ޑައިރެކްޓަރު މާޓިން ސްކޯސީސޭ، 80، އަކީ ހޮލީވުޑް ލެޖެންޑެކެވެ. ހުނަރުވެރި އެކްޓަރުންނާއެކު މޮޅު އެތައް ފިލްމެއް ހަދާފައިވެ އެވެ.
އޭނާގެ ފިލްމްތައް 91 އެކަޑަމީ އެވޯޑް، 94 ބަފްޓާ އެވޯޑް އަދި 61 ގޯލްޑަން ގްލޯބް އެވޯޑްސް އަށް ނޮމިނޭޓްވެފައިވާއިރު، އޭގެ ތެރެއިން 20 އެކަޑަމީ އެވޯޑް، 23 ބަފްޓާ އަދި 11 ގޯލްޑަން ގްލޯބް އެވޯޑް ލިބިފައިވެ އެވެ.
މާޓިންއާ އެކު އެންމެ ގިނައިން މަސައްކަތްކޮށްފައިވާ ތިން އެކްޓަރުންނަކީ ރޮބަޓް ޑި ނީރޯ، ހާވީ ކީޓަލް އާއި ލިއޮނާޑޯ ޑިކެޕްރިއޯ އެވެ. މި އެކްޓަރުންނާއެކު ހަދާފައިވާ ފިލްމްތައް ވަނީ ބޮކްސް އޮފީހުގައި އަދި އެވޯޑް ޝޯތަކުގައި ވަރަށް ކާމިޔާބު ފިލްމްތަކަށް ވެފައެވެ.
މިގޮތުން ރޮބަޓް ޑި ނީރޯއާ އެކު ހެދި 11 ވަނަ ފިލްމް އަދި ލިއޮނާޑޯ ޑިކެޕްރިއޯއާ އެކު ހެދި ހަތް ވަނަ ފިލްމް، "ކިލާސް އޮފް ދަ ފްލާވާ މޫން" ކާން ވަނީ ފިލްމް ފެސްޓިވަލްގައި ރިލީޒްކޮށްފަ އެވެ.
"ކިލާސް އޮފް ދަ ފްލާވާ މޫން" އަކީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ޑޭވިޑް ގްރޭން ލިޔެފައިވާ "ކިލާސް އޮފް ދަ ފްލާވާ މޫން" ވާހަކައަށް ހަދާފައިވާ ފިލްމެކެވެ.
މި ފިލްމްގައި ދައްކައިދެނީ 1920ގެ އަހަރު ތަކުގައި އޮސެޖް ނޭޝަންގައި ހިނގި "އޮކްލޮހޯމާ މާޑާސް" ނުވަތަ ގަތުލުތަކެވެ.
އެމެރިކާގެ ހަގީގީ ރަށްވެހިންގެ ތެރެއިން އޮސޭޖް ޓްރައިބްގެ މީހުން ވީގޮތެއް ނޭނގި، ޝައްކުކުރެވޭ ފަދަ ގޮތަކަށް މަރާލުމުން، އެފްބީއައި އުފެއްދި ޖޭއެޑްގާ ހޫވާގެ ބެލުމުގެ ދަށުން އެކަން ތަހުގީގު ކުރާ ތަނެވެ. އެޒަމާނަކީ ނޭޓިވް އެމެރިކަންސްއާ ދެމެދު އެމެރިކާއަށް ހިޖުރަ ކުރި ދޮން ނަސްލުގެ މީހުން އަނިޔާވެރިކަމާއި ލާއިންސާނީ އަމަލުތަކާއި ނާއިންސާފުން ކަންތައް ކުރަމުން އައި ދުވަސްވަރެވެ.
މި ފިލްމްގެ ކާސްޓުގައި ރޮބަޓް އާއި ލިއޮނާޑޯގެ އިތުރުން ލިލީ ގްލޭޑްސްޓޯން، ޖެސީ ޕްލެމަންސް، ބްރެންޑަން ފްރޭޒާ، ޖޯން ލިތްގޯ، ޓަންޓޫ ކާޑިނަލް، ކާރާ ޖޭޑް މަޔާސް، ޖަނާ ކޮލިންސް ފަދަ އެތައް ތަރިންނެއް ހިމެނެ އެވެ. މި ފިލްމްގެ ދިގު މިނަކީ ތިން ގަޑިއިރެވެ.
މާޓިންގެ އެހެން ފިލްމްތަކެކޭ އެއްފަދައިން މި ފިލްމަށްވެސް ތައުރީފް ލިބިފައިވާއިރު، އެންމެ ފާހަގަކޮށްލެވެނީ ލިލީގެ އެކްޓިން ކަމުގައި ދަ ހޮލީވުޑް ރިޕޯޓާއިން ބުނެ އެވެ. މާޓިންއަކީ އާންމުކޮށް ފިރިހެން އެކްޓަރުންނަށް މުހިއްމު ރޯލްދީ، ސަމާލުކަން ދޭ ޑައިރެކްޓަރެކެވެ.
ބައެއް ސިނަމާތަކުގައި އޮކްޓޯބަރު ހައެއްގައި މި ފިލްމު ރިލީޒް ކުރާއިރު، އާންމުކޮށް ރިލީޒްކުރާނީ އޮކްޓޯބަރު 20 ގައެވެ.