކަމަށް ދިރާގުން ބުނެ އެވެ.