ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތައިލެންޑަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސަމޯއާގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ފިއާމޭ ނައޯމީ މަޓައާފާއާ ބައްދަލުކުރައްވައިފި އެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ މިބައްދަލުވުމަކީ ކުދި ޖަޒީރާ ގައުމުތަކުގެ ގޮތުގައި ރާއްޖެއާއި ސަމޯއާ އެއް ކަހަލަ ކަންތައްތަކަކާ ކުރިމަތިލާންޖެހޭތީވެ އެފަދަ މައްސަލަތަކުގައި ދެ ގައުމުން އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރިއަށް ގެންދެވުނު ބައްދަލުވުމެއް ކަމަށެވެ.
ޝާހިދުގެ މިދަތުރުފުޅުގައި ވަނީ ޓޮންގާގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓާ އޮފް ޓޫރިޒަމް ފެކީތާމޮއެލޮއާ އުޓޮއިކަމާނޮއާ ވެސް ބައްދަލުކުރައްވާފަ އެވެ.
މިބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ރާއްޖެއާއި ޓޮންގާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެންއެސްކެޕް)ގެ އެގްޒެކެޓިވް ސެކްރެޓަރީ އަރްމިދާ އަލްސްޖަބާނާއާ ވެސް މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވާފަ އެވެ.
ޝާހިދު ރާއްޖެއިން ބޭރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުރާވަޑައިގަތީ މިމަހުގެ ހަތްވަނަ ދުވަހު އެވެ. މިދަތުރުފުޅުގައި ޝާހިދު އެންމެ ފުރަތަމަ ވަޑައިގެންނެވި ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވަނީ ސާބިއާ އަށެވެ. އޭގެފަހުން ޝާހިދު ވަނީ ހަންގޭރީއަށް ވަޑައިގަތުމަށްފަހު ސްވިޑަން އަށްވެސް ވަޑައިގެންފަ އެވެ. ސްވިޑަން ދަތުރުފުޅަށްފަހު އެމަނިކުފާނު ވަޑައިގަތީ ޖަޕާނަށެވެ. ތައިލެންޑަށް ވަޑައިގެންނެވީ އޭގެފަހުންނެވެ.