އާބަންކޯ

މަދިރިއާލާވުން ހުއްޓުވުމަށް ހުޅުމާލޭގައި ފޮގްކުރަނީ

ހުޅުމާލޭގައި މަދިރި އާލާވެ، ޑެންގޫ ހުން ފެތުރެމުންދާ މިންވަރު އިތުރުވެފައިވާތީ މިކަން ހައްލުކުރުމުގެ ގޮތުން އާބަންކޯއިން ހުޅުމާލޭގައި ފޮގް ކުރަން ފަށައިފި އެވެ.

އާބަންކޯ އިން ބުނީ ކޮންމެ އަހަރަކު ވެސް ޖޫން ޖުލައި ހިސާބަކީ ވިއްސާރަ ދުވަސްވަރަކަށް ވާތީ މި ދުވަސް ވަރު އެކި ސަރަހައްދުތަކުގައި މަދިރި އާލާވެ، އެތަކެތީގެ ސަބަބުން ޑެންގޫ ބަލި ފެތުރޭ މިންވަރު އިތުރުވާކަން ފާހަގަކުރެވޭ ކަމަށެވެ.

މަދިރި ކޮންޓްރޯލްކޮށް، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އާބަންކޯ އިން ކުރާ މަސައްކަތެއްގެ ގޮތުން މަދިރި އާލާވުން ހުއްޓުވާލުމަށްޓަކައި ހުޅުމާލޭގެ ހުރިހާ ސަރަހައްދަަކަށް ވެސް ފޮގްކުރަން މިހާރު ވަނީ ފަށާފަ އެވެ.

އެގޮތުން ކޮންމެ ދުވަހަކުވެސް ފަތިހު އާއި ހަވީރު ހުޅުމާލެ ތެރެ ފޮގްކުރާއިރު މިކަމުގައި އިސްކަންދެނީ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި، މަދިރި އާލާވުން އެކަށީގެންވާ ފަދަ ސަރަހައްދުތަކަށް ކަމަށް އާބަންކޯ އިން ބުނެ އެވެ.

މަދިރި އާލާވުން ހުއްޓުވައި، ބަލިތަކުން އާންމުން ރައްކާތެރިވާނެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އާބަންކޯ އިން ކުރަމުންދާއިރު ހުރިހާ ރައްޔިތުންވެސް އެކަމުގައި އެއްބާރުލުން ދިނުމަށް އާބަންކޯ އިން އެދެ އެވެ. އެގޮތުން ދިރިއުޅޭ ގެއާއި ގޯތި ތެރޭގައި މަދިރި އާލާވާ ފަދަ ތަންތަން ހުރި ނަމަ އެތަންތަން ނައްތާލުމާއި، ސާފުތާހިރުކޮށް ބެލެހެއްޓުމަށް އާބަންކޯ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.