ހިޔާ ޓަވަރެއްގެ ދެ އެޕާޓްމަންޓް އުސޫލާ ހިލާފަށް އެއްކޮށްލުމާ ގުޅިގެން އެތަން ހުސްކުރުމަށްފަހު ހަވާލުކުރުމަށް އެންގުމުން ތަން ހަވާލުކޮށްފައި ނުވާ ކަމަށް އާބަންކޯ އިން ބުނެފި އެވެ.
އާބަންކޯގެ އޮފިޝަލަކު ވިދާޅުވީ ގަވައިދާ ހިލާފުވި މީހުންގެ އަތުން އެޕާޓްމަންޓް އަތުލަން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ. އަދި ތަން ހަވާލުކުރަން ދިން މުއްދަތުގައި ތަން ހަވާލުކޮށްފައި ނުވާތީ މިފަދަ ކަންކަމުގައި އަމަލުކުރަން އޮންނަ އުސޫލުން އެ ކުންފުނިން އަމަލުކުރާނެ ކަމަށެވެ.
ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާ މައްސަލައިގައި އާބަންކޯއިން ވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ދެ އެޕާޓްމަންޓްގެ ވެރިން ކޮންމެ މީހަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.
ޖޫރިމަނާ ފައިސާ ފަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ދިން މުއްދަތު ހަމަވިއިރު ޖޫރިމަނާ ފައިސާވެސް ނުދައްކަ އެވެ.
މި އެޕާޓްމަންޓް ކުރިން ހުރި ގޮތަށް 10 ދުވަސް ތެރޭގައި ބަދަލުކުރަންވެސް އާބަންކޯއިން އެ ދެ އެޕާޓްމަންޓްގެ ވެރިންނަށް އަންގާފައިވެ އެވެ. ނަމަވެސް ދެ އެޕާޓްމަންޓުގެ މެދުން ރާނަން އެންގި ފާރުވެސް ރާނާފައެއް ނުވެ އެވެ.
އާބަންކޯގެ އެންގުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ ދެ އެ ޕާޓްމަންޓް ހުސްކުރުމަށްފަހު 14 ދުވަސް ތެރޭގައި ހަވާލުކުރަން އާބަންކޯ އިން އެންގީ މިދިޔަ މެއި 18 ވަނަ ދުވަހު އެވެ.
ދެ އެޕާޓްމަންޓް ހުސްކުރަން އާބަންކޯ އިން އެންގުމުން އެޕާޓްމަންޓްތަކުގެ ވެރިން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި އެތަން އަތުލުން ހުއްޓުވުމުގެ އަމުރެއް ހޯދަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ކޯޓުން އެ އަމުރު ނެރެދީފައެއް ނުވެ އެވެ.
މި ދެ އެޕާޓްމަންޓުގެ އިންޓީރިއާ ހެދުމުގެ މަސައްކަތް ކުރިއިރު އާބަންކޯ އިން ހަދާފައިވާ އުސޫލުތަކާއި ހިލާފަށް ދެ އެޕާޓްމަންޓްގެ ވެރިން ގުޅިގެން ދެ އެޕާޓްމަންޓުގެ މެދު ފާރު ތަޅާލައި އެތަން ހަތަރު ކޮޓަރީގެ އެއް އެޕާޓްމަންޓަށް ވަނީ ބަދަލުކޮށްފަ އެވެ. މިކަން ކުރުމުގައި އިސްކޮށް ހުރީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ހައްގުގައި މަސައްކަތް ކުރަން ކަމަށް ބުނެ އުފެއްދި "ހިޔާ ޔޫނިއަން"ގެ ނައިބް ރައީސް އަހްމަދު ޝަމާލް އެެވެ.
ހިޔާ ފްލެޓްތައް ހަވާލުކުރިއިރު އާބަންކޯ އިން ވަނީ އެއްވެސް އެޕާޓްމަންޓެއްގެ އިންޓީރިއާ އަށް ބަދަލު ގެންނަނަމަ އާބަންކޯގެ ހުއްދަ ނެގުމަށް އަންގާފަ އެވެ. އަދި އެ އެންގުމާ ހިލާފަށް އަމަލުކުރާ މީހުން ޖޫރިމަނާކުރާނެ ކަމަށްވެސް ކުރިން ބުނެފައިވެ އެވެ.