އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ ޕްރޮސެކިޔުޓަރު ކަރީމް ޚާން ހައްޔަރުކުރަން ރަޝިއާއިން އަމުރު ނެރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް އައިސީސީން ބުނެފި އެވެ.
އައިސީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކަރީމް ޚާންއާ އެކު އެ ކޯޓުގެ އިތުރު ދެ ފަނޑިޔާރަކު ހައްޔަރުކުރަން ރަޝިއާ އަމުރު ނެރެފައި އޮތްކަން އެނގޭ ކަމަށެވެ. އެ ކޯޓުގެ މިނިވަން ނިންމުމަކާ ދެކޮޅުހަދައި ޕްރޮސެކިޔުޓަރުންނާއި ފަނޑިޔާރުންނަށް ބިރު ދެއްކުމަކީ އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއްް ނޫން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރަޝިއާގެ މި އަމުރާ އެކު ވެސް އައިސީސީއަށް އޮތް ޒިންމާތައް ދޫކޮށްލައި މުޖުރިމުންނަށް ހުކުމްކުރުން ހުއްޓައިނުލާނެ ކަމަށެވެ. ބައިނަލްއަގްވާމީ މުޖުތަމައުއަށް އިންސާފާއި ހެޔޮ ގޮތް ހޯދައިދިނުމަށް އައިސީސީން ކުރަމުން ގެންދާ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ރަޝިއާއިން މިފަދަ އަމުރެއް ނެރުނީ ކަރީމް ޚާން އިސްވެ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަކުން ރަޝިއާގެ ރައިސް ލަޑިމިއާ ޕޫޓިން ހައްޔަރުކުރަން މާރިޗުގައި ނެރުނު އަމުރާ ގުޅިގެންނެވެ.
ޕޫޓިންއާ އެކު ރަޝިއާގެ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ކޮމިޝަނަރު، މަރީޔާ ލެވޯވާ ބެލޯވާ ހައްޔަރުކުރަން ވެސް އައިސީސީން ވަނީ އަމުރު ނެރެފަ އެވެ.
އިންޓަނޭޝަލް ކްރިމިނަލް ކޯޓުން ޕޫޓިން ހައްޔަރުކުރަން އަމުރު ނެރުނީ ޔުކްރޭންގައި ރަޝިއާ ސިފައިން ހިންގަމުން ގެންދާ ޖަރީމާތަކަށް ޒިންމާވާން ޖެހިވަޑައިގަންނަވާ ހަމައެކަނި ބޭފުޅަކީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ކަމަށް އެ ކޯޓަށް ގަބޫލުކުރެވުމުންނެވެ.
ޕޫޓިން އަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް ވެސް އައިސީސީން ވަނީ ކަނޑައަޅާފަ އެވެ. އެހެންކަމުން، އައިސީސީގެ އަމުރު ހިނގާ ގައުމަކަށް ޕޫޓިން ވަޑައިގެންފި ނަމަ ކުރިއާލައި އިންޒާރު ދިނުމެއް ނެތި ޕޫޓިން ހައްޔަރުކުރާ ގޮތަށް އޮތީ އަމުރު ނެރެފަ އެވެ.
މަރީޔާ ލެވޯވާ ބެލޯވާ ހައްޔަރުކުރަން އައިސީސީން އަމުރު ނެރުނީ ޔުކްރޭންގެ އެތައް ހާސް ކުޑަކުދިން އެ ކުދިންގެ އާއިލާއަށް އެންގުމެއް ނެތި ރަޝިއާއަށް ގެންދިއުމުންނެވެ. ކްރިމިނަލް ކޯޓުން ތުހުމަތުކުރާ ގޮތުގައި އެ ކުދިންނާ މެދު އެ ފަދައިން އަމަލުކުރުން އެއީ ބޮޑު ކުށެކެވެ.
އެހެން ނަމަވެސް، ރަޝިއާ ދެކޭ ގޮތުގައި ޔުކްރޭނުން ރަޝިއާއަށް ކުދިން ބަދަލުކުރަން ޖެހުނީ ޔުކްރޭންގައި ހިނގަމުންދާ ހަނގުރާމައިން އެ ކުދިން ސަލާމަތްކުރުމަށެވެ. އަދި ހަނގުރާމަ ނިމުމުން އެ ކުދިންގެ އާއިލާއަށް ރައްކާތެރިކަމާ އެކު ރައްދުކުރުމުގެ އުންމީދުގަ އެވެ.
ހަނގުރާމައިގެ މައިދާނަކަށް ކުޑަކުދިންތަކެއް ދޫކޮށްލުމަށް ވުރެ އެ ކުދިންނަށް ކެއިންބުއިމާއި ހިޔާވައިކަން އަދި އެ އުމުރުގައި ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދިނުން އިންސާނިއްޔަތަށް ޓަކައި ވެސް މާ ރަނގަޅު ކަމަށް ރަޝިއާ ވަނީ ބުނެފަ އެވެ.