ދުނިޔެ

ޗައިނާ އަކީ ނުރައްކަލެއް ކަމަށް ޖީ ސެވަނުން ބުންޏަސް ދުނިޔެ ގަބޫލެއް ނުކުރޭ: ޗައިނާ

ޗައިނާ އަކީ ދުނިޔެއަށް ނުރައްކަލެއް ކަމަށް ޖީ ސެވަން ގައުމުތަކުން ބުންޏެއް ކަމަކު އެކަން ގަބޫލުކުރާ ބަޔަކު -- ޖީ ސެވަން އަށް ނިސްބަތްވާ ގައުމުތައް ފިޔަވައި -- ދުނިޔޭގައި ނެތް ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވާ ޗުނިންގް ވިދާޅުވީ ޗައިނާ އަކީ ބައިނަލްއަގްވާމީ ގާނޫންތަކާ ތަކުރާރުކޮށް ޚިލާފުވާ ގައުމެއް ކަމަށް ބުނެ ޖީ ސެވަން ގައުމުތަކުން ދުނިިޔެ މޮޔަހައްދަން ކުރާ އެއްވެސް މަސައްކަތެއް ވެސް ކާމިޔާބު ނުވާނެ ކަމަށެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި ޗައިނާ އަށް ވުރެ ބޮޑު ނުރައްކަލެއް ދުނިޔެ އަށް ނެތް ކަމަށް ޖީ ސެވަންގެ ބައެއް ގައުމުތަކުން ބުނެ އެވެ. އެކަމަކު އެއީ ކޮން ބަޔަކު ގަބޫލުކުރާތީ ދައްކާ ވާހަކައެއްތޯ ތަރުޖަމާން ސުވާލުކުރެއްވި އެވެ.

ދުނިޔޭގެ ބޯކާލައި މޮޔަހައްދަން ޗައިނާއޭ ކިޔައިގެން ދައްކަން ޖީ ސެވަންއަށް އާ ވާހަކަތަކެއް ނެތް ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ. އަބަދު އެއް ވާހަކައެއް ދެއްކުން ދުނިޔެއަށް މިހާރު ވަނީ ވަރަށް ބޮޑު ފޫއްސަކަށް ވެފައި ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

ވާ ޗުނިން ވިދާޅުވި ގޮތުގައި ޗައިނާ އަކީ ދުނިޔޭގެ އިގުތިސާދުގެ މައި އިންޖީނެވެ. ޖީ ސެވަންގެ ހުރިހާ ގައުމުތަކަކުން ދުނިޔޭގެ އިގުތިސާދަށް ހޭދަނުކުރާ ވަރަށް ޗައިނާ ހޭދަކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާ އަކީ ދުނިޔޭގެ 140 ގައުމަކާ އެކު އިގުތިސާދި ބާރުގަދަ މުއާހަދާތައް ހަދައި ދުޅަހެޔޮ ހާލަތުގައި ދަމަހައްޓަމުން އަންނަ ގައުމެއް ކަމަށް ވެސް ވާ ޗުނިންގް ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވީ އދ. މެދުވެރިކޮށް ދުނިޔޭގެ ސުލްހަ އަށް ކުރާ މަސައްކަތްތަކުގައި ވެސް ޗައިނާ އަކީ ދެވަނަ އަށް އެންމެ ބޮޑު ބާރު ކަމަށެވެ.

ޗައިނާ އަކީ ދުނިޔޭގެ ސަލާމަތަށް ބިރަކަށްވާ ނަމަ ޖީ ސެވަންގައި ހިމެނޭ ބައެއް ގައުމުތަކުން މިނިވަން ދައުލަތްތަކަށް އަރައިގަނެ ހަނގުރާމަކޮށް ސަރުކާރު ވައްޓާލުމަކީ ކޮން ކަހަލަ ކަމެއްތޯ ތަރުޖަމާން ސުވާލުކުރެއްވި އެވެ.

އޭރުން އެ ގައުމުތަކަށް ޖީ ސެވަނުން ދޭނީ ކޮން ދަރަޖައެއްތޯ ވެސް ތަރުޖަމާން ސުވާލުކުރެއްވި އެވެ.

ޖީ ސެވަން އަށް ނިސްބަތްވާ ގައުމުތަކުން ބޮޑެތި މުއާހަދާތައް ސަބަބެއް ނެތި ރޫޅާލައި ބޮޑާވެ ގަތުމަކީ ދުނިޔޭގެ އިގުތިސާދަށް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ޗައިނާ ގަބޫލުކުރާ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

ވާ ޗުނިންގް ވިދާަޅުވި ގޮތުގައި އެމެރިކާ އިން ވަނީ ޔުނެސްކޯ އާއި ޑަބްލިޔުއެޗްއޯ އިން ވެސް ވަކިވެފަ އެވެ. އަދި ޕެރިސް އެގްރީމަންޓާއި އިންޓަމީޑިއޭޓް-ރޭންޖް ނިއުކްލިއާ ފޯސަން ޓްރީޓީން ވެސް އެމެރިކާ ވަނީ ވަކިވެފަ އެވެ.

ތަރުޖަމާން ވިދާޅުވީ 1945 އާއި 2001 އާ ދެމެދު ހިނގައިދިޔަ 248 ހަނގުރާމައިގެ ތެރެއިން 201 ހަނގުރާމަ ފަށައިގަތީ އެމެރިކާ އިސްވެ އޮވެގެން ކަމަށެވެ.