( 16 މެއި 2023 އާ ގުޅޭ )
ކިތަންމެ ހައިރާންވީ ނަމަވެސް އެމީހުންނަށް ވީގޮތެއް އަހަރެންނަކަށް އޮޅުމެއް ނުފިލިއެވެ. އަހަރެން ފެނުމުން އެމީހުންނަށް ބަދަލުތަކެއް އަތުވެއްޖެކަން ޔަގީނެވެ. އެމީހުން އެ އުޅޭ ގޮތުން ހިސާބަކަށް އަހަންނަށް އުނދަގޫވާން ފެށިއެވެ. ދޮރޯށި ދޮށަށް ކާރު މަޑުކޮށްލީ އެވަގުތެވެ. ކާރުން ފައިބައިގެން ފަޒީލު ވަދެގެން އައީ ދުވެފައެވެ. އޭނާ ފެނުމުން އަހަރެން ހިތްހަމަޖެހުނެވެ.
ބޮލުން ފެންފޮޅާލާފައި ފަޒީލުގެ ކުރުކޮށް ހުރި އިސްތަށިގަނޑުގައި އަތްފުނާ އަޅައި ރީތިކޮށްލިއެވެ. އަދި ލައިގެން ހުރި ވާރޭކޯޓު ބާލައި އެވެސް ދުރަށް ފޮޅާލިއެވެ. ދެން އަހަރެން އިން ދިގު ގޮނޑީގެ ކޮޅުގައި ކޯޓު އަޅުވާލައި އަހަރެންނާ ވާހަކަދައްކަންފެށިއެވެ.
"މި މީހުން ފުރަން އުޅޭތީ މިއަދު ކާރު ތަންކޮޅެއް ބިޒީ. ދޮންބެ އެއުޅެނީ އެމީހުން ގޮވައިގެން ދާންވެގެން. އެއާޕޯޓާ ހަމައަށް ގޮސްފައި އަންނާނީ. މިއަދު ލަސްވެދާނެ އާނަ ގޮވައިގެން އެކޮޅަށް ދެވޭލެއް. އަހަރެންނާ ހަމައަށް ކާރު ލިބޭނީ ދޮންބެ ފްރީވީމަ." ފަޒީލު ބުންޏެވެ.
"ވިއްސާރަކަމުން އަހަރެން ވެސް އިތޫ ކައިރީ ބުނެފިން މެންދުރުއޭ ދާނީ. އެހެންވީމަ އޯކޭއެއްނު." އަހަރެން ބުނީމެވެ. ފަޒީލު އަހަރެން އިން ދިގު ގޮނޑީގައި އިށީނެވެ. ގެސްޓްހައުސްގެ ދޮރުމަތީ ތިބި ބޭރު މީހުން އެތެރެއަށް ވަނީ އަބްދުލްއާ ކޮންމެވެސް ވާހަކައެއް ދައްކަމުންނެވެ. އެ ދިމާއަށް އަހަރެން ސަމާލުވެލި ނަމަވެސް އެމީހުން ކީ އެއްޗެއް އަޑު ނީވުނީ ފަޒީލު އެވަގުތު ވާހަކަދެއްކީމައެވެ.
"ދޮންބެ އަންނަންދެން އަހަރެން ވެސް މިކޮޅުގައި މަޑުކޮށްލާނީ. މެންދުރުވާންވާއިރަށް ޔަގީނުން ވެސް އަންނާނެ. ވާރޭ ހުއްޓާލައިފިއްޔާ އަހަރެން އެހެން ގޮތަކުން ވިޔަސް އާނަ އެގެއަށް ވައްޓާލަދީފާނަން." ފަޒީލު ބުންޏެވެ.
"އިޓްސް އޯކޭ. މެންދުރަށް ތިބުނީނު ދޮންބެ އަންނާނެއޭ. އެހެންވީމަ އޯކޭވާނެ." އަހަރެން ބުނީމެވެ. އަވަސްއަރުވާލާފައި އިތޫމެންގެއަށް މިހެނދުނާ ދިއުމުގެ މޫޑެއް މިއަދު ނެތެވެ.
"އާނަ ބަނޑުހައިވާނެއެއްނު. ކިހިނެއް ސައިބޯން ހަދަނީ. އެއްޗެއް ގެނުވަންތަ؟. އަބްދުލް ފޮނުވަފާނަން." ފަޒީލު ބުންޏެވެ.
"ކޮފީ ބޮއެފިން. ދެން މެންދުރު ކާނީ. ފަޒީލު ހާސްނުވެބަލަ." އަހަރެން ބުނެލީމެވެ.
"އަހަރެން ބޭނުމެއްނޫން އާނަ ބަނޑަށް ބަހައްޓާކަށް." ފަޒީލު ބުންޏެވެ. އަހަރެން ހިނިތުންވެލީމެވެ. ފަޒީލުގެ ހުންނަ ސަމާސާ މިޒާޖަކީ އޭނާއާ ވާހަކަދައްކަން ފަސޭހަވާ ސަބަބެވެ.
"މިހިސާބުގައި މީހުން އާބާދުވާންފެށީމާ ފިހާރައަކާއި ރެސްޓޯރެންޓެއް ދެން އެންމެ އަވަހަށް ހުޅުވާނީ. އޭރުން އާނަމެން މިކޮޅަށް ޖައްސާލާ ފަހަރަކުން ނުލިބޭނެ ޚިދުމަތެއް ނޯންނާނެ... އެއް ދުވަހަކުން ވާނެ އަހަރެމެން ގެއަށް ޖައްސާލަން. މަންމައާ ބައްދަލުކޮށްދޭން ވަރަށް ބޭނުން. އެނގޭތަ. މަންމަ ވަރަށް މީރުކޮށް ކައްކާނެ. އެހެންވީމަ އަހަރެމެން ގެއިން ކެއުންގަނޑެއް ދުއްވާލަންވާނެއެއްނު." ފަޒީލު ވާހަކަދައްކަމުން ދިޔައިރު ފޮނިކަނޑާ ފަދަ ގޮތެއް ހުއްޓެވެ. އެހެންވިޔަސް ބޮޑާގޮތެއް ނުހުރެއެވެ.
ފަޒީލުގެ ވާހަކައަށް އަހަރެން މަޑުމަޑުން ބޯޖަހަމުން ދިޔައީމެވެ. ވެހެމުންދިޔަ ވާރޭއަށް ނަޒަރު ހުއްޓާލައިގެން އިނދެ ދޭތެރެއަކުން ފަޒީލަށް ބަލާލަމެވެ. އޭނާގެ ވާހަކައިގައި އަހަރެން ބައިވެރިވާކަމުގެ އިޝާރާތެއްގެ ގޮތުންނެވެ. އެހެން އިނދެފައި ކައިރިއަށް މީހަކު އަންނަހެން ހީވެ އަހަރެން ބަލާލިއިރު ފަޒީލުގެ ދޮންބެއެވެ. އޭނާ އަހަރެމެން ކައިރިން އަޅާފައި ގޮސް ގެސްޓްހައުސްތެރެއަށް ވަނީއެވެ. އަހަރެމެންނަށް ސަމާލުކަމެއް ނުދީ ހަލުވި ހިނގުމެއްގައެވެ. ދެން ފެނުނީ އަބްދުލް އެއް އަތުން ކުޑައެއް ނަގައިގެން ބޭރުގައި ބަހައްޓާލާފައި ހުރި ލަގެޖްތަކުން ފަހަރަކު އެއްޗެއް ހިފައިގެން ކާރާ ދިމާއަށް ދާންފެށިތަނެވެ. އަހަރެންގެ ކައިރީ އިނދެފައި ފަޒީލު ތެދުވިއެވެ. ގޮނޑީގެ ކޮޅުގައި އެޅުވި ވާރޭކޯޓު ނަގައި ގަޔަށް ހެޔޮވަރުކޮށްލުމާއެކު އަބްދުލްގެ މަސައްކަތުގައި އެހީވާން ފަޒީލް ފެށިއެވެ. ދެ މީހުން ވެގެން ނިކަން އަވަހަށް ކާރަށް ފޮށިތައް އަރުވާލައިފިއެވެ. ފަޒީލުގެ ދޮންބެއާއެކީ އެއްކަލަ ބޭރު 4 މީހުން ވެސް ގޮސް ކާރަށް އެރިއެވެ. ކާރު ނައްޓާލި ވަގުތު ފަޒީލު ކައިރީ އަބްދުލް ކޮންމެވެސް ވާހަކައެއް ދެއްކިއެވެ. އޭނާ ކުއްލިއަކަށް އަހަންނަށް ބަލާ ވެސް ލިއެވެ. އެ ދެ މީހުން އެކުގައި ވަދެގެން އައެވެ. ފަޒީލު އައިސް އަހަރެން ކައިރީ މަޑުކޮށްލީއިރު އަބްދުލް އެތެރެއަށް ވަދެގެން ދިޔައީއެވެ.
"ރޭގަ އާނަ ބޭރަށް ނުކުތިންތަ؟." ފަޒީލު އަހާލިއެވެ.
"ކިހިނެއްވީ؟." ހައިރާންކަމާއެކު އަހަރެން އަހާލީމެވެ.
"މިތާ ތިބި ގެސްޓުން ރޭ ދަންވަރު އައިއިރު އެހެރަ ދިމާގައި ވާރޭ ތެރޭ އާނަ ހުއްޓާ ފެނުނޯ. ތީ މިރަށު ކުއްޖެއްހޯ އެމީހުން އެހި ކަމަށްވަނީ. އެމީހުންގެ ގޮތަށް މިތަނުން ރޫމެއް ހިފައިގެން ރޭގައި ބަދަލުވީ ވާހަކަ ބުނީމަ އެމީހުން ވަރަށް އަޖައިބުވިޔޯ. އެމީހުންނަށް މިއަދު ދޯ އާނަ ފެންނާނީ." ފަޒީލު ބުންޏެވެ.
އަހަރެން ފެނުނޭ ބުނެ ފަޒީލް ދެއްކީ ބީޗްހައުސް ކައިރިން ބިއްދޮށަށްވީ ފަރާތެވެ. ގެސްޓްހައުސް އިން ބާބެކިއު ހަޓާއި ބީޗްހައުސްއަށް ދާން ގާއަޅައި މަގު ހަދާފައި އޮތް ދިމާގައި ހުރި ބޮކިދަނޑިތައް ރޭގައި އަހަރެން އައިއިރު ވެސް ހުރީ ނުދިއްލައެވެ. އަލިކަމެއް ހުރީ ހަމައެކަނި ގެސްޓްހައުސްގައި އެކަންޏެވެ. ގެސްޓްހައުސްގެ ބޭރުން ދެ ކޮޅުގައި ދިއްލާފައި ހުރި ބޮކީގެ އައްޔެއް އެ ހިސާބަކަށް ނުވެސް ފޯރާނެއެވެ. އެމީހުންނަށް އަނދިރީގެ ތެރެއިން އަހަރެންކަން ވަކިކުރަން އެނގުނީ ކިހިނެއްބާއެވެ. އަހަރެންގެ ނިތްކުރީގައި ރިއްސާލިއެވެ. މަޑުމަޑުން ނިތްކުރީގައި ކާނާއަތްތިލަ ޖައްސާލީމެވެ. ރޭގައި ދިމާވި ކަންތަކުގެ ހަނދާން އާވެގެން އައެވެ. ވެއްޓި ނިތްކުރި ޖެހުނު ދިމާގައި އަދިވެސް މަޑު ރިހުމެއް ހުރިކަން އިޙްސާސްވިއެވެ. އެއާއެކު މެޔަށް ފިނިވެލައިފިއެވެ. ހުވަފެނަކަށް ހަދައި ހަނދާންނައްތާލަން ގަސްދުކުރި ނަމަވެސް މިވީ ގޮތުން އެކަމާ ނުވިސްނާ ހުރެވިދާނެ ހެއްޔެވެ.
"އެމީހުންނަށް ޔަގީންތަ އަހަރެން ފެނުނުކަން. އެކަމަކު ރޭގައި ހާދަ އަނދިރިކޮށޭ އެދިމާ އޮތީ ވެސް. އަހަރެންނަކަށް އެ އަނދިރީގައި މީހަކު ވަތްކެއްނުވާނެ." އެ ވާހަކަ ޤަބޫލުކުރަން އުނދަގުލޭ ދޭހަވާނޭ ހެން އަހަރެން ބުނީމެވެ.
"އަހަންނަށް ކިހިނެއް ޔަގީންވާނީ. އަހަންނަކަށްނޫން ފެނުނީ. އެމީހުން އަބްދުލް ކައިރީ އެހެން ކީ... އާނަ ބުނެބަލަ. ދަންވަރު ވާރެޔާ ތެމޭހިތުން ކެތްނުވީތަ ނިދަން ނޯވެ ނުކުތީ. އަހަރެން ހީކުރީ ތީ ވަރަށް ބިރުގަންނަ ކުއްޖެއްކަމަށް." ފަޒީލުގެ އަޑުގައި ސީރިއަސްކަމެއް ނެތެވެ. އަހަރެން ދަންވަރު ވާރެޔާ ތެމެން ނުކުތީއޭ ހީވެ އޭނާއަށް މަޖާވެފައި ހުރި ކަހަލައެވެ.
"އަހަންނެއް ނުނިކުންނަން. ފަޒީލު އަހަރެން ގެނެސް ކޮޓަރިއަށް ލީ ގޮތަށް އިރުއަރަންދެން އޮތީ އެ ކޮޓަރީގައި. އެހެންނޫނަސް ނިދިކޮޅު ނަގާލާފައި ވާރެއާ ތެމޭކަށް މަށެއް ނުނިކުންނާނަން. މިއުޅެނީ ބަލިވާނޭ ގޮތެއް ނުފެނިގެނެއްނޫން. ބަލިވެއްޖެއްޔާ މުޅި ދަތުރު ފަނިވީ." އަހަރެން ބުނީމެވެ.
"އެވާނީ އާނަގެ ގޯސްޓުކަމަށް." ފަޒީލު ހޭންފެށިއެވެ. އޭނާގެ ފަރާތުން ކުޑަ ވެސް ސީރިއަސްކަމެއް އެ ވާހަކައަށް ނުދިނެވެ. ފަހަރެއްގައި އޭނާއަށް ވެސް އެ ވާހަކަ ޤަބޫލުނުކުރެވެނީ ކަމަށް ވެދާނެއެވެ.
"މިއަދު ހަވީރު މޫދަށް އެރެމާ. އަހަރެން އަންނާނަން މޫދު ކިޓުގައި. އިތޫއާއި ޒަފަރު ވެސް ގެންނާނީ." މަޖާވެފައި އިނދެ ފަޒީލު ޚިޔާލު ފާޅުކުރިއެވެ.
އޭނާ ދެއްކި އެއްވެސް ވާހަކައަކަށް އަހަންނަށް ސަމާލުކަމެއް ނުދެވުނެވެ. އަހަންނަށް ވިސްނެމުންދިޔައީ ފަޒީލު ކައިރީ އަބްދުލް ބުނި އެއްޗަކާމެދުއެވެ. އެ ބޭރު މީހުންނަށް އަހަރެން ފެނުމުން ބަދަލުތަކެއް އައީ ކީއްވެކަން މިހާރު އެނގިއްޖެއެވެ. އެމީހުންނަށް އަހަރެން ފެންނަންވީ ކީއްވެ ހެއްޔެވެ. އެއާއެކު އަހަރެން ހަނދާންވީ އަހަންނަށް ވެސް ރޭގައި ފެނުނީ ޚުދު އަހަރެން ކަމެވެ. ހޭލާ އަހަރެން ހުރިއިރު އެނދުގައި ނިދާފައި އޮއްވާ ވެސް ފެނުނީ އަހަރެންނެވެ. ހަށިގަނޑުގެ ލޯލޮތައް ކޮޅަށް ޖެހުނީ ބޭއިޚްތިޔާރުގައެވެ. ދެ އަތާއި ކަނދުރާއިން ހީބިހި ނަގައިގެން ދިޔައެވެ.
"މާބޮޑަށް ފިނިވީތަ." އަހަރެން ދެ އަތް ދެއަތުން މުލައްދަނޑީގައި ފިރުމާލިތަން ފެނި ފަޒީލު އަހާލިއެވެ. އަހަރެން ނޫނެކޭ ބުނެ ބޯހޫރާލީމެވެ. ރޭގައި އަހަރެންނަށް ދިމާވި ކަންތަކުގެ ވާހަކަ ދައްކަންވީބާއޭ ހިތަށް އެރިއެވެ. އަހަރެންގެ މަންމަ ގުޅީ ހަމައެހެން ހިތަށް އެރި ވަގުތެވެ. ފޯނުކޯލަށް ޖަވާބު ދެމުން އަހަރެން ގޮނޑިން ތެދުވީމެވެ. މަޑުމަޑުން ފަޒީލާ ދުރަށް އައީމެވެ.
މަންމަ ގުޅީ އަހަރެން ނުގުޅައިގެންނެވެ. އަދިވެސް ހޭނުލަނީއޭ މަންމަ ހީކުރިއެވެ. މަންމަގެ އަޑު ޖެހުމުން އަހަރެން ހަމައަކަށް އެޅެން ގިނައިރެއްނުނެގިއެވެ. ހިތަށްހަމަޖެހުން ލިބިގެންދިޔައެވެ. ގެސްޓްހައުސްގައި ހުންނަ ވާހަކަ އަހަރެން މަންމަ ކައިރީ ނުބުނަމެވެ. މަންމަމެން ހީކުރާނީ އަހަރެން ހުރީ އިތޫމެން ގޭގައި ކަމެވެ. އިތޫގެ ވާހަކަ މަންމަ އެހީ އެހެންވެއެވެ. މަންމަމެންގެ ހާސްކަން އިތުރުވެއްޖެއްޔާ އަހަރެންނަށް މި ރަށުގައި ހުރުން ފަސޭހައެއްނުވާނެއެވެ. އަހަރެން ކައިރިއަށް މިކޮޅަށް އަންނާކަށް ވެސް މަންމަ ފަހެއްނުޖެހޭނެއެވެ. މިވަގުތު މަންމަމެންގެ ކައިރީ ހުރި ދަރިއަކީ ވެސް އަހަރެންނެވެ. އަހަރެން ފުރައިގެން އައުމުން ގޭތެރެ ވަރަށް ފަޅުވާނެކަން އެނގެއެވެ.
"ނާޒިމާ ރޭގައި ގުޅި." އިރުކޮޅަކު މަންމަގެ އަޑެއް ނީވެގެން އަހަރެން ގޮވާލި އިރަށް މަންމަ ބުންޏެވެ. އަހަރެންގެ މޫނުމަތި މޫސުން ފަދައިން ބަނަވެލިއެވެ. ނާޒިމާއަކީ ޒިޔާނުގެ މަންމަވީމައެވެ.
"އެހީ އާނަ ކޮބާހޯ. ޒިޔާން ތަޢުބާވެ ދަރިފުޅު ކައިރިން ވެސް މަޢާފަށް އެދެން ބޭނުންވެޔޯ. އަދި އެއް ފުރުޞަތު ޒިޔާނަށް ދޭށޭ އާނަ ކައިރީ ބުނެބަލާށޯ މަންމަ ކައިރީ ކީ." މަންމަ ބުންޏެވެ.
"ދެން މަންމަ ބުނީތަ އަހަރެން ހުރިތަން." އަހަންނަށް އަހާލެވުނީ ނިކަން އަވަހަށެވެ.
"ނުބުނަން. މަންމަ ބުނިހާ ވެސް އެއްޗަކީ އާނިޔާއަށޭ އެނގޭނީ ޒިޔާނަށް ފުރުޞަތެއްދޭން ވިޔަސް. ދެން ބުނީ އާނައާ ގުޅޭތޯ ޒިޔާން ވަރަށް މަސައްކަތްކޮށްފިޔޯ. އެހެން ބުނީމަ މަންމަ ބުނިން އާނަ އަދި ތައްޔާރެއްނޫނޭ ޒިޔާނާ ވާހަކަދައްކާކަށް. އާނަ... ދަރިފުޅު ބުނެބަލަ. ކިހިނެއް ގަސްދުކޮށްގެން ތިހުންނަނީ." މަންމަ އަހާލިއެވެ.
"ކޮބާ ބައްޕަ." އިރުކޮޅަކު އެއްޗެކޭ ނުބުނެ ހުރެފައި އަހަރެން އަހާލީމެވެ. މަންމައަށް ޖަވާބެއްދޭން އަހަރެން ބޭނުންނުވީކަން މަންމަ ނަގައިގަތެވެ.
ފޯނުކޯލު ނިންމާލާފައި އަހަރެން ދުރަށް ގެއްލި ހުރީ މަންމަ ފަހުން އެ ދެއްކި ވާހަކައެއްގެ ސަބަބުންނެވެ. ޒިޔާންގެ ހަނދާންތަކުގައި ހުންނާކަށް އަހަރެން ބޭނުމެއްނޫނެވެ. އޭނާއަށް މަޢާފުކުރާކަށް ވެސް ބޭނުމެއްނޫނެވެ. މިހެން ބުންޏަސް ކޮންމެވެސް ދުވަހަކުން އޭނާއަށް މަޢާފުނުކުރާނަމެކޭ ނޫނެވެ. އޭނާއަށްވުރެ ހެޔޮލަފާ އަހަރެންދެނެ އޭނާއަށްވުރެ ބޮޑަށް ލޯބިވާނޭ ބައިވެރިއަކު ހަޔާތަށް އަތުވެއްޖެނަމަ ޒިޔާންގެ ހަނދާންތަކުގައިވާ ރިހުން ކެނޑިދާނެއެވެ. އެ ދުވަހަކުން އަހަރެންނަށް ޒިޔާންގެ ނަން އިވުނަސް އެއްވެސް އަސަރެއް ނުކުރާނެކަން ޔަގީނެވެ. އެ ދުވަހަކުން ޒިޔާނަށް އަހަރެންގެ ހިތުގެ އަޑިން މަޢާފު ދޭނަމެވެ.
އަހަރެންގެ ޚިޔާލުތަކުން ހަޤީޤަތުގެ ތެރެއަށް ނުކުންނަން ޖެހުނީ ފޯނު ރިންގުވާ އަޑަށެވެ. ފަޒީލަށް ފޯނުކޯލެއް އައީއެވެ. އޭނާ އެ ކޯލު ނަގައި ވާހަކަދައްކަން ފެށުމާއެކު މޫނުމަތިން ހާސްކަން ފާޅުވެއްޖެއެވެ. ފުންމައިގެން ގޮނޑިން އޭނާ ތެދުވިއެވެ. ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކި މިހެއް ކައިރީ ހަމަމިހާރު މިދަނީއޭ ބުނެ ފޯނުކޯލު ކަނޑާލާފައި ފަޒީލު ކުރިމަތިލީ އަހަންނާއެވެ.
"ސޮރީ އާނަ. އެމަންޖެންސީވެއްޖެ." ފޯނުން އެހެން މީހަކާ ގުޅަމުން އަހަންނާ ފަޒީލު ވާހަކަދެއްކިއެވެ.
"ބޮޑުކަމެއްވީތަ؟." އަހަރެން އަހާލީމެވެ. އޭނާ ބޯޖަހަމުން ވާހަކަދައްކަން އުޅެނިކޮށް އޭނާ ގުޅި ނަންބަރުން ކޯލު ނަގައިފިއެވެ.
"އައްމަޑޭ. ވަރަށް އަވަހަށް ގެސްޓްހައުސްއަށް އައިސްދީބަލަ. މިހުރީ މިކޮޅުގައި ތާށިވެފައި. މަންމަ އެބައުޅޭ ފާރުދަށުވެގެން." ފަޒީލު ފޯނުން ވާހަކަދެއްކި އަޑު އަހަރެންނަށް ވެސް އިވުނެވެ.
"ސީރިއަސްކޮށްތަ؟." ފޯނުކޯލު ކަނޑާލި ހިނދު އަހަރެން އަހާލީމެވެ.
"އާން. ބަދިގެއާ ދިމާ ހުރި ފާރު ކުރީން ވެސް ހެލޭ ދަތެކޭ އެއްވަރުވެފައި ހުރީ. އެ ފާރު ވައްޓާލާފައި އާ ފާރެއް ރާނަން ކިޔާތާ ދުވަސްކޮޅެއްވެއްޖެ. މަންމަ ކައިރީ ބުނެފަ އޮންނާނީ އެ ދިމާއަށް ނުނިކުންނައްޗޭ." ކަންބޮޑުވުމާ އެއްވަރަށް ފަޒީލު ހިތްހަމަނުޖެހިފައި ހުރި ކަހަލައެވެ.
"ހާދަ ދެރައޭ. އަވަހަށް ދޭ މަންމަ ކައިރިއަށް. އަހަރެންނާމެދު ނުވިސްނާ." އަހަރެން ބުނީމެވެ.
ފަޒީލު އެ ގުޅި މީހަކު އަންނަންދެން ކެތްތެރިކަމެއްނެތް ފަދައިން ދެކޮޅަށް ހިނގާލަހިނގާލަ ހުއްޓެވެ. ދޮރުމައްޗަށް ސައިކަލެއް މަޑުކުރާއިރަށް އޭނާ އަހަރެން ކައިރީ ދަނީއޭ ބުނެ ދުއްވައިގަނެއްޖެއެވެ. އެ ދިޔަގޮތަށް ގޮސް ދޮރުމައްޗަށް މަޑުކުރި ސައިކަލު ފަހަތަށް އަރައިފިއެވެ.
މެންދުރު ބާރަ ޖަހައިދިޔައިރު ފަޒީލުގެ ޚަބަރެއް ނުވެއެވެ. އެކެއް ޖަހަންވާއިރަށް އަނައްޗޭ ބުނެ އިތޫ އަހަންނަށް މެސެޖުކޮށްފައި އޮތެވެ. އެގެއަށް ދާންވާއިރަށް އަހަރެން ތައްޔާރުވެލީމެވެ. ހެނދުނު ލައިގެން އުޅުނު ޓީޝާޓާއި ހަރުވާޅުގެ ބަދަލުގައި ޖިންސަކާއި ގަމީސްކޮޅެއް ލީމެވެ. އަތްދަބަހަށް ވޫލުކޮޅުލީ ފަހަރެއްގައި ފަހުން އިސްތަށިގަނޑު އައްސާލަން ބޭނުންވެދާނެތީއެވެ. ކޮޓަރިން ނުކުމެގެން އަހަރެން ތިރިއަށް އައީ އިތޫ ދިން ކޮތަޅުން ބަނބުކެޔޮކޮޅެއް އަތްފުރެންދެން ނަގައިގެން އެ ކަމުންނެވެ. ހަމަޖެހިލާފައި ފަޒީލަށް ގުޅާލަން ހިތުގައި އޮތެވެ. އޭނާއަށް ނާދެވެންޏާ އިތޫމެންގެއިން މީހަކު ފޮނުވާށޭ ބުނަން އެނގޭނީ އޭރުންތާއެވެ. ނުކުންނަން އައިއިރު ކައުންޓަރު ކައިރީ ވެއިޓިން އޭރިޔާގެ ގޮނޑިއެއްގައި އިން ޒުވާނާ އަހަންނަށް ފެނުނެވެ. އެއީ ފަޒީލުގެ ދޮންބެއެވެ. އަހަރެން ފެންނައިރަށް އޭނާ ތެދުވިއެވެ. ނުކެރިފައި ހުރި ފަދަ ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
"ފަޒީލް..." އޭނާ ބުނަން އުޅުނެވެ.
"މަންމަ ކިހިނެއް؟. ވަރަށް ބޮޑުވަރުވީތަ." އަހަރެން ވަގުތުން އަހާލީމެވެ.
"ހޮސްޕިޓަލްގައި. ފަޔަށް ތަދުވީ... ބޮޑުވަރެއްނުވޭ. ފަޒީލުވީ މަންމަ ކައިރީ... ދާން ދޯ ތިނުކުތީ. އަހަރެން މިއިނީ އާނަ ނުކުންނަންދެން. ފަޒީލު ބުނީ އާނަ ގެންގޮސްދޭން." މަޑުމައިތިރި އަޑަކުން އޭނާ ވާހަކަދެއްކިއެވެ.
"އޯކޭ. މިހާރު ނުކުންނަންވީ ދޯ." އަހަރެން ބުނެލީމެވެ. އޭނާ ބޯޖަހާލީއެވެ.
އަހަރެން ނުކުތްއިރު ވެސް ވާރޭ ހުއްޓައެއްނުލައެވެ. އެކަމަކު މިހާރު ވާރޭ ތުނިކޮށްލައިފިއެވެ. ވައިބާރުވެލައިފިކަން އަހަރެންނަށް ފާހަގަވިއެވެ. އަހަރެން ހިނގައިގަންނަން އުޅުނު ވަގުތު ފަހަތުން ފަޒީލުގެ ދޮންބެގެ އަޑު އިވުނެވެ.
"ވެއިޓް." އޭނާ ބުންޏެވެ. އަދި އައިސް އަހަންނާ އަރާ ހަމަކޮށް އޭނާގެ އަތުގައި އޮތް ކުޑަ ހުޅުވާލިއެވެ. އަހަރެންގެ ބޯމައްޗަށް ކުޑަ ހިއްލައިލިއެވެ. އޭނާއާއެކު އަހަރެން ހިނގައިގަތީ ހިސާބަކަށް ރަކިވެފައި ހުރެއެވެ. ތިރީތުންފަތުގައި ދަތް އަޅާލެވުނެވެ. މީ ހާދަ ފިލްމީ މަންޒަރެކޭ ހިތަށް އެރީމައެވެ. އެހެން މީހަކު އަހަންނަށް ޓަކައި އެގޮތަށް ކުޑައިން ހިޔާކޮށްދެމުން ވާރޭ ތެރޭ ހިނގަމުން ދިޔަ މީ ފުރަތަމަ ފަހަރެވެ. މިފަދަ ފުރުޞަތެއް ކުރިއަކުން ތަޖުރިބާ ކުރެވިފައެއް ނެތެވެ.
"ޓްރޫ ޖެންޓްލްމޭން." ހިތާހިތާ އަހަރެން ކިޔާލީމެވެ. އިސްއޮބާލައިގެން ފައިދޮށަށް ބަލަމުން އަހަރެން ކުރިޔަށް އައީމެވެ. ޖެހިލި ވައިރޯޅި އަހަރެންގެ އިސްތަށިގަނޑު ހާވާލިއެވެ. ފިނިފިނި އިނގިލިތަކެއްގެ ބީހުން އިޙްސާސް ކުރެވުނީ އެހިނދުއެވެ.
(ނުނިމޭ)