މަސްތުވާތަކެތި

ފުރަތަމަ ތިން މަހު 16 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 16 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ފުލުހުންގެ އިދާރާ އިން މިއަދު ހާމަކޮށްފައިވާ މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިމުއްދަތުގެ ތެރޭގައި އަތުލައިގެން 16.3 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި އެންމެ ގިނައިން އަތުލައިގެންފައިވަނީ ކެނަބިސް އެވެ. އެއީ 8.9 ކިލޯ އެވެ. ދެވަނަ އަށް އެންމެ ގިނައިން އަތުލައިގެންފައިވަނީ 3.1 ކިލޯގެ ކޮކެއިންނެވެ. އަދި 2.2 ކިލޯގެ ހެރޮއިން އަތުލައިގެންފައިވާއިރު 2.2 ކިލޯގެ އެހެން ބައެއް ބާވަތްތަކުގެ މަސްތުވާތަކެތިވެސް މިމުއްދަތުގެ ތެރޭގައި އަތުލައިގެންފައިވެ އެވެ.

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގެ ގޮތުގައި ފުލުހުންނަށް ރިޕޯޓް ކުރި 1،154 މައްސަލައިގެ ތެރެއިން 461 މައްސަލަ ލޮޖުކޮށްފައިވެ އެވެ. މިމުއްދަތުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި 331 މީހަކު ހައްޔަރުކޮށްފައިވާއިރު ތަހުގީގު ނިންމުމަށްފަހު 69 މައްސަލަ ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވެ އެވެ. އަދި 77 މައްސަލަ ނިންމާ ފައިލްކޮށްފައިވެ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ހައްޔަރުކުރި 331 މީހުންގެ ތެރޭގައި ހިމެނެނީ 314 ދިވެހިންނާއި 17 ބިދޭސީންނެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 315 ފިރިހެނުންނާއި 16 އަންހެނުންނެވެ.

މިމުއްދަތުގެ ތެރޭގައި މަސްތުވާތަކެތީގެ އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ މާލެ ސިޓީންނެވެ. އެއީ 268 މައްސަލަ އެވެ. ކުޅުދުއްފުށި ސިޓީން 19 މައްސަލަ، އައްޑޫ ސިޓީން 18 މައްސަލަ އަދި ފުވައްމުލއް ސިޓީން 17 މައްސަލަ ހުށަހަޅާފައިވެ އެވެ.

މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތައް އަތޮޅު ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ހިމެނޭ ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅުންނެވެ. އެއީ 57 މައްސަލަ އެވެެ. ހއ، ހދ. އަދި ށ. އަތޮޅު ހިމެނޭ އެންމެ އުތުރު ސަރަހައްދުންނާއި، ނ، ރ، ބ އަދި ޅ. ހިމެނޭ ސަރަހައްދުން ކޮންމެ ސަރަހައްދަކުން 40 މައްސަލަ ހުށަހަޅާފައިވެ އެވެ.