ފިނިޕޭޖް

ޖެނިފާ ލޮޕޭޒްގެ "އަންސްޓޮޕަބަލް"

ޖެނިފާ ލޮޕޭޗްގެ އާ ފިލްމް "އަންސްޓޮޕަބަލް"ގެ ޝޫޓިން ކުރިއަށް އެބަދެ އެވެ.

މި ފިލްމުގެ ސެޓްގައި ޖެނިފާ ފެންނަނީ ތަފާތު ސިފައަކަށެވެ. ޖެނިފާ އާންމުކޮށް ފެންނައިރު ޕަޕަރާޒީން ނަގާ ފޮޓޯތަކުން އަބަދުވެސް ފެންނަނީ ޒީނަތްތެރިވެ، ނަލަވެ، ފާހަގަކޮށްލެވޭ ފަދަ ފެޝަން ހެދުމެއް ލައިގެން ހުންނަ ތަނެވެ.

ނަމަވެސް ޝޫޓިންގައި އޭނާ ހުރީ ތަފާތު ސްޓައިލަކަށް އިސްތަށިގަނޑު ހަދައި، އާދައިގެ މީހުން މަގުމަތިން ފެންނަ ކަހަލަ ގޮތަކަށް، ފައިކުރި ކުޑަކޮށް ފުޅާ ޖިންސަކާއި، އަތްކެނޑި ދަނބުކުލައިގެ ޓޮޕަކާއި ފްލިޕްފްލޮޕްއަކަށް އަރައިގެންނެވެ.

ޝޫޓިން އިން ފެންނަ ފޮޓޯ އިން ފާހަގަކޮށްލެވޭ އެއްކަމަކީ ކަނާތު ކޮނޑާއި އުޅަނބޮއްޓާ ދެމެދުގައި އިން ޓެޓޫ އެވެ.

ވިލިއަމް ގޯލްޑަންބާގް ޑައިރެކްޓްކުރާ "އަންސްޓޮޕަބަލް" އަކީ ޖެނިފާގެ ފިރިމީހާ ބެން އެފްލެކް އާއި މެޓް ޑޭމަންގެ އާޓިސްޓްސް އިކުއިޓީ ޕްރޮޑަކްޝަން ކުންފުނިން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

މި ފިލްމް ބިނާކޮށްފައިވަނީ އެމެރިކާގެ ރެސްލާ އެންތަނީ ރޯބްލްސްގެ މެމުއާ ""އަންސްޓޮޕަބަލް" ވާހަކަ އަށެވެ. އެއް ފަޔާއެކު އުފަންވި އެންތަނީ ވަނީ 2011 ގައި ވަކި ފަރުދުންގެ ކެޓަގަރީން އެންސީއޭ ރެސްލިން ނެޝަނަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ.

މި ފިލްމްގައި ޖެރަލް ޖެރޯމް އެންތަނީގެ ރޯލް އަދާކުރާއިރު، ޖެނިފާ މި ފިލްމުގައި އަދާކުރާ ރޯލާއި އިތުރު ތަފްސީލް އަދި އެނގޭކަށް ނެތެވެ.