ރިޕޯޓް

ޖަމީލުގެ ބައިވެރިވުމާ އެކު އަލީ ވަހީދު "ގެއްލިއްޖެ"؟!

އެމްޑީޕީއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާ އަކީ އެ ޕާޓީއަށް ހާއްސަ އަދި ތާރީހީ ޖަލްސާއެކެވެ. ޕާޓީގެ އެންމެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރި ފަހުން ފުރަތަމަ ފަހަރަށް ފޯޑިއަމަކަށް އަރާ ވާހަކަ ދެއްކެވި ޖަލްސާ އެވެ.

މި ޖަލްސާ އިތުރަށް ހާއްސަވި އެއްކަމަކީ މި ސަރުކާރުގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އެމްޑީޕީއާ ގުޅިވަޑައިގެން ފުރަތަމަ ފަހަރަށް ވާހަކަ ދެއްކެވީ ވެސް ހަމަ އެ ޖަލްސާގަ އެވެ.

އެމްޑީޕީގެ މިފަދަ ބޮޑު ތާރީހެއް ޖަލްސާއެއް ނިމިގެން ދިޔަ ފާހަގަކުރެވުނު ކަމެއް އެބަ އޮތެވެ. އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލު ކުރައްވައިގެން އުޅުއްވާ، ޕާޓީގެ އިންތިހާބީ ޗެއާޕާސަން އަދި ކުރީގެ ތޮއްޑޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ވަހީދުގެ އެއްވެސް ބައިވެރިވުމެއް ޖަލްސާ އަކުން ނުފެނުނެވެ. އަލީ ވަހީދު މިހާރު އިނގިރޭސިވިލާތުގެ ލަންޑަނުގައި ދިރިއުޅުއްވި ނަމަވެސް، އެމްޑީޕީގެ ހާއްސަ ޖަލްސާތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް މީގެ ކުރިން ވަނީ ފިސާރި ފޯރި ގަދަ ވާހަކަތައް ދައްކަވައިފަ އެވެ. އަލީ ވަހިދުގެ ޖޯޝުހުރި ވާހަކަތައް އެ ޖަލްސާ އިން ނުފެނުމުން އެ ފަޅުކަން ވަރަށް ބޮޑެވެ.

އަލީ ވަހީދުގެ އިތުރުން މިހާރު ލަންޑަނުގައި ތިއްބެވި، ރައީސް ނަޝީދާއި ޑރ. ޖަމީލު ޖަލްސާގައި ވާހަކަ ދެއްކެވިއިރު އެ ވީޑިއޯއިން ވެސް އަލީ ވަހީދެއް ނުފެނުނެވެ. އެ ވީޑިއޯގައި ފެނުނީ ނަޝީދާއި ޖަމީލް އެކަންޏެވެ. އެމްޑީޕީގެ އެންމެ އިސް މަގާމުގައި އަލީ ވަހީދު ހުންނެވި ނަމަވެސް އޭނާ ވަނީ އެރޭގެ ޖަލްސާގެ މަންޒަރުން އެކީ ގެއްލިފަ އެވެ. ނޫނީ ގެއްލުވާލައިފައި ކަމަށް ބުނާ ބަޔަކު ވެސް އެބަ ތިއްބެވި އެވެ.

"އަލީ ވަހީދުގެ ބައިވެރިވުމެއް ނުފެނުމުން ވަރަށް ބޮޑު އުނިކަމެއް ލިބިގެން އައި. އަލީ ވަހީދުގެ ފޯރި ގަދަ ވާހަކަޔަށް އުންމީދު ކުރެވުނު،" އެރޭގެ ޖަލްސާއަށް ދިޔަ އެމްޑީޕީގެ މެންބަރަކު ބުންޏެވެ.

ޖަލްސާތަކުގައި ބައިވެރިނުވި ނަމަވެސް އަލީ ވަހީދަކީ ޓްވިޓާގައި ނުހަނު ފޯރި ނަންގަވާ ބޭފުޅެކެވެ. އެގޮތުން ޖަލްސާތައް ކުރިއަށްދާއިރު ޖަލްސާއާ ގުޅޭ ގޮތުން ޓްވީޓްކޮށްލައްވައި، އެހެން މީހުންކުރާ ޓްވީޓްތައް ރީޓްވީޓް ވެސް ކުރައްވާ ހައްދަވަ އެވެ. ނަމަވެސް އެފަދަ ކަމެއް ވެސް އަލީ ވަހީދުގެ ކިބަޔަކުން އެއްގޮތަކަށް ވެސް އެރޭ ނުފެނުނެވެ. ޖަލްސާއާ ބެހޭ ގޮތުން އެއްވެސް ބަސްފުޅެއް އެއްވެސް ސިފައެއްގައި ވިދާޅުވެފައެއް ނުވެ އެވެ. އެހެނެއް ނޫނެވެ. ޖަލްސާއެއް އޮންނަ ވާހަކަ މާކުރީ ދުވަހަކު ޓްވީޓަކުން އިއުލާން ނުކޮށްލާ ވާހަކައެއް ނޫނެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާއާ ގުޅޭ ގޮތުން އަލީ ވަހީދު ކުރައްވާފައިވަނީ އެންމެ ޓްވީޓެކެވެ. އެއީ ފެބްރުއަރީ ދެވަނަ ދުވަހު، ރައީސް ނަޝީދާއި ޑރ. ޖަމީލު އެ ޖަލްސާގައި ވާހަކަ ދައްކަވާނެކަން އިއުލާންކުރެއްވުމުގެ ގޮތުން އޭނާ ކުރެއްވި ޓްވީޓެވެ. އެންމެ ފަހު އެ ހުންނެވީ ހަނެވެ.

ޖަލްސާގެ އިތުރުން "ކޮރަޕްޝަން ޔަގީން"ގެ ނަމުގައި އިއްޔެ އެމްޑީޕީއިން ބޭއްވި ހިނގާލުމާ ގުޅޭގޮތުން ވެސް އަލީ ވަހީދު އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ހިނގާލުން ފެށުމުގެ ކުރިން ވެސް އަދި ފެށުމުން ވެސް އެކަމާ ގުޅިގެން އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އަލީ ވަހީދު އެންމެ ފަހުން އެމްޑީޕީގެ ހަރަކާތަކުން ފެނިފައިވަނީ، ރައީސް ނަޝީދު، ކޮމަންވެލްތް ސެކްޓްރީ ޖެނަރަލް ކަމްލޭޝް ޝަރުމާއާއެކު ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލަވުމުގައި އަލީ ވަހީދު ބައިވެރިވުމުން އެހީތެރިކަމެއް ލިބުނު ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ސީދާ އެމްޑީޕީގެ ކަމަކާ ގުޅޭ ގޮތުން، އަލީ ވަހީދު އެންމެ ފަހުން ރީ ޓްވީޓްކޮށްފައިވަނީ، އެމްޑީޕީގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ޝަހީދު ކުރެއްވި ޓްވީޓެކެވެ. އެ ޓްވީޓްގައި ޝަހީދު ވަނީ މިދިޔަ އަހަރެއްގެހާ ދުވަހުގެ ތެރޭގައި ރައީސް ނަޝީދު މިނިވަން ކުރުމަށާއި އެމްޑީޕީގެ ހަރުދަނާކޮށް، ޑިމޮކްރަސީ އިޔާދަކުރުމަށް އަލީ ވަހީދު ކުރެއްވި މަސައްކަތްތަކަށް މަރުހަބާ ދަންނަވާފަ އެވެ. ޖަމީލާ އެކު އަލީ ވަހީދު އެމްޑީޕީގެ ބޮޑު މަންޒަރު މި ގެއްލެނީ ހެއްޔެވެ؟ އެމްޑީޕީގެ ޗެއާޕާސަން، ޖަމީލަށް އެންމެ ކުޑަމިނުން މަރުހަބާގެ ބަސްފުޅެއް ވިދާޅުނުވުމުން މި ބުނެދެވެނީ ކޮން ވާހަކައެއް ހެއްޔެވެ؟