( 19 މެއި 2023 އާ ގުޅޭ )
"ޓްރޫ ޖެންޓްލްމޭން." ހިތާހިތާ އަހަރެން ކިޔާލީމެވެ. އިސްއޮބާލައިގެން ފައިދޮށަށް ބަލަމުން އަހަރެން ކުރިޔަށް އައީމެވެ. ޖެހިލި ވައިރޯޅި އަހަރެންގެ އިސްތަށިގަނޑު ހާވާލިއެވެ. ފިނިފިނި އިނގިލިތަކެއްގެ ބީހުން އިޙްސާސް ކުރެވުނީ އެހިނދުއެވެ.
"ވަރަށް ވައިގަދަ" ފަޒީލުގެ ދޮންބެ ބުނެލިއެވެ.
ފިޔަވަޅު މަޑުޖެހިފައި އަހަރެން ހުރީމެވެ. އޭނާއަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާގެ މޫނުމައްޗާ ދިމާއަށް ވިހުރެމުންދިޔަ އަހަރެންގެ އިސްތަށިތަކުން އޭނާ ސަލާމަތްވާތީ ދުށީމެވެ. އަހަރެންގެ ކޯތާފަތުގައި ބީހިލީ އޭނާގެ އިނގިލިތަކެވެ. ގަނޑުފެންކޮޅެއްހާ އެ ފިނި އިނގިލިތަކުން އަހަރެންގެ ހޭވިފައިވާ އިސްތަށިގަނޑު އެއް އަތުން ރީތިކޮށްދެއްމުން ދިޔައިރު އޭނާގެ ސަމާލުކަންވަނީ އެކަމަށް ދެވިފައިވިއެވެ. އިސްތަށްޓަކަށް ވާންވެލިއަ ނުދީ އޭނާ އުޅުނީ މަޑުމަޑުން ނިކަން ފަރުވާތެރިކަމާއެކު ބަލައިގެންނެވެ.
"އޯކޭ." އަހަރެންގެ މޫނު ފޮރުވެމުންދިޔަ އިސްތަށިތައް އެއްފަރާތްކޮށްލަ ދީފައި އޭނާ އަހާލިއެވެ.
ގަނޑުވެފައި ހުރި އަހަރެންގެ ހަށިގަނޑަށް ދިރުން ލިބިގެން ދިޔައީ އެވަގުތެވެ. ހަރަކާތެއްކޮށްލަން މީގެ ކުރީން ނޭނގިފައި ހުރީ އޭނާގެ ގާތްކަން ފެނިފައެވެ. ރަކި ހިނިތުންވުމަކާއެކު އަހަރެން ބޯޖަހާލީމެވެ. އަދި އަވަސް އަވަހަށް ދެ އަތުން އިސްތަށިގަނޑު އެއްކޮށްލައި ކަނާއަތްފަރާތު ކޮނޑުމަތިން ކުރިމައްޗަށް ގެނެސް ހިފަހައްޓާލީމެވެ. އަހަރެން އިސްއޮބާލިއިރު އޭނާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއްވާތީ ދުށީމެވެ.
ކާރުގެ ކުރީ ދޮރުފަތް އަހަރެންނަށް ޓަކައި އޭނާ ހުޅުވާދިނެވެ. އަހަރެން އެރުމުން ދޮރުފަތް ލައްޕާލާފައި އޭނާގެ އަތުގައި އޮތް ކުޑަ ލައްޕާލަމުން އައިސް އަނެއްފަރާތުން ކާރުގެ ޑްރައިވަރު ސީޓަށް އެރީއެވެ. ކާރުތެރެ ވެސް ވަރަށް ފިންޏެވެ. ހަމައެއާއެކު ކުރީން އެ ކާރު ތެރެއިން ނުދުވާ މީރުވަހެއް ނޭފަތުގައި ޖެހުނެވެ. ކާރުގައި ވައިދައުރުކުރާ ބަޔަށް ޖަހާފައި އިން ފުޅި ފެނުނީ އަހަރެން ތަންކޮޅެއް ރަނގަޅަށް ކާރަށް ބަލާލީމައެވެ. އިތޫމެންގެއަށް ދާން އަހަރެމެން ދަތުރުފެށިއިރު ކާރުތެރެއަށް އޮތީ ހިމޭންކަން ވެރިވެފައެވެ. ފަޒީލާ ޚިލާފަށް ފަޒީލުގެ ބޭބެ މިވީ ބަސްމަދު މީހަކަށްތާއޭ އަހަރެން ހިތަށް އެރިއެވެ. އަހަރެން އިނީ އޭނާ ކޮންމެވެސް ވާހަކައެއް ދައްކާނެ ކަމަށެވެ. ނަމަވެސް ހިމޭންކަން ދިގުލައި އަހަރެންގެ މަންޒިލަށް ފޯރާއިރު ވެސް އޭނާ އަނގައިން ނުބުނާނޭ ހީވާންފެށީމާ އަހަރެން އިސްވެ ވާހަކަދައްކަން ނިންމީމެވެ.
"ނަމެއް ވެސް އަދި ނޭނގޭ." އަހަރެން އޭނާއަށް ބަލާލީމެވެ.
"ފަޒީލު ނުބުނޭތަ؟." އޭނާ ބުންޏެވެ. މަގުމައްޗަށް ސަމާލުކަން ދީގެން އިންވަރުން ވާހަކަދެއްކީ އަހަންނަށް ބަލާ ވެސް ނުލައެވެ.
"ނުބުނޭ. ތީ އޭނާގެ ހުރި ހަމައެކަނި ދޮންބެކަން އެނގެނީ." މިހެންބުނެ އަހަރެން ހިނިތުންވެލީމެވެ. މިފަހަރު އޭނާގެ ތުންފަތް ކުޑަކޮށް ދެމިލިއެވެ.
"ފައިސަލް." އޭނާ ނަން ބުންޏެވެ.
"ފައިސަލްގެ މަސައްކަތް ވަރަށް ފުރިހަމަ. އެކްޗުއަލީ ޔޯ އައިޑިއާޒް އާ ބްރިލިއަންޓް. ރަށަކުން އަހަރެން ދުށް އެންމެ ރީތި ގެސްޓްހައުސް އޯޝަން ޕެރެޑައިސްއަކީ. ހަމައެކަނި ޕޫލެއް ނެތްކަން. އެކަމަކު އެހާ ކައިރީގައި މޫދު އޮތީމަ ޕޫލެއް މުހިންމެއް ވެސް ނޫން ކަންނޭނގެ. މޫދު ވެސް އެހާ ރީތި. ވަރަށް ހަމަހިމޭން ހިތްފަސޭހަ މާޙައުލެއް. ފަޒީލު ކައިރީ ވެސް ބުނިން މުޅިތަން ޑިޒައިންކޮށްފައި ހުރި ގޮތުން ރިސޯޓެއްގައި ހުރެވުމެކޭ ތަފާތެއް ނެތޭ." އަހަރެން ބުނީމެވެ. މިފަހަރު ފައިސަލްގެ ނަޒަރު އަހަރެންނަށް ދަތުރުކޮށްލިއެވެ. އަހަރެން ކުރި ތަޢުރީފު އޭނާއަށް ކަމުދިޔައީހެން ހީވެއެވެ.
"ޑޫ ޔޫ ތިންކް ސޯ." ފައިސަލް އަހާލިއެވެ. ޔަގީންކަން ދޭ ފަދައަކުން އަހަރެން ބޯޖަހާލީމެވެ. އޭނާގެ ތުންފަތުގައި ދުވެލި ހިނިތުންވުން ނިކަން ފުޅާވެލިއެވެ. އެއާއެކު ދެ ފަރާތުން ކޮލުގައި އަޑިކޮޅެއް އުފެދުނެވެ. ފިރިހެންވަންތަކަންވީ ޖާދޫވީ ހިނިތުންވުމެކެވެ. އެހާ ސީރިއަސް މޫނަކުން އެފަދަ އަސަރެއް ފާޅުވެދާނޭ ހިޔެއް ވެސް ނުކުރަމެވެ. އެ ހިނިތުންވުން ފެންނަ މީހަކަށް ވެސް ހިނިތުންވާން މަޖުބޫރުކުރާ ފަދަ އަސަރެއް ވިއެވެ. ތުނިތުނިކޮށް ބަހައްޓާފައި ހުރި ތުނބިޅިމަތިމަހުގައި އޭނާ ވައަތްތިލަ ހިންގާލި ގޮތުން ހީވީ މާބޮޑަށް ހިނިތުންވެވުނީތީ ލަދުން އެ ހިނިތުންވުން ފޮރުވަން އުޅުނީ ހެންނެވެ.
"އަދި ވާހަކައެއް ބުނަންތަ؟." ބޯއަރިކޮށްލައިގެން ފައިސަލްގެ މޫނަށް ގެއްލި އިނދެ އަހަރެން ބުނީމެވެ. އޭނާ އަހަންނަށް ބަލާލަން އުޅެފައި ވެސް އަހަރެން ބަލަން އިނީތީ ރަކިވެގެން ނުބެލިއެވެ.
"ބުނެބަލަ." ހިނިތުންވުން ފޮރުވަން ތުންބައްދަމުން ފައިސަލް ބުންޏެވެ.
"އެއްވެސް މީހަކު ބުނިތަ ފައިސަލްއާ ޝާހްރުކްއާ ވައްތަރޭ." އަހަރެން އަހާލީމެވެ. އަހަރެން މިހާ އަނގަގަދަވެދާނޭ ހިޔެއްނުކުރަމެވެ. އެކަމަކު ފައިސަލް ލައްވާ ވާހަކަދައްކުވާ ހިތުން އިނީތީ އަހަރެން އެ އެދުން ފުރިހަމަވާނީ އަހަރެން އޭނާއާ ވާހަކަދެއްކި ވަރަކަށްކަން އެނގެއެވެ.
"ވަޓް." ޤަބޫލުނުކުރެވިފައި ފައިސަލް ބުނެލިއެވެ.
"ހަމަ ސީރިއަސްކޮށޭ. ފައިސަލް ހީނލީމަ ވަކިން ވައްތަރު. ޝާހްރުކް ހެވިފައި ހުރި ފޮޓޯއެއް ބަލާބަލަ. ހަމަ ތިގޮތަށް އަޑިކޮޅެއް ހުންނާނެ. ފޭސްކަޓް ވެސް ހަމަ ތިހެން." އަހަރެން ބުނީމެވެ. ސީރިއަސްކޮށް ވެސް އަހަރެންނަށް ޝާހުރުކްއާ ފައިސަލް ވައްތަރުވީއެވެ. ޚާއްޞަކޮށް އޭނާ ހިނިތުންވެލާއިރުއެވެ. އެ މޫނަށް ގިނައިން ބެލިވަރަކަށް އެ ދެ މީހުންގެ މޫނުގައި އެއްގޮތަކަމެއް ހުރިކަން ފާހަގަވީއެވެ. އަހަރެން އެހެން ބުނީތީ ފައިސަލް ހީނގަތީ ހުނުންގަނޑު ނުހިފެއްޓިގެން ހީނގަތް މީހަކު ފަދައިންނެވެ. ހިތް ވިރިގެންދާފަދަ ފިރިހެންވަންތަ ހުނުމުގެ އަޑު ކާރުތެރޭ އިރުކޮޅަކަށް ހުއްޓެވެ. އަހަރެންނަށް ފެންނަމުންދިޔަ މަންޒަރު ޚާއްޞަވެގެން ދިޔައިރު އެކަމުގައި އެކުލެވިފައިވީ އަސަރުތައް ޚުދު އަހަންނަށް ވެސް ދުލުން ބަޔާންކުރާން ދަތިވެއްޖެއެވެ. ތެދަށް ބުނަންޏާ ފައިސަލް ހޭތަން ފެނި އަހަރެން މިވަނީ ބަސްހުއްޓިފައެވެ.
"ޔޫ އާ ފަނީ... އިންޓްރިގިން ޓޫ." ހުނުން ހުއްޓާލާފައި މާނަވީ ބެލުމަކުން އެ ތޫނު ދެ ލޯ އަހަރެންނަށް އަމާޒުކޮށްލަމުން ފައިސަލް ބުންޏެވެ. އޭނާގެ ވާހަކަދެއްކުމުގައި ވެސް ތަފާތު ގޮތެއް ހުއްޓެވެ. އަހަރެން ބަދަލުކޮށްލީ ހަމައެކަނި ހިނިތުންވުމެކެވެ.
"ސޯ... މީހަކު ބުނިތަ އެހެން." އަނެއްކާ ވެސް އަހަރެން އަހާލީމެވެ.
"ޔޫ އާ ދަ ފަސްޓް." ހެވިފައި އިނދެ ދެ ފަރާތަށް ބޯހުރާލާފައި ފައިސަލް ބުންޏެވެ.
"އެހެންވީރު ތި މޫނަށް އަންހެންކުއްޖަކު ނުބަލަނީ." މިފަހަރު އަހަރެން ބުނެލީ ތަންކޮޅެއް މަޑުންނެވެ. ފައިސަލް އަހަންނަށް ބަލާލައިފައި ވެސް އެއްވެސް އެއްޗެއް ނުބުންޏެވެ.
ވާހަކަދައްކަން ކިތަންމެ ބޭނުންވެފައި އިނަސް އިތުރަށް ދައްކާނޭ ވާހަކައެއް ނޭނގުނެވެ. އެހެންވެ މަޑުމަޑުން އިނީއެވެ. ދޭތެރެއަކުން ފައިސަލް އަހަންނަށް ބަލާލާކަން އެނގެއެވެ. އަދި އެ ބަލާލުމާއެކު ފަނޑު ހިނިތުންވުންވުމެއް އެ ތުންފަތަށް ވެރިވާތީ ދުށީމެވެ.
"މި ހިސާބުން ކޮންގެއެއް." އިތޫމެންގޭ މަގަށް ނުކުމެވުމުން ފައިސަލް އަހާލިއެވެ. އަހަރެން އޭނާއަށް އިތޫމެންގެ ދެއްކީމެވެ. ކާރުގެ ދުވެލި އޭނާ މަޑުކޮށްލިއެވެ. އަހަރެން ދެއްކި ދޮރޯށްޓާ ހަމަވުމުން ކާރު މަޑުކުރިއެވެ. އިތޫމެންގޭ ހުންނަ ހިސާބު އެނގުނަސް އެއީ ކޮންގެއެއްކަން ފައިސަލްއަށް ނޭނގޭކަން އަހަރެންނަށް އެނގުނީ ދެނެވެ. އެހެންވީމަ އޭނާއަށް މިހިސާބަށް އަންނަން ކިޔާދިން މީހަކީ ފަޒީލޭ އަހަރެންގެ ހިތުގައި އޮތެވެ.
"ތޭންކްސް ވަރަށް ބޮޑަށް. ދަނީ އިނގޭ." ކާރުގެ ދޮރުފަތް ހުޅުވާލުމުގެ ކުރީން ފައިސަލްއަށް ބަލާލައި އަހަރެން ބުނީމެވެ. އޭނާ ހޫން ލައްވާލައި ބޯޖަހާލީއެވެ. އަހަރެން ކާރުން ފޭބީމެވެ. ދޮރުފަތް ލައްޕާލަން އުޅެފައި އަލުން ހުޅުވާލައި ގުދުވެ ކާރުތެރޭ އިން ފައިސަލްއަށް ބަލާލީމެވެ. އޭނާ ނިކަން އަވަހަށް ނިތްއަރުވާލީ ކިހިނެއްތޯވީ އަހާފަދައިންނެވެ.
"ސީ ޔޫ ލޭޓާ ޝާހްރުކް." ހިނިއައިސްފައި އަހަރެން ބުނެލީމެވެ. އަހަރެންގެ މަޤްޞަދު ހާސިލުވިއެވެ. ފައިސަލް ހޭންފެށިއެވެ. އެއީ ޝައުގުވެރި މައުސޫމްކަމެއް އެކުލެވިފައިވާ ހުނުމެކެވެ. އަހަންނަށް ބާއި އޭ އޭނާ ބުނެލިއެވެ. އަހަރެން ދުރަށް ޖެހިލައި ކާރުގެ ދޮރުފަތް ލައްޕާލާފައި އިތޫމެންގެއަށް ވަންނަން އެނބުރިލިއިރު ދޮރޯށި ހުޅުވާލައިގެން ހުއްޓާ ފެނުނީ ހޫދެވެ. އަހަރެންގެ ހިނިތުންވުމާއި އުފާވެރި މޫޑު ހަރާބުވިއެވެ. އޭނާ ހުރީ އަހަރެންނަށް ބަލަހައްޓައިގެންނެވެ.
ދޮރޯށި ކައިރިޔަށް އަހަރެން އައުމުން ވެސް ހޫދު ތަނެއް ނުދެއްކިއެވެ. އެއްއަތުން ދޮރު ކައިރިކޮށްލައިގެން އޭނާ ހުރީއެވެ. ތުނިކޮށް ވިޔަސް ވާރޭ ވެހެއެވެ. ގިނައިރު އެހެން ހުންނަންވެއްޖެނަމަ އަހަރެން ތެމޭނެއެވެ. އަނެއްކޮޅުން ކުރިމަތީ މީހަކު ހުންނައިރު އަޅެ ނުފެނި ހުންނާނެ ހެއްޔެވެ. ހަމަ އެ އުޅެނީ އަހަރެންނަށް ޖެއްސުމަށްކަން ޔަގީނެވެ. ތުންދަމާލެވުނީ ފޫހިވެގެންނެވެ. ހޫދު މިޖަހާ ސަކަރާތް ބަލާނެހާ ކެތްތެރިކަމެއް މިވަގުތު އަހަރެންގެ ނެތެވެ.
"ކޯއްޗެއް ތިބަލަނީ. ރީތި ފިރިހެނަކު ދުށީ އަލަށްތަ." ދެއަތްއުރާލައިގެން ކައިރިޔަށް ޖެހި އަހަރެން ބަލަން ހުންނަން ފެށުމުން ހޫދު ބުންޏެވެ. އަޖައިބުވެ އަންތަރީސްވީވަރުން އަހަރެންގެ އަނގަ ހުޅުވިގެން ދިޔައީ ބޭއިޚްތިޔާރުގައެވެ. އަހަރެން ބަލަން ހުރީ އޭނާ ރީތިވެގެން ހެއްޔެވެ. ދުލުން ބޭއަދަބީ ބަހެއް ނުނިކުތީ ކިރިޔާއެވެ.
"ނޫޅެން ވަންނާކަށް. ދެން ނުވެސް އަންނާނަން." ދަތްކުނޑިވިކާލައި ވެފައި ހުރި ފޫހިކަމާއެކި އަހަރެން ބުނީ ހަރުކަށިކަމާއެކުއެވެ. އަދި މަޑުނުކޮށް އެނބުރި އެ ގެއާ ދުރަށް ހިނގައިގަތީއެވެ. ދަތްތައް ފުނޑުފުނޑުވާވަރަށް އަހަރެންނަށް ހުރެވުނީ ދެ ދަތްޕިލަ ޖައްސާ ބާރުކޮށްލައިގެންނެވެ. ހޫދުގެ މައްސަލައަކީ ކޮބާކަމެއް ނޭނގެއެވެ. ފުރަތަމަ ފެނުނު ވަގުތުން ފެށިގެން އޭނާއަށް އަހަރެން ކަމުނުދިޔައީބާއެވެ. އޭނާގެ ކޮޓަރީގައި އަހަރެން ބަހައްޓަން ހުއްދަ ދިނީ ވެސް އޭނާގެ ނުބައި ރޭވުމެއް އޮތީމައޭ ހިތަށް އެރިއެވެ. އެހެންނޫނީ އޭނާ އެހާ ފަސޭހައިން އެހެނެއް ނުބުނީހެވެ. އިތޫ ވެސް ހުރީ ހޫދުގެ އެ ނިންމުމާމެދު އަޖައިބުވެފައި ވިއްޔާއެވެ. އެނބުރި އަންނަން ނުވިސްނިކަން ނަސީބެކޭ ހިތާހިތުން ކިޔާލީމެވެ.
ތުނިކޮށް ވެހެމުން ދިޔަ ވާރޭގައި ފާރު ކައިރިން ހަރުކޮށް ހިނގަމުން އަހަރެން އައީމެވެ. މާ ދުރަކަށް ނުދެވެއެވެ. ފަހަތުން ދުވެފައި އައިސް އަހަރެންގެ އަތުގައި ހޫދު ހިފައިފިއެވެ. ގުދުވާ ގޮތަށް އެ އަތުގައި ދައިގަތްގަތީނު ހަންކޮޅާއި މަސްކޮޅާ ވަކިކޮށްލަންވީއޭ ހިތް ބުނެލިއެވެ. އެހިނދު ހޫދު ވާހަކަދެއްކިއެވެ.
"މިހިސާބަށް އައިސްފަ ދެން ދަނީ ކީއްކުރަން. އެހެންނޫނަސް އެންމެން އެ ތިބެނީ ނުކެވިފައި ވަކި މީހަކު ގެއަށް ނައިސްގެން. އަދިވެސް ވަގުތު ބޭކާރުކުރަންތަވީ." ހޫދު ބުންޏެވެ.
"އަމިއްލައަށް މާރީތިވެގެން އުޅޭ ފިރިހެނަކު ދޮރުވާނަކަށް ހުރެ އަހަރެން ވަނަ ނުދީނަމާ ދެން ދާނީ ދޯ." ފޫހިކަމާއެކު ބުނެލީމެވެ. ހޫދު އަހަރެންނަށް ބަލަން ހުރެފައި ހީނލީއެވެ.
"ރަތްވެ ރޮވެން ކައިރިވެފައި އިން ކުޑަކުޑަ ބޭބީއެއްހެން ހީވަނީ." ހިނިއައިސްފައި ހޫދު ބުނެލިއެވެ. އެހެން ބުނާއިރަށް އަހަރެން ދެ ލޯ އަޅާލީމެވެ.
"ދެން ހިނގާ. ދޮރުވާނެއް ނެތޭ މިހާރު. ޕްލީޒް." ހޫދު ބުންޏެވެ. އެއާއެކު އަހަރެން ލޮލުން އަތްދައްކާލަމުން އެދުނީ ފުރަތަމަ އަހަރެންގެ އަތުން ދޫކޮށްލުމަށެވެ. ހޫދު އަތުން ދޫކޮށްލިއެވެ. ތުންއަނބުރާލާފައި އަހަރެން އެނބުރި އެގެއަށް ވަންނަން އައީމެވެ. ހޫދު އައިސް އެއްވަރު ކުރަން އުޅުމުން ދުއްވައިގަތީއެވެ. އޭނާ ވަރަށް ކުޅަދާނައެވެ. އަހަންނަށްވުރެ މާ ހަލުވިއެވެ.
"ތި ދެ މީހުން އެކީތަ؟." އަހަރެންނާއި ހޫދު އެކުއެކީ ގެއަށް ވަންތަން ސީރަތަށް ފެނި އަހާލިއެވެ. އޭރު ސިޓިންރޫމު ސޯފާގައި އެ ޢާއިލާގެ އެންމެން ތިއްބެވެ.
"ގޮވައިގެން މިއައީ." އަހަންނަށް ބަލާލުމެއްނެތި ގޭތެރެއަށް ވަދެގެން ދަމުން ސަމާސާ ރާގުގައި ހޫދު ބުންޏެވެ.
"އިތޫގެ ކުޑަބެއަށް ދޮރޯށި ބަލަހައްޓަން ހަވާލުކޮށްފައްތަ އޮތީ." އަހަރެން ބުނީމެވެ. އިތޫގެ ބައްޕަ ހެވިފައި އިނެވެ.
"އާނަ ނައިސްގެން ކުޑަބެ އިރުއިރުކޮޅާ ބޭރަށް ނުކުމެ ބަލާ." އިތޫ ނިކަން ހިނިއައިސްފައި ބުންޏެވެ.
"ކޮބާ އަދިވެސް ކާންދާކަށް ނުވޭތަ؟." އެހެން މީހަކު އެއްޗެކޭ ބުނުމުގެ ކުރީން ހޫދު ބުންޏެވެ.
މެންދުރު ކާން އެރީ ޢާއިލާއެކީއެވެ. އަހަރެން އެގެއިން ކާތީއޭ ކިޔާފައި އެ ގޭގެ ސުފުރާމަތިން ޚާއްޞަ ކެއުންތަކެއް ތައްޔާރުކުރާތީ ނުދެކެމެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެ ސާދާކަން އަހަރެންނަށް ވަރަށް ކަމުދެއެވެ. ތަށިތަކުގައިވަނީ އެމީހުން އާންމުކޮށް ކައިއުޅޭ ބާވަތްތަކެވެ. ސިއްޙައްތައް ފައިދާ ހުރި ދިވެހި އުފެއްދުން ގިނައެވެ. އިތޫގެ ބައްޕައާއި ވާހިދު ދޮންބެ ކައިގެން ފޭބިއިރު އަދި ހޫދު ކައި ނުނިމެވެ. އޭނާގެ ހިތް ވެސް މޮޅޭ އަހަރެން ހިތަށް އެރީ އެންމެން އަތުން ކާއިރު ވެސް އޭނާއަށް އުލާއި ސަމްސަލުން ނޫނީ ކެވޭކަމަށް ނުވީމައެވެ. ފިހުނު މަސްކޮޅުން ކަށިފިލުވައި ތަށްޓަށް ލައިދިނީ ސީރަތެވެ. އެތަނުން އެކަކަށް ވެސް ނުދޭ ޚިދުމަތް އޭނާއަށް ލިބެމުންދިޔައެވެ. ކުޑަމިނުން ލުނބޯކޮޅު ވެސް ފިތާލަދޭން ޖެހުނީ ސީރަތަށެވެ.
"ފޮނިމީހާގަނޑު." ކާން އިން ހޫދުގެ ނަޒަރު އަހަރެންނަށް ހުއްޓުމާއެކު ކުދިކިޔާލީމެވެ. ތުންފަތުން ފާޅުނުވިޔަސް ހޫދުގެ ދެ ލޮލުން އޭނާ ހިނިއައިސްފައި އިން ކަހަލައެވެ.
އިތޫއާއި އަހަރެން ކައިގެން ތެދުވީ އެކީގައެވެ. ސިންކު ކައިރީ އަހަރެމެން ތަށިދޮންނަން ތިބިއިރު ފަޒީލުގެ މަންމައަށް ދިމާވި ދެރަ ކަންތައް އަހަރެން އިތޫއަށް ކިޔާދިނީމެވެ. އެ ވާހަކައިގެ ތެރެއިން ފައިސަލްގެ ވާހަކަ ބުނީމެވެ.
"އިތޫ ދުށީންތަ އޭނަ." އަހަރެން އަހާލީމެވެ.
"ފަޒީލުއާ ބައްދަލުވީ ވެސް މިރަށަށް އައިފަހުން. ދެން ކިހިނެއް އޭނާގެ ބޭބެ ފެންނާނީ." އިތޫ ބުންޏެވެ. އަހަންނަށް އަދިވެސް ފައިސަލްގެ އެ ހީނލުން ފެންނަ ކަހަލައެވެ. އެކަމަކު ދެން އިތުރަށް އެ ވާހަކައެއް ނުދައްކަމެވެ.
ކައިގެން އައިސް ސިޓިންރޫމުގައި ތިބީ އަހަންނާއި އިތޫގެ އިތުރުން އޭނާގެ ބައްޕައެވެ. ދެން އުޅޭ މީހުން އެމީހުންގެ ކޮޓަރިތަކަށް ގޮސް ވަނީއެވެ. ހުޅަނގު މޫސުމުގެ އެންމެ ވިއްސާރަ ދުވަސްކޮޅާ ދިމާކޮށްކަން އަހަރެން އައީ އިތޫގެ ބައްޕަ ފާހަގަކުރިއެވެ. ވާރެޔާ ހެދި ކަމެއް ވެސް ރާވާނުލެވޭނެތީއެވެ. ރަށުގެ އެކިއެކި ވާހަކަ އިތޫ ބައްޕަ ދެއްކިއެވެ. އަހަރެންގެ ހިތުގައި އޮތް ސުވާލު ކޮށްލަން މީ ރަނގަޅު ފުރުޞަތެކޭ ހިތަށް އެރިއެވެ. އިތޫ ބައްޕައަކީ ރަށުގައި އުޅޭ ދުވަސްވީ މީހަކަށްވާއިރު ރަށުގައި ހިނގާފައި ހުންނަ ބޮޑެތި ހާދިސާތަކުގެ ޚަބަރު ހުންނާނީ އޮޅުންފިލާފާތާއެވެ.
"ބައްޕައަށް އެނގޭތަ މިރަށުގައި މީހަކު މަރާލި ވާހަކަ." އަހަރެން އަހާލީމެވެ.
(ނުނިމޭ)