ދުނިޔެ

ޗައިނާއިން ހަތަރު މަހަށްފަހު އެމެރިކާއަށް އާ އެމްބެސެޑަރެއް

ޗައިނާއިން އާ އެމްބެސެޑަރެއް އެމެރިކާއަށް ކަނޑައަޅައިފި އެވެ. އޭނާގެ ނަމަކީ ޝެއި ފެންގް އެވެ. އުމުރަކީ 59 އަހަރެވެ. މަގާމާ ހަވާލުވެ ވަޑައިގަތީ އިއްޔެގެ ވަގުތެއްގަ އެވެ.

ޝެއި ފެންގް ވޮޝިންގްޓަނަށް ވަޑައިގެން ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި އަމާޒަކީ އަދި އުއްމީދަކީ ވެސް ޗައިނާ އާއި އެމެރިކާއާ ދެމެދުގައި މިހާރު ހީނަރުވެފައި އޮތް ގުޅުން އިއާދަކުރެއްވުމެވެ.

އެމެރިކާގައި މަސައްކަތްކުރެއްވި ނަމަވެސް އަމިއްލަ ޝައުގުވެރިކަމަށް ވުރެ ޗައިނާގެ މަސްލަހަތު މުހިންމު ކަމަށް ދެކެވަޑައި ގަންނަވާނެ ކަމަށް ޝެއި ފެންގް ވިދާޅުވި އެވެ. އެމެރިކާގެ މަސްލަހަތު އޮންނާނީ ދެވަނައަށް ކަމަށްވެސް ވިދާޅުވި އެވެ.

ޖަޕާންގެ ހީރޯޝިމާގައި އޮތް ޖީ ސެވަން ސަމިޓްގައި ތަގުރީރުކުރައްވަމުން އެމެރިކާގެ ރައީސް ވަނީ ޗައިނާ އާއި އެމެރިކާއާ ދެމެދުގައި އޮތް ގުޅުން ރަނގަޅު ނޫން ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ދެ ގައުމުގެ ގުޅުން އޮތީ ކައިރި މުސްތަގުބަލެއްގައި ރަނގަޅުވާ ގޮތަކަށްވެސް ނޫނެވެ.

އެމެރިކާގައި ކުރިން ހުންނެވި ޗައިނާ އެމްބެސެޑަރު ޗިން ގަންގް އެހެން މަގާމަކަށް -- ޗައިނާގެ ފޮރިން މިނިސްޓަރުގެ މަގާމަށް ޖެނުއަރީ 5، 2023 ގައި ބަދަލުކުރެއްވި ފަހުން، ހަތަރުމަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް، އެމެރިކާއަށް އާ އެމްބެސެޑަރަކު ޗައިނާއިން ކަނޑައަޅާފައެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޝެއި ފޮންގް އަކީ އެމެރިކާ ވަރަށް ރަނގަޅަށް ދެނެވަޑައިގަންވާ ބޭފުޅެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ސަފީރުކަން ލިބިވަޑައިގަތުމަކީ ހަމައެކަނި ލިބިވަޑައިގެންނެވި ޝަރަފެއް ނޫނެވެ. އެއީ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާގެ ޓީމަށް ބުރަ މަސައްކަތްތަކެއް އޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވަމުން ޝެއި ފޮންގް ވިދާޅުވީ މަސައްކަތްތަކުން މޭވާ ހާސިލުކުރައްވާނެ ކަމަށެވެ.