ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 19 އަހަރުން ފުރުން ފާހަގަކުރުމަށް އާބަންކޯ އިން ހެލްތު ސްކްރީނިން ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފި އެވެ.
ހެލްތު ސްކްރީނިން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔައީ ހުޅުމާލޭގައި ހިންގަމުން އަންނަ ހޮސްޕިޓަލްތަކާއި އާބަންކޯ ގުޅިގެން ގުޅިގެންނެވެ.
ހުޅުމާލެ ފޭސް އެކެއްގެ ރުއްގަނޑު އެކެއް ސަރަހައްދާއި ރުއްގަނޑު ތިނެއް ސަރަހައްދުގައި ހެލްތު ސްކްރީނިން ކުރިއަށް ގެންދިޔައީ އިއްޔެ ހަވީރު 4:00 އިން 6:00 އަށެވެ.
މި ޕްރޮގްރާމް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ރާއްޖޭގައި އާންމުކޮށް ފެންނަ ގައިން ގަޔަށް ނާރާ ބަލިތަކަށެވެ. އެގޮތުން ރުއްގަނޑު އެކެއް ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލުން ވަނީ ހިތުގެ ބަލިތަކާ ގުޅޭ ގޮތުން މައުލޫމާތު ދީފަ އެވެ. މީގެ އިތުރުން ހަކުރު ޓެސްޓްކުރުމާއި ބީޕީ އަދި ބީއެމްއައި ބަލައި އާންމުންނަށް މައުލޫމާތު ފޯރުކޮށްދީފައިވެ އެވެ.
ރުއްގަނޑު ތިނެއް ސަރަހައްދުގައި ހިޔާ މެޑިކަލް ސެންޓަރުގެ ފަރާތުން ވަނީ ޗައިލްޑް ނިއުޓްރިޝަންއާއެކު ޑެންޓަލް ޗެކަޕް ކުރިއަށް ގެންގޮސްފަ އެވެ.
ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިކަހަލަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގެ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހަދާ އާންމުން އަހުލުވެރިކުރުވުން ކަމަށް އާބަންކޯ އިން ބުނެ އެވެ.
ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 19 އަހަރު ފުރުނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.