އާބަންކޯ

ދެ އެޕާޓްމަންޓް ހަވާލުކުރަން ނޯޓިސް ދީފި

ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާ މައްސަލައިގައި ދެ އެޕާޓްމަންޓްގެ ވެރިން ކޮންމެ މީހަކު އެއްލައްކަ ރުފިޔާ ދައްކަންކުރި ޖޫރިމަނާ ދައްކާފައި ނުވާތީ އެއްބަސްވުން ބާތިލްކޮށް 14 ދުވަސް ތެރޭގައި ދެ އެޕާޓްމަންޓް ހަވާލުކުރަން އަންގައިފި އެވެ.

އާބަންކޯ އިން ހަދާފައިވާ އުސޫލުތަކާއި ހިލާފަށް ދެ އެޕާޓްމަންޓުގެ މެދު ފާރު ތަޅާލައި، ހަތަރު ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކުރި ކޮންމެ އެޕާޓްމަންޓެއްގެ ވެރިން އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އެ ފައިސާ ފަސް ދުވަސް ތެރޭގައި ދެއްކުމަށް އާބަންކޯ އިން އެންގީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. އަދި ޖުރިމަނާ ކުރެވުނު އެޕާޓްމަންޓުތައް، 10 ދުވަހުގެ ތެރޭގައި ފުލެޓު ހަވާލުކުރެވުނުއިރު ހުރި ގޮތަށް އިޔާދަކުރުމަށްވެސް ފުލެޓުތަކުގެ ވެރިންނަށް އެ ދުވަހު އަންގާފައިވެ އެވެ.

"ނަމަވެސް މިކަން މިގޮތަށް ކޮށްފައި ނުވާތީ 14 ދުވަސް ތެރޭގައި ކޯޕަރޭޝަނަށް ފުލެޓް ހަވާލު ކުރުމަށް މިއަދު ވަނީ ވެރިފަރާތްތަކަށް އަނގާފަ އެވެ،" އެޗްޑީސީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވެ އެވެ.

އެއްކޮށްލި ދެ އެޕާޓްމަންޓްގެ ތެރެއިން އެއް އެޕަޓްމަންޓަކީ ފްލެޓްގައި ދިރިއުޅޭ ރައްޔިތުންގެ ހައްގުގައި ކަމަށް ބުނެ އެންމެ ބޮޑަށް އަޑުއުފުލި "ހިޔާ ޔޫނިއަން"ގެ ނައިބް ރައީސް އަހްމަދު ޝަމާލަށް ދޫކޮށްފައިވާ ތަނެކެވެ.

ހިޔާ ފްލެޓްތައް ހަވާލުކުރިއިރު އާބަންކޯ އިން ވަނީ އެއްވެސް އެޕާޓްމަންޓެއްގެ އިންޓީރިއާ އަށް ބަދަލު ގެންނަ ނަމަ އާބަންކޯގެ ހުއްދަ ނެގުމަށް އަންގާފަ އެވެ. އަދި އެ އެންގުމާ ހިލާފަށް އަމަލުކުރާ މީހުން ޖޫރިމަނާކުރާނެ ކަމަށްވެސް ކުރިން ބުނެފައިވެ އެވެ.