ފިނިޕޭޖް

ސްކޫލު ކުދިން ހަނގާކުރިވަރުން އަނބުރާ އިންޑިއާއަށް ދިޔައިން: ޕްރިޔަންކާ

ހަނގާކުރުމަކީ އެއްވެސް އިރެއްގައި އެއްވެސް ވަކި މީހަކަށްވީތީ ދިމާވާ ކަމެއް ނޫނެވެ. މިއީ ގިނަ ފަހަރަށް ނަފްސާނީ، ޖިސްމާނީ އަދި ސިއްހީ ގޮތުން އެކަން ރައްދުވާ މީހުންނަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމެކެވެ. މިއީ ވަކި ބަޔަކަށް ކުރިމަތިވާ ކަމެއް ނޫނެވެ. އެގޮތުން ސެލެބްރިޓީންނަކީ ވެސް އެކި ގޮތްގޮތުން މިކަމާ ކުރިމަތިލާންޖެހޭ ބައެކެވެ.

"ސިޓަޑެލް"ގެ ސްޓާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އެމެރިކާގެ ބޮސްޓަންގެ ހައިސްކޫލެއްގައި ކިޔަވަން އުޅުނުއިރު، ކުދިންތަކެއް ހަނގާކުރިވަރުން އެމެރިކާ ދޫކޮށް އަނބުރާ އިންޑިއާއަށް އައެވެ.

އެލެކްސް ކޫޕާގެ "ކޯލް ހާ ޑެޑީ" ޕޮޑްކާސްޓަށް އަރައި ޕްރިޔަންކާ އޭނާގެ ހިތި ތަޖުރިބާ ކިޔައިދިނެވެ.

ޕްރިޔަންކާ ބުނީ އޭނާ ކިޔެވި ހައި ސްކޫލްގައި އުޅުނު އަންހެން ގްރޫޕެއްގެ ކުއްޖަކު ވަރަށް ގަޔާވި ފިރިހެން ކުއްޖަކު ޕްރިޔަންކާއާ ގަޔާވީ ނުވަތަ އޭނާއާއެކު ޕްރިޔަންކާ ވަގުތު ހޭދަކުރާކަމަށް ހީކުރި އެވެ. އަދި އެ ފިރިހެން ކުއްޖާ ޕްރިޔަންކާއާ އެކު ހަފްތާ ބަންދު ހޭދަކުރިކަމަށް އަޑު އެރި އެވެ.

"ސްކޫލް ނިމުމަށްފަހު އަހަރެންނަށް ބޭރަށް ދިއުމުގެ ހުއްދަ ނޯވޭ. ދެން އެ ފިރިހެން ކުއްޖާއާ އެކު ކޮންތާކު ވަގުތު ހޭދަކުރާނީ؟ އަހަރެންނަކަށް ނޭގޭ ކޮން ކުއްޖަކާއެކީގައި ކަމެއް އޭނާ ވަގުތު ހޭދަކުރީ. ދެން އެ އަންހެން ގްރޫޕް އަހެރެންނާ ޖައްސާލީ." ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ބުނީ ފުރަތަމަ އެ ކުދިން ނަސްލީގޮތުން ހަޑިހުތުރު އެއްޗެތި ކިޔާފައިވާ ކަމަށެވެ. ދެން ކޮށްޕާލާ، ލޮކަރުގައި ޖަހައި، ހަޑިހުތުރު ބަހުރުވައިން އެއްޗެތި ކިޔާ، ފާހާނާގެ ސްޓޯލްތަކުގައި ޕްރިޔަންކާއޭ ކިޔައިގެން ހަޑިހުތުރު އެއްޗެތި ލިޔެ، އެ ޒާތުގެ ކަންކަންކޮށް ހަނގާކުރަމުން ދިޔަ ކަމަށެވެ. އެކަމާ ގުޅިގެން ޕްރިޔަންކާ އަމިއްލަ ނަފްސު ކުޑަކަމާއި އެހެން މީހުންނަށް ވުރެ ދަށް ކަމަށް އިހްސާސްކުރެވުނެވެ.

"އަހަރެންގެ މައިންބަފައިން އަހަރެން ބޮޑުކުރީ ހިތްވަރުދީ، އަމިއްލަ ނަފްސަށް އިތުބާރު ހުރި، ކެރޭ، އަހަރެންގެ ހުރި ވިދުން ގަބޫލުކުރުވައިގެން. އެކަމަކު ހަނގާކުރުމާ ކުރިމަތިވުމަށްފަހު އަހަރެންގެ އެއްވެސް ކަމަކާމެދު ހިތްހަމަނުޖެހިގެން، އަހަރެން ކުޑަވާން ފެށުނު. ދެން އަހަރެންގެ ބައްޕަ ކިޔައިދިން ގޮތަށް ހެދީ. ދަބަސްތައް ޕެކްކޮށްގެން އަހަރެން އަނބުރާ އިންޑިއާ އަށް ދިޔައީ،" ޕްރިޔަންކާ ބުންޏެވެ.

އެ ނިންމުން ވެގެން ދިޔައީ ޕްރިޔަންކާގެ ހަޔާތަށާއި ކެރިއަރަށް ވަރަށް ރަނގަޅު ނިންމުމަކަށެވެ. އިންޑިއާގައި ބާކީ ދުވަސްތަކުގައި ތައުލީމް ހާސިލްކުރުމަށްފަހު، މިސް އިންޑިއާ ވޯލްޑް ކާމިޔާބުކޮށް، މިސް ވޯލްޑްގެ ލަގަބު ހޯދި އެވެ. އަދި މޮޑެލިން އާއި އެކްޓިން ކެރިއާ އިން އެތައް ކާމިޔާބެއް ހޯދައި، މިއަދު ޕްރިޔަންކާ އަކީ ބޮލީވުޑް ދޫކޮށް ހޮލީވުޑްގައިވެސް ނަން ހިނގާ ތަރިއެކެވެ.

ފުރާވަރުގައި ކުރިމަތިވި ހަނގާކުރުމަށް ތެރަޕީ ހޯދިންތޯ އެލެކްސް ސުވާލުކުރުމުން ޕްރިޔަންކާ ބުނީ އެކަމަށް ވިސްނާނެ ވަގުތު ނުވާ ކަމަށެވެ. އަދި އިންޑިއާގައި އެކަންކަމަށް ވިސްނުމަށްވުރެ މަސައްކަތްކޮށްގެން ކުރިއެރުން މާ މުހިއްމު ކަމަށް ބުންޏެވެ.

ހަނގާކުރުން ކުރިމަތިވާނަމަ، އެކަމަށް ކުރިމަތިލާ، އެހީތެރިކަން ހޯދާށެވެ. އެކަމަށް އެޅޭނެ ފިޔަވަޅުތައް ހޯދާށެވެ. އަނގަމަޑުކޮށްގެން ނުހުންނާށެވެ.