ފިނިޕޭޖް

"މެގް 2: ދަ ޓްރެންޗް"ގައި ކުރިއަށްވުރެ ބޮޑު މިޔަރެއް

އެކްޝަން ފިލްމް ކުޅޭ ޖޭސަން ސްތޭތަމް އަނެއްކާވެސް ބޮޑު މިޔަރަކާ ކުރިމަތިލަނީ އެވެ.

މިފަހަރު ޖޭސަން، 55، ފެންނާނީ 2018 ވަނަ އަހަރު ނެރުނު "މެގް" ގެ ސިކިއެލް "މެގް 2: ދަ ޓްރެންޗް" އިންނެވެ. މި ފިލްމްގެ ފުރަތަމަ ޓްރޭލާ މިހާރު ވަނީ ނެރެފަ އެވެ.

ބެން ވީޓްލީ ޑައިރެކްޓްކޮށްފައިވާ މި ފިލްމްގެ ކާސްޓްގެ ތެރޭގައި ވޫ ޖިން، ސޯފިއާ ކައި، ޕޭޖް ކެނެޑީ، ސަރްޖިއާ ޕެރިސް-މެންޗޭޓާ، ސްކައިލާ ސެމިއުލްސް އަދި ކްލިފް ކާޓިސް ހިމެނެ އެވެ.

މި ފިލްމްގައި ޖޭސަން އާއި ވޫގެ ޓީމް ދިރާސާއެއް ހެދުމަށް ކަނޑުގެ އެންމެ ފުނަށް ދެއެވެ.

ނުލަފާ ބައެއްގެ މައިނިން އޮޕަރޭޝަނަކުން ވޫ މެންގެ ޓީމަށް ނުރައްކާތެރިކަން ކުރިމަތިވެ، ސަލާމަތްވުމަށް އެ ޓީމް މަސައްކަތްކުރެ އެވެ. އަދި ކުރިއަށްވުރެ ގިނަ އެކްޝަނާއި ބޮޑު މެގްލަޑޯން "މެގް" މިޔަރު ތަކަކާ ކުރިމަތިލާންޖެހެ އެވެ. މިއީ ސްޓީވް އަލްޓަންގެ "ދަ ޓްރެންޗް" އަށް ބިނާކޮށްފައިވާ ފިލްމެކެވެ.

"މެގް"ގެ ފުރަތަމަ ފިލްމުގައި ޖޭސަން އާއި ސޯފިއާގެ އިތުރުން ބިންގބިންގ ލީ، ރައިން ވިލްސަން، ރޫބީ ރޯސް، ވިންސްޓަން ޗާއޯ އަދި މަސީ އޯކާ ހިމެނެ އެވެ. 130 މިލިއަނުން ހެދި މި ފިލްމަށް 530 މިލިއަން ޖުމްލަކޮށް ލިބިފައިވެ އެވެ.

ވޯނާ ބްރަދާސް އިން "މެގް 2: ދަ ޓްރެންޗް" ރިލީޒްކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް ހަތަރުވަނަ ދުވަހު އެވެ.