ރައީސް މުހައްމަދު ނަޝީދު

ޕާޓީއަށް ނަމެއް ހުށަހަޅަން ފިކުރެއްގެ ދިރުމުން ހުޅުވާލައިފި

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދަވާ ސިޔާސީ ހަރަކާތް "ފިކުރެއްގެ ދިރުން"ގެ މަސައްކަތްތައް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން ނިންމާފައިވާއިރު އެ ޕާޓީއަށް ކިޔާނެ ނަމެއް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސިޔާސީ ޕާޓީއަށް ނަމަކާއި ނަމުގެ ތަފުސީލުގެ އިތުރުން ކުލަ އާއި ލޯގޯ ހުށަހެޅުމުގެ ފުރުސަތު ފިކުރެއްގެ ދިރުމުގެ ފަރާތުން ވަނީ ހުޅުވާލާފަ އެވެ. މި ހަރަކާތައް ފިކުރެއްގެ ދިރުމުން ވަނީ ގޫގުލް ފޯމެއް ހަދާފަ އެވެ.

ފިކުރެއްގެ ދިރުމުގެ ފަރާތުން ބުނި ގޮތުގައި ޕާޓީއަށް ނަމާއި ލޯގޯ އަދި ކުލަ ހުށަހެޅުމުގެ ފުރުސަތު މާދަމާ ހެނދުނު 6:00ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ޕާޓީއަށް ކިޔާނެ ނަމަކަށް ހުޅުވާލާފައިވާއިރު ޕާޓީގެ ކަންކަމާއި މެދު މަޝްވަރާކުރުމަށް މިރޭ ޒޫމް ބައްދަލުވުމެއް ބޭއްވުމަށްވެސް ވަނީ ނިންމާފަ އެވެ.

"ފިކުރެއްގެ ދިރުން" ގެ މަސައްކަތްތައް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށް އެ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރުމަށް ވަނީ ނިންމާފަ އެވެ.

ޕާޓީ އުފައްދާ ރިޔާސީ ކެންޑިޑޭޓަކު ނެރޭނެކަން އިއުލާނުކުރީ ރައްޔިތުންގެ މަޖިލީހުގައި ރައީސް ނަޝީދަށް ތާއިދުކުރައްވާ އެމްޑީޕީގެ 12 މެންބަރުން އެމްޑީޕީން ވަކިވުމަށްފަހު ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ އާ ޕާޓީ އުފެއްދުމަށް ފޯމު ހުށަހެޅުމަށްފަހު ވަރަށް އަވަހަށް 3،000 މެންބަރުން ހަމަކޮށް ޕާޓީ ރަސްމީކޮށް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދަފްތަރު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.