މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ގައިދީއަކަށް ދައުލަތުން މަހަކު 20،000 ރުފިޔާ ހަރަދުކުރޭ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންގެ ތެރެއިން ކޮންމެ ގައިދީއަކަށް މަހަކު 20،000 ރުފިޔާ ވަރު ހަރަދުވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.

ކަރެކްޝަންސްގެ ވެރިޔާ މިހެން ވިދާޅުވީ ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމްގެ ނުވަވަނަ ބެޗްގެ އޮފިސަރުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަދައްކަވަމުންނެވެ.

ސީޕީ އަހްމަދު ވިދާޅުވީ ގައިދީންނަށް ކުރަންޖެހޭ ހަރަދު އަހަރުން އަހަރަށް އިތުރުވާއިރު ނަތީޖާއެއް ފެންނަ ގޮތަށް އެ މަސައްކަތް ކުރުމަށް ކަރެކްޝަންސްގެ އޮފިސަރުން މަސައްކަތް ކުރާ ފަދައިން ގައިދީންގެ ފަރާތުން އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.

ގައިދީންނަށް ކުރާ ހަރަދުގެ ވަރަށް ބޮޑު ބައެއް ހަރަދު ވަނީ އެ މީހުން އަނބުރާ މުޖުތަމައަށް ނެރުމަށް ކުރާ މަސައްކަތްތަކަށް ކަމުގައިވެސް ސީޕީ ވިދާޅުވި އެވެ.

"މިދިޔަ އަހަރުގެ [ކަރެކްޝަންސްގެ] ބަޖެޓަށް ބަލާއިރު ކޮންމެ ގައިދީއެއްގެ މައްޗަށް 20000 ރުފިޔާ ހަރަދުކުރެވުނު. މިކަމުން އެނގެނީ ދައުލަތުން ކަންކަން އިސްލާހުކުރުމަށް ކުރާ ހޭދަ،" ސީޕީ ވިދާޅުވި އެވެ.

އަހްމަދު މުހައްމަދު އިތުރަށް ވިދާޅުވީ ގައިދީންނަށް ކުރާ ހޭދަ ކުޑަކުރުމަށާއި ޖަލުތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ކަމާ ގުޅޭ ގާނޫނުތަކުގައި ބުނާ ކަންކަން ތަންފީޒުކޮށް ކަންކަން ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ވަނީ ޖަލުތަކާ ގުޅޭ ހާއްސަ އޮޑިޓެއް ހަދާފަ އެވެ. އޮޑިޓްގެ ތެރެއިން ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށް އެކި މަރުހަލާތަކަށް ބަހާލައިގެން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެ އެވެ.