ހާއްސަ ރިޕޯޓް

ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ބޮޑު ތިން ސަމިޓެއް އެއްވަގުތެއްގައި ކުރިއަށް

ދުނިޔޭގެ އެންމެ މުއްސަނދި ހަތް ގައުމު -- ޖީ7ގެ ސަމިޓް ޖަޕާނުގެ ހީރޯޝީމާގައި މިވަގުތު ދަނީ ހިނަގަމުންނެވެ. ހަމަ އެގޮތަށް ޗައިނާ-ސެންޓްރަލް އޭޝިއާ ސަމިޓް ދަނީ ގަދީމީ ސިލްކް ރޯޑްގެ ނިމޭ ހިސާބު ކަމަށް ބުނެވޭ ޗައިނާގެ ޝިއާންގައި ބާއްވަމުންނެވެ. މީގެ އިތުރުން އަރަބި ގައުމުތަކުގެ ސަމިޓް ސައުދީ އަރަބިއާގައި ދަނީ ހިނަގމުންނެވެ. ތިން ސަރަހައްދެއްގައި މުހިއްމު ބޮޑު ތިން ސަމިޓް އެއްވަގުތެއްގައި ހިނގަމުންދާއިރު މި ސަމިޓްތައް މުހިއްމު ވަނީ އެއިން މިވަގުތު ދުނިޔޭގަ މަސްރަހުގެ ކުރިމަގު ބައްޓަން ކުރަމުންދާތީ އެވެ.

ހުޅަނގުގެ އިގްތިސޯދީ ގޮތުން ބާރުގަދަ ހަ ގައުމަކާއި ޔޫރަޕިއަން ޔުނިއަން އާއި އޭޝިއާގެ އިގްތިސޯދީ ބާރު ޖަޕާނާއެކު ޖީ7ގެ ސަމިޓް މިވަގުތު ދަނީ ޖަޕާނުގެ ހީރޯޝީމާގައި ހިނަގމުންނެވެ. އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް، އިޓަލީ، ޖާމަނީ، ކެނެޑާ އަދި ޖަޕާނުން މި ސަމިޓް ކުރިއަށް ގެންދާއިރު މީގެ ކުރިން މި ސަމިޓުގައި ބައިވެރިވަމުން ދިޔަ ރަޝިއާ އަދި ޗައިނާ އެއްވެސް ހައިސިއްޔަތަކުން މިފަހަރުގެ ސަމިޓުގައި ބައިވެރިވެފައެއް ނުވެ އެވެ.

އޭގެ ބަދަލުގައި ގްލޯބަލް ސައުތުގެ އަށް މެންބަރަކަށް މިފަހަރު މުޅިން އަލަށް ސަމިޓަށް ވަނީ ދައުވަތު ދީފަ އެވެ. އެގޮތުން އިންޑިއާ، ބްރެޒިލް، ސައުތް ކޮރެއާ، ވިއެޓްނާމް، އިންޑޮނީޝިއާ، ކޮމޯރޯސް (އެފްރިކަން ޔުނިއަން ތަމްސީލް ކުރުމަށް) އަދި ކުކް އައިލެންޑްސް (ޕެސިފިކް އައިލެންޑްސް ޔުނިއަން ތަމްސީލު ކުރުމަށް) ބައިވެރިވެ އެވެ.

ޖީ7ގެ އިގްތިސޯދަކީ 1990ގެ އަހަރުތަކުގައި އަދި ދާދިފަހަކާ ޖެހެންދެންވެސް ދުނިޔޭގެ އިގްތިސޯދުގެ ދެބައިކުޅަ އެއް ބައެވެ. ނަމަވެސް މިހާރުގެ ޖީ7ގެ އިގްތިސޯދީ ބާރަކީ ދުނިޔޭގެ މުޅި އިގްތިސާދުގެ ނިސްބަތުން 30 ޕަސެންޓެވެ. އެހެންނަމަވެސް ޖީ7 އިން މަސައްކަތް ކުރަމުންދަނީ އިގްތިސޯދީ ބާރުވެރިކަން ވަރުގަދަކޮށް ގްލޯބަލް ސައުތާއެކު ޖީ7ގެ ގުޅުން ވަރުގަދަ ކުރެވޭތޯ އެވެ. ކަންމިހެން އޮތްއިރު ގްލޯބަލް ސައުތަކީ ރަޝިއާ އާއި އިގްތިސޯދީ އެތަކެއް ގުޅުމެއް ގާއިމުކޮށްފައި އޮތް ގައުމުތަކަކަށްވާތީ މިގައުމުތަކާއި ޖީ7ގެ ގުޅުން މިއޮތީ ބަދަހިކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފަ އެވެ.

އަނެއްކޮޅުން ޖީ7ގެ ސަމިޓް ހިނގަމުންދާއިރު އިގްތިސޯދީ ގޮތުން އަދި އަސްކަރީ ގޮތުން މިވަގުތުވެސް ދުނިޔޭގެ ބޮޑު ބާރެއް ކަމުގައިވާ ރަޝިއާ ގެންދަނީ ޔޫކްރޭނަށް އަސްކަރީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ރަޝިއާއާއި ފާޅުގައި ދެކޮޅަށް، މި ހަނގުރާމައިގައި ޖީ7ގެ ވެސް އަދި ނޭޓޯ އަށްވެސް ނިސްބަތްވާ މި މި ހަގައުމާއި އީޔޫ އިން ދަނީ ޔޫކްރޭނަށް ފުރިހަމައަށް އެހީތެރިވަމުންނެވެ. އަނެއްކޮޅުން ޗައިނާ އިން ގެންދަނީ މި ހަނގުރާމަ ހުއްޓުވައި ސުލްހައިގެ ޕްލޭނެއް ހިންގޭތޯ އެތައް މަސައްކަތެއް ކުރަމުންނެވެ. ރަޝިއާއަށް ދަތިކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ހުޅަނގުން ގޮވާލަމުންދާ ގޮވާލުމަށް ޗައިނާ އިން ދަނީ ދެކޮޅު ހަދަމުންނެވެ. ސަބަބަކީ ރަޝިއާ އަކީ ޗައިނާއާއި ގާތް ގުޅުމެއް އޮތް ގައުމަކަށްވެފައި ދެގައުމުގެ ވިޔާފާރީގެ ގުޅުން ޗައިނާ އަށް މުހިއްމު ވާތީ އެވެ. އެހެންކަމުން ޗައިނާ އިން ބަލަނީ މި މައްސަލަ ސުލްހަވެރި ގޮތެއްގައި ހައްލުކުރެވޭތޯ އެވެ.

ޗައިނާގެ ގްލޯބަލް އިނިޝިއޭޓިވްގައި ގައުމުތަކުގެ އިސްތިގުލާލާއި މިނިވަންކަން ހިމާޔަތް ކުރުމަކީ އެންމެ މުހިއްމު އަސާސްތަކެވެ. އެގޮތުން ޔޫކްރޭނުގެ އިސްތިގްލާލް ހިމާޔަތްކުރެވޭނެ ސުލްހައިގެ ޕްލޭނެއް މިހާތަނަށް ޗައިނާއިން އިން އިސްނަގައިގެން ވަނީ ހުށަހަޅާފަ އެވެ. އެކަމަކު ހުޅަނގުގެ މަދަދާއެކު ޔޫކްރޭނުން ދައުވާކުރާ ޑޮންބާސް ސަރަހައްދުގައި އޮތް ރަޝިއާގެ ބާރު ނައްތާލުމަށް ޔޫކްރޭނާއި ހުޅަނގުން ދަނީ ދޫ ދިނުމެއް ނެތި ގެއްލުން ބޮޑު ހަނގުރާމައެއް ކުރަމުންނެވެ. ދޮންބާސް ސަރަހައްދުގެ ޑޮންޔެސްކް އަދި ލުހާންސްކްގެ ރައްޔިތުން ވަނީ ރެފަރަންޑަމުކުން ރަޝިއާ އާއި ގުޅުމަށް ނިންމާފަ އެވެ. އެހެންކަމުން ކްރޭމިއާ އަދި ޑޮންބާސް އަކީ މިހާރު ރަޝިއާއިން ދައުވާކުރާ ސަރަހައްދު ތަކެވެ.

ޔޫކްރޭނާއި ހުޅަނގުން މިކަމާ ދެކޮޅެވެ. ދެފަރާތުންވެސް މިކަމަށް ދޫ ދިނުމަށް ދަނީ ދެކޮޅު ހަދަމުންނެވެ. ރަޝިއާ އަކީ އަސްކަރީ ގޮތުން ދުނިޔޭގެ ދެވަނަ ބާރެވެ. އަދި އިގްތިސޯދީ ގޮތުން ދުނިޔޭގެ އެތައް ގައުމަކާ ގުޅިފައިވާ ގައުމެކެވެ. އެހެންކަމުން ޖީ7ގެ މުޅި އަމާޒު ވަނީ ދުނިޔޭގައި މިވަގުތު ހިނގަމުންދާ އެންމެ ނުރައްކާތެރި މިމައްސަލަ އަށް އަމާޒުވެފަ އެވެ. ސަބަބަކީ މި ހަނގުރާމައިގެ ސަބަބުން ގައުމުތަކުގެ އިގްތިސޯދަށް އިންތިހާއަށް ގެއްލުންވަމުން ދިއުމާއި ތެލާއި ހަކަތައިގެ އަގުބޮޑުވެ އެގައުމުތަކުގެ އިންފްލޭޝަން މަތިވެ ރައްޔިތުންނަށް ސީދާ މިކަމުން އެތައް ގެއްލުމެއް ކުރިމަތިވަމުން ދިއުމެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ނުވަތަ ފިނި ހަނގުރާމައިގެ ދުވަސްވަރު ކިއުބަން މިސައިލް ކްރައިސިސްއަށް ވުރެވެސް މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ މަސްރަހު މިވަނީ ނުރައްކަލަށް ވެއްޓިފަ އެވެ. އޭރު ދުނިޔޭގައި ސުލްހަ އޮތް އިރު މިހާރު މިދަނީ ހަގީގީ ހަނގުރާމައެއް ހިނގަމުން މިސައިލްތައް އެއްކޮޅުން އަނެއްކޮޅަށް އުދުހި ބޮންއަޅައި މީހުންތައް މަރުވަމުންނެވެ.

ރަޝިއާ އަކީ ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއާ އެއްބާރަށް ވެފައި މިފަހަރުގެ ޖީ7ގެ ސަމިޓް ޖަޕާނުގެ ހީރޯޝީމާގައި ބޭއްވުންވެސް އެއީ ތަފާތު ގޮތަކަށް މި ސަމިޓާމެދު ދެކެވުނު ކަމެކެވެ. ހީރޯޝީމާ އަކީ ދެވަނަ ބޮޑު ހަނގުރާމަ ނިމެން އުޅެނިކޮށް ނިއުކްލިއާ ބޮމުގެ ނުރައްކާތެރި ހަމަލާ އެމެރިކާއިން ޖަޕާނަށް އަމާޒު ކުރި ސިޓީ އެވެ. މުޅި ދުނިޔޭގެ ތާރީހުގައިވެސް އެންމެ ފުރަތަމަ ދިން ނިއުކްލިއާ ހަމަލާ 1945 ގައި ހީރޯޝީމާއަށް އަމާޒުކޮށް ދީ އެއްލައްކަ އަށް ވުރެ ގިނަ މީހުން މަރާލި އެވެ. އަދި އެތައް ޒަމާނެއް ވަންދެން ރޭޑިއޯއެކްޓިވްގެ އަސަރު ދެމިގެންގޮސް އެތައް ބަޔަކަށް ގެއްލުން ލިބެމުން ގޮސްފައިވެ އެވެ.

އަނެއްކޮޅުން އަރަބި ލީގުގެ ސަމިޓް މިވަގުތު ސައުދީ އަރަބިއާގައި ހިނގަމުންދާއިރު ބައިނަލްއަގްވާމީ މަސްރަހަށް ބޮޑެތި ބަދަލުތައް ދާދި ފަހުން މިވަނީ އައިސްފަ އެވެ. އޭގެ އަސަރު ވަރަށް ބޮޑަށް މިސަމިޓުން މިދަނީ ފެނިގެންނެވެ. އެގޮތުން ޗައިނާ މެދުވެރިވެގެން އިރާނާއި ސައުދީ އަރަބިއާގެ ގުޅުން މިވަނީ އާންމު ހާލަތަކަށް ގެނުވާފަ އެވެ. މިއީ މިހާތަނަށް މުޅި މެދުއިރުމަތި އެއްބައިވުމަށް ހުރަސް އަޅަމުން އައި އެންމެ ބޮޑު އެއް މައްސަލަ އެވެ. ނަމަވެސް ދެ ގައުމުން ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައިވުމުން އޭގެ ހެޔޮ އަސަރާ އެކު މިދަނީ މުޅި ސަރަހައްދުގެ މަސްރަހުވެސް ބަދަލުކުރުވަމުންނެވެ.

އަރަބި ގުޅުމުން ސީރިއާ އެކަހެރިކޮށްފައި އޮންނަތާ 13 ވަރަކަށް އަހަރު ފަހުން މިފަހަރުގެ ސަމިޓަށް ސައުދީން ދައުވަތުދީގެން ސީރިއާގެ ރައިސް ހާޒިރުކޮށް އަރަބި އެހެނިހެން ގައުމުތަކާ ކޮނޑާއިކޮނޑު ޖައްސައި ސަލާމްކުރުވި އެވެ. ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި މުޅި އަރަބި ދުނިޔޭން ސީރިއާ އެކެހެރިކޮށް ނުވިތާކަށް އަރަބި އެހެން ގައުމުތަކުން އެ ހަނގުރާމައަށް ސީރިއާ ސަރުކާރާ ދެކޮޅަށް މަދަދުވެރިވެސް ވެފަ އެވެ. ސީރިއާއަށް އެހީވި މަދު ގައުމުތަކަކީ ރަޝިއާ އާއި އިރާނެވެ.

މިހުރިހާ ހިލާފެއް އެއްފަރާތް ކުރުމަށްފަހު މިފަހަރުގެ ސަމިޓް މިވަގުތު ކުރިއަށްދާއިރު އަރަބި ހުރިހާ ގައުމުތަކެއްގެ އަމާޒު ހުރީ އަރަބިން އެއްބައިވުމުގެ މައްޗަށެވެ. ފާއިތުވި ތަނުގައި އަރަބިންނަށް ލިބުނު މޮޅެއް ނެތްކަމަށް ގަބޫލްކޮށް އަރަބިން އެކުގައި މަސައްކަތް ކުރުމަށް ހުރިހާ އަރަބި ގައުމަކުން މިވަނީ އެކައްޗެއް ކިޔައި މަސައްކަތް ފަށާފަ އެވެ. އަރަބި ބައެއް ގައުމުތަކުން ފާހަގަކުރާ ގޮތުގައި ފަލަސްތީނު މައްސަލައާއި ސީރިއާ މައްސަލަ އަދި ޔަމަނުގެ މައްސަލަ ހައްލުނުވެ ބޮޑެތި ގެއްލުންތައް ސަރަހައްދަށް ލިބެމުން ގޮސްފައިވަނީ އަރަބިން އެއްބައިވެފައި ނެތުމުންނެވެ.

ހުޅަނގުގެ އެދުމަށް ރަޝިއާއަށް ދަތިކުރުމަށް ފިޔަވަޅު އެޅުމަށްވެސް އަރަބި ގައުމުތަކުން ވަނީ ދެކޮޅު ހަދާފަ އެވެ. އަދި ރަޝިއާ އަކީ އަރަބި ހުރިހާ ގައުމަކާ ގާތް ވިޔަފާރީގެ ގުޅުންތައް އޮތް ގައުމަކަށް ވުމުން ހުޅަނގުން ބޭނުންވާހާ ގޮތަކަށް މިވަގުތު އަމަލުކުރަން ހުރި ގޮންޖެހުންތައް އަރަބި ދުނިޔެއިން ދަނީ ފާހަގަކުރަމުންނެވެ. ހަމައެހެންމެ ޗައިނާ އާއި އެކުވެސް އިގްތިސޯދީ ބޮޑެތި މަންފާހުރި ބިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތައް ހިނގަމުންދާތީ ޗައިނާގެ ގާތް ގުޅުންވެސް މިއޮތީ ޔޫކްރޭނު ހަނގުރާމައިގައި ޖީ7 އިން ބޭނުންވާ ގޮތަށް ދީލާލެވޭނެ ފަދަ ގޮތަކަށް ނޫނެވެ.

މިހުރިހާ ކަމެއް މިހެން ހުރުމާއެކު އަރަބިންގެ އަމާޒު މިވަގުތު ހުއްޓިފައި މިހުރީ އަރަބިން އަރަބިންގެ މައްސަލަ ހައްލުކޮށް އަރަބިންގެ މިނިވަންކަމާއި އިސްތިގްލާލާއި ރައްކާތެރިކަން އަރަބިން އަމިއްލައަށް ހޯދައި އެހެން ބަޔަކަށް ބަރޯސާ ނުވުމުގެ މައްޗަށް މިސްރާބު ހިފާފަ އެވެ. އެގޮތުން އެއްވެސް ފަޅިއަކަށް ނާރައި އަރަބި ހުރިހާ ގައުމެއްގެ ސިޔާސަތުވެސް މިވަގުތު ހުރީ މިނިވަންކަމާއެކު މަސައްކަތްކޮށް އަރަބިންގެ މަސްލަހަތަށް ފައިދާވާނެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށެވެ.

އަރަބި ލީގުގެ ސަމިޓްގައި އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ ޔޫކްރޭނުގެ ރައީސް ޒެލެންސްކީ އިއްޔެ އަރަބި ލީގުގެ ސަމިޓަށް ވަޑައިގެން ހަނގުރާމަ ހުއްޓުވުމަށް އަރަބިންގެ މަދަދަށް އެދިވަޑައިގަތުމެވެ. މިއަދުގެ ވަގުތެއްގައި ޖީ7ގެ ސަމިޓަށް ވަޑައިގެން އެގައުމުތަކުގެ އެހީތެރިކަން މިހާރަށްވުރެ ބޮޑަށް ހޯދުމަށް ޒެލެންސްކީ މަސައްކަތް ކުރައްވާނެ ކަމަށްވެސް ބުނެވެ އެވެ.

ޒެލެންސްކީ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ އިގްތިސޯދީ ބާރުތަކުން ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ބާރުއެޅުމަށާއި އަދި ނޭޓޯގެ މަދަދާއެކު އިތުރަށް ހަމަލާތައް ވަރުގަދަ ކުރުމަށެވެ. މިގޮތުން ރަޝިއާ ދޫދީ ހަނގުރާމަ ނިންމުމަށް ރަޝިއާ ބޯލެނބުމަކީ ހުޅަނގުން އުއްމީދު ކުރާ ގޮތެވެ. ނަމަވެސް މިހަނގުރާމަ އެއަށްވުރެ ނުރައްކާވެ ސީރިއަސް ވެފައިވަނީ ރަޝިއާގެ ފުރިހަމަ ބާރު މިހަނގުރާމައިގައި ބޭނުންކުރަމުން ދިއުމާ ހަނގުރާމަ ހުއްޓުމުގެ އެއްވެސް ކުލަވަރެއް ނުފެންނާތީ އެވެ. އަދި ހަނގުރާމަ ދިގުލައި ރަޝިއާއިން އެންމެފަހުން އައު ހަރުފަތަކަށް ހަނގުރާމަ ގެންގޮސް މުޅިން އާމަރުހަލާ އަކަށް ހިނގައިދާނެތީއާއެކު އޮތް ބިރުވެސް ބޮޑެވެ. މި ދެ ސަމިޓުގައިވެސް މިކަމުގެ ކަންބޮޑުވުން އިންތިހާއަށް އެބަ އޮތެވެ.

ޗައިނާއިން އިސްނަގައިގެން މިވަގުތު ސެންޓްރަލް އޭޝިއާގެ ހަ ގައުމަކާއެކު ޗައިނާ-ސެންޓްރަލް އޭޝިއާގެ ސަމިޓްވެސް މިދަނީ ބާއްވަމުންނެވެ. މި ސަމިޓް ފެށިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޗައިނާގެ ހުޅަނގު އުތުރު ސިޓީއެއް ކަމުގައިވާ އަދި ކުރީގެ މަޝްހޫރު ސިލްކް ރޯޑް ނިމޭ ހިސާބުކަމަށް ބުނާ ޝާންޒީ ސަރަހައްދުގެ ޝިއާންގައި ބޭއްވުނު މި ސަމިޓުގައި ކަޒަކްސްތާން، ކިރިގިސްތާން، ތަޖިކިސްތާން، ތުރުކެމޭނިސްތާން އަދި އުޒްބެކިސްތާން ބައިވެރިވެ އެވެ.

މި ސަމިޓްގެ ބޭނުމަކީ ސެންޓްރަލް އޭޝިއާގެ ގައުމުތަކުގެ ތަފާތުތައް އެއްކައިރި ކުރުމަށްފަހު ވިޔަފާރިއާއި އިގްތިސޯދީ ގޮތުން ލާމެހި މިހާރަށްވުރެ ބޮޑަށް ޗައިނާ އިން މި ގައުމުތަކާއެކު ވަރުގަދަ އިގްތިސޯދީ ގުޅުމެއް ބިނާކުރުމެވެ. ޗައިނާގެ ގްލޯބަލް އިނިޝިއޭޓިވްގެ ދަށުން މިގައުމުތަކުގެ އިސްތިގްލާލާއި މިނިވަންކަމާއި ހިމާޔަތް ގުޅިގެން ދިފާއުކުރުމަށް ސަމިޓްގައި މިހާރުވެސް ވަނީ އެއްބަސްވެފަ އެވެ. ހާއްސަ ގޮތެއްގައި ޓެކްނޮލޮޖީގެ އެހީތެރިކަމާއި އެގްރިކަލްޗާ އިންވެސްޓްމަންޓްތަކާއި އަދި ޓްރާންސްޕޯޓް ވިއުގަތައް ގާއިމުކުރުމަށްވެސް ވަނީ އެއްބަސްވެފަ އެވެ. އަދި ޗައިނާ އިން މިވަގުތު ތިން ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނައިން މިގައުމުތަކަށް އެހީވުމަށް ވަނީ ނިންމާފަ އެވެ.

ސަމިޓްގައި ޗައިނާގެ ރައީސް ޝީ ވިދާޅުވެފައިވާ ގޮތުގައި މިގުޅުން ބިނާވެގެން ދާނީ ނަސްލީ، ދީނީ އަދި ސަގާފީ ތަފާތުތައް އެއްފަރާތް ކުރުމަށްފަހު އެއްބައިވަންތަކަމާއި، ބަލައިގަތުމާއި އަދި އެކުވެރިކަމުގެ މައްޗަށް ކަމަށެވެ. އަދި ދެބަސްވުމާއި ދެކޮޅު ހެދުމާއި އަމިއްލަ އެދުންތަކަށް މި ޖަމާއަތުގެ އެއްވެސް މެންބަރަކު ދީލާނުލުމަށް ޝީ ގޮވާލެއްވި އެވެ. މިގައުމުތަކާއި އެކު ސަރަހައްދުގެ އަފްއާނިސްތާނުގެ ގުޅުން ރަނގަޅުކޮށް ސުލްހަ ގާއިމުކޮށް އެގައުމު އާރާސްތުކުރުމަށްވެސް މަޝްވަރާ ކުރެވިފައިވެ އެވެ.

ބައިނަލްއަގްވާމީ މަސްރަހުގައި ހިނަގމުންދާ މި ތިން ސަމިޓުންވެސް ފެނިގެންދާ އެއްގޮތް ކަންތައްތަކެއް އެބަހުއްޓެވެ. ތާރީހީ ގޮތުންނާއި އަދި ޖިއޮގްރަފީގެ ގޮތުން މިސަރަހައްދުގެ ބޮޑެތި ބާރުތަކުން އެ ގައުމުތަކުގެ އިސްތިގްލާލާއި މިނިވަންކަމާއި ރައްކާތެރިކަން އަމިއްލައަށް ދިފާއުކުރުމަށް މިދަނީ ގުޅުން ބަދަހިކުރަމުންނެވެ. އެގޮތުން އިގްތިސޯދީ ގޮތުން އެގައުމުތަކަށް ފައިދާވާނެ ނިންމުންތައް ނިންމައި އެހެން ސަރަހައްދުތަކާއި މިނިވަންކަމާއެކު ގުޅުން ބަދަހިކޮށް އަމިއްލަ މަސްލަހަތު ދިފާއުކުރުމުގެ މަސައްކަތް ހުރިހާ ބޮޑެތި ގައުމުތަކުން މިދަނީ ކުރަމުންނެވެ. ހުޅަނގާއި ދުނިޔޭގެ އެހެން ބާރުތަކާއި ދެމެދު ހިޔާލުތަފާތުވެފައިވާއިރު އިގްތިސޯދީ ގޮތުން ހުޅަނގުގެ ބާރު ކުޑަކުރުމަށްޓަކައި ޑޮލަރުގެ ބަދަލުގައި އެހެން ފައިސާ ބޭނުން ކުރަން ފަށާފައިވުމާއި ތެލާއި ހަކަތައިގެ ކޮންޓްރޯލް މި ބާރުތަކުން ގެންގުޅޭގޮތާ މެދު ހުޅަނގާއި މިބާރުތަކާއި ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ހައްލު ހޯދުމަށްވެސް މިހުރިހާ ސަމިޓެއްގެ އެޖެންޑާގައި ހިމެނެ އެވެ.

އެހެން ގޮތަކަށް ބަލާއިރު މިސަމިޓްތަކުން ފެނިގެން މިދަނީ ދުނިޔޭގައި މިހާރު އޮތް ވޯލްޑް އޯޑާ ނުވަތަ ދުނިޔެއަށް އަމުރުމައުރޫފް ހިންގާ ގޮތް ބަދަލުވެ ގިނަ ބާރުތަކެއް އެކުލެވޭ މަލްޓި ޕޯލާ ވޯލްޑް އޯޑާ އެއްގެ މައްޗަށް ބިނާވަމުންދާ ތަނެވެ. އެއްފަރާތުގައި ހުޅަނގު އޮތް އިރު، މެދުގައި ޗައިނާ އާއި ސަރަހައްދީ ގައުމުތައް އަދި ރަޝިއާގެ ގުޅުން އިސްތިރާޖީ ގޮތުން ބޮޑުވެފައިވާއިރު އިރު، އަރަބި ގައުމުތައް މިވަނީ އިސްތިރާޖީ ގޮތުން އެއްބައިވަންތަކަމާއި ދިމާލަށް މިސްރާބު ޖަހައި އަދި އިންޑިއާ، ބްރެޒީލާއި އިންޑޮނީޝިއާ ފަދަ ގްލޯބަލް ސައުތް މި އިން ވަކިކޮޅެއް ނުނެގުމަށް ނިންމާފައިވާ ތަނެވެ. ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ރަޝިއާ ޔޫކްރޭނު ހަނގުރާމަ އަކީ މި ތިން ސަމިޓްގައިވެސް އެންމެ މުހިންމު މައުޟޫއަށް ވެފައިވަނީ މިހަނގުރާމައިގެ ނުރައްކާ މުޅި ދުނިޔެއަށް އިންތިހާއަށް އޮތުމުންނެވެ. މިއީ މިވަގުތު ދުނިޔޭގެ ސުލްހައަށް ދިމާވެފައިވާ އެންމެ ދަތި މައްސަލަވެސް މެއެވެ. މިމައްސަލަ ހައްލުނުވެ ދިގުލައި ދަމުންދާވަރަކަށް ދުނިޔޭގެ ސުލްހަ މިވަނީ ނުރައްކަލެއްގެ ތެރޭގަ އެވެ.