ފިނިޕޭޖް

ލިލީގެ އެންގޭޖްމަންޓް އަދި ކައިވެނީގެ އަނގޮޓިތައް ވަގަށް ނަގައިފި

އެމިލީ އިން ޕެރިސްގެ ތަރި ލިލީ ކޮލިންސްގެ އެންގޭޖްމަންޓް އަދި ވެޑިން އަނގޮޓިތަކާއި އެހެން ބައެއް ސާމާނު ހޮލީވުޑްގެ އެޑިޝަން ހޮޓަލަކުން ވަގަށް ނަގައިފި އެވެ.

ލޮސް އެންޖަލަސް ޝެރިފް ޑިޕާޓްމަންޓުން ވަނީ މިމަހު ހަވަނަ ދުވަހު އެޑިޝަން ހޮޓެލްގައި ހުރި ލޮކަރަކުން އަންހެން ސެލެބްރިޓީއެއްގެ ސާމާނުތަކެއް ގެއްލިގެން ރިޕޯޓްކުރުމުން އެ މައްސަލަ ތަހުގީގުކުރަން ފޮނުވި ކަމަށް ކަށަވަރު ކޮށްދީފަ އެވެ.

ލިލީ، އެޑިޝަން ހޮޓެލްގައި ހުރުމަށްފަހު ސްޕާއަށް ގޮސް، ލޮކަރުގައި އަނގޮޓިތަކާއި އޭނާގެ ސަމާނުތައް ރައްކާކޮށްފައިވެ އެވެ. އަދި ސްޕާ ނިންމާފައި އެ ތަކެތި ނަގަން ދިޔައިރު ލޮކަރުގައި ބަހައްޓާފައި ހުރި އަނގޮޓިތަކާއި ސާމާނުތައް ހުރީ ވަގަށް ނަގާފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހަލާކުކޮށްލައިގެން ލޮކަރު ހުޅުވާފައިހުރި ކަމުގެ ނިޝާނެއް ނެތެވެ. އަދި ފުލުހުން ދަނީ ސެކިއުރިޓީ ފުޓޭޖް ބަލައި، ތަހުގީގަށް ބޭނުންވާ ހެކި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ލިލީގެ ގެއްލިފައިވާ އަނގޮޓިތައް ނޫން އެހެން ސާމާނުގެ އަގު 10،000 ޑޮލަރަށް ވުރެ ބޮޑެވެ.

ލިލީގެ އެންގޭޖްމަންޓް އަނގޮޓިއަކީ ހިމަ ބޭންޑެއްގައި ބީޒެލް ސެޓިންއާ އެކު ރޯޒް-ކަޓް މަޑު ފިޔާތޮށި އަލިމަހެއް އިންނަ ތަފާތު އަދި ވަރަށް މަދުން ފެންނަ ޒާތެއްގެ އަނގޮޓި އެކެވެ.

ލިލީގެ ފިރިމީހާ ޗާލީ މެކްޑޮވެލް އެ އަނގޮޓި ޑިޒައިންކުރީ އައިރީން ނިއުވާތް ޖުވެލަރީގެ އައިރީންއާ އެކު ގައެވެ. ލަފާކުރެވޭ ގޮތުގައި މި އަނގޮޓި ތަކަކީ ތިނެއް ނުވަތަ ހަތަރު ކެރެޓްގެ އަނގޮޓި ތަކެކެވެ. މި އަނގޮޓި ތަކުގެ އަގު އުޅޭނީ 75،000 އާއި އެއްލައްކަ ޑޮލަރާ ދެމެދުގަ އެވެ.

ލިލީ އާއި ފިރިމީހާ ޗާލީ މެކްޑޮވެލް 2020 ގައި އެންގޭޖްވެ، ކައިވެނި ކުރީ ސެޕްޓެމްބަރު 4، 2021 ގައެވެ.

ޗާލީއަކީ ރައިޓަރެއް އަދި ޑައިރެކްޓަރެކެވެ. ލިލީގެ ބައްޕަ އަކީ މަޝްހޫރު ލަވަކިޔުންތެރިއަކަށްވީއިރު، ޗާލީގެ މައިންބަފައިންނަކީ މަޝްހޫރު ފިލްމީ ތަރިންނެވެ.