ލައިފްސްޓައިލް

އާޓިފިޝަލް ސްވީޓްނާ ބޭނުންކުރާ މީހުންނަށް ޑަބްލިޔުއެޗްއޯގެ އިންޒާރެއް

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މުޅިން އާ އިންޒާރެއް ނެރެފި އެވެ.

މިފަހަރުގެ އިންޒާރުގައި ބުނެފައިވަނީ އާޓިފިޝަލް ނުވަތަ ހަކުރު ނޫން ފޮނިރަހަ ލައްވާ އެއްޗެތި ބޭނުން ނުކުރުމަށެވެ.

އާޓިފިޝަލް ސްވީޓްނާގެ ގޮތުގައި ދުނިޔެ ގަބޫލުކުރާ މި ބާވަތުގެ ފޮނިކުރާ އެއްޗެތީގެ ތެރޭގައި ހިމެނޭ ސެކަރިން އާއި ސްޓީވިއާ ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރުމުން އޭގެ ނޭދެވޭ އަސަރުތައް ހަށިގަނޑަށް ވަރަށް ބޮޑަށް ކުރާކަމަށް ޑަބްލިޔުއެޗްއޯގެ އިންޒާރުގައި ބުނެފައި ވެއެވެ. މި ތަކެތި ގިނަ ދުވަސް ތަކަކު ބޭނުންކުރުމުގެ ކާޑިއޯވެސްކިއުލާ ބަލިތަކާއި ހަކުރުބަލި ޖެހުމާއި ބޮޑެތި މީހުން މަރުވާ ރޭޓް އިތުރުވާ ކަމަށް މި އިންޒާރުގައި ވެއެވެ.

މި ބާވަތުގެ ފޮނިކުރާ އެއްޗެތި ބޭނުންނުކުރަން އިންޒާރު ދޭން ޖެހުނީ މި ސަބަބު ތަކާ ހެދި ކަމަށާއި މި ތަކެތި ބޭނުންކުރުމުގެ ބަދަލުގައި ކުޑަ އިރުއްސުރެ ހަކުރާއި ހަކުރު އަޅައިގެން ތައްޔާރުކޮށްފައި ހުންނަ ކާއެއްޗެތި ބޭނުންކުރާ މިންވަރު މަދުކުރަން ޑަބްލިޔުއެޗްއޯ އިން އިލްތިމާސް ކޮށްފައި ވެއެވެ.

އާޓިފިޝަލް ސްވީޓްނާ އަކީ ބަރުދަން ލުއިވާ އެއްޗެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރިޔަސް މިއީ ކުށްހީ އެއް ކަމަށާއި މި ފަދަ "ހަކުރު"ގެ ބާވަތްތައް ބޭނުންކުރުމަކުން ބަރުދަން ލުޔެއް ނުވާ ކަމަށް ވެސް މި އިލްތިމާސްގައި ވެއެވެ.

"އެހެންވެ މި ބުނަނީ އެންމެ ކުޑައިރުއްސުރެ ހަކުރާއި ހަކުރު އަޅާފައި ހުންނަ ކާއެއްޗެތި ދޭ މިންވަރު މަދުކުރާށޭ. އޭގެ ބަދަލުގައި ނެޗުރަލް ޝުގާ އެކުލެވޭ މޭވާ ފަދަ ތަކެތި ކާށޭ،" ބަޔާނުގައި ވެއެވެ.

އާޓިފިޝަލް ސްވީޓްނާގެ ގޮތުގައި އެކި ނަންނަމުގައި ތަފާތު ވައްތަރުގެ "ހަކުރު" އުފައްދާފައި ހުރެ އެވެ. މީގެ ތެރެއިން އެއްގޮތަކަށް ވެސް ބޭނުން ނުކުރަން ޑަބްލިޔުއެޗްއޯއިން އިރުޝާދުދޭ ބާވަތްތަކުގެ ތެރޭގައި އެސްޕަޓޭމް، ސައިކްލަމޭޓްސް، ސެކަރިން، ސްޓީވިއާ އަދި ޑެރިވޭޓިވްސް، އޭސަލްފޭމް، އެޑްވަންޓޭމް، ނިއޯޓޭމް، ސުކްރަލޯސް ހިމެނެ އެވެ.

މި ބާވަތުގެ އުފެއްދުންތައް ކުދިކުދި ޕެކެޓްގެ ސިފައިގަޔާއި ފުޅިފުޅީގައި ބަންދުކޮށްފައި ހުންނަ ދިޔާ ތަކެތީގެ ގޮތުގައާއި ޕައުޑަރުގެ ގޮތުގައި ވެސް ތައްޔާރުކޮށްފައި ހުރެ އެވެ.

މި ވައްތަރުތަކުގެ "ފޮނިކުރާ ބާވަތްތަކުގައި" ސިއްހަތަށް ފައިދާހުރި އެއްވެސް އެއްޗެއް ނުހިމެނެ އެވެ. އާޓީފިޝަލް ސްވީޓްނާ ބޭނުންކުރުން މުޅިން ހުއްޓާލަން ޑަބްލިޔުއެޗްއޯ އިން އެންގި އެއް ސަބަބަކީ މިއީ އެވެ.

އަހަރެމެންގެ ސިއްހަތު ސަލާމަތުން ބަހައްޓަން ބޭނުންނަމަ އެންމެ ރަނގަޅު ގޮތަކީ ހަކުރުގެ ބަދަލުގައި ފާޑު ފާޑުގެ "ހަކުރު ޕެކެޓް" އެޅުމުގެ ބަދަލުގައި ފޮނި ކާއެއްޗެތި ކާ މިންވަރު މަދުކުރުމެވެ. އަދި މި ތަކެތި ތައްޔާރުކުރާ މީހުން ވެސް އެ އެއްޗެއްގެ ފޮނިމިން ވީހާ ވެސް ދަށް ކުރުމެވެ. މިއީ ހަކުރު ބަލި އަދި ނުޖެހުނަސް ބަލި ޖެހުމުގެ މަގުމަތީގައިވާ މީހުން އެ ބަލިން ސަލާމަތްވުމަށް ވެސް ކުރެވިދާނެ ކަމެކެވެ.

އާޓިފިޝަލް ސްވީޓްނާ އަޅާފައި ހުންނަ ތަކެތީގެ ތެރޭގައި ބާޒާރުގައި ވިއްކަން ހުންނަ ތައްޔާރީ ބުއިންތައް ހިމެނެ އެވެ. ވީމާ މިފަދަ ތަކެތި ބޭނުންކުރާ މިންވަރު މަދުކޮށް ތާޒާ މޭވާގެ ޖޫސް ހަކުރު ނާޅާ ބޭނުންކުރުން ރަނގަޅެވެ.