ނައިފަރު

ނައިފަރުގައި ފެންބޮޑުވެ ބައެއް ގެތަކަށް ގެއްލުންވެއްޖެ

ޅ. ނައިފަރަށް މިއަދު ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ ބައެއް ގެތަކަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.

ނައިފަރުގައި ފެންބޮޑުވުމާ ގުޅިގެން އަވަސް އަށް މައުލޫމާތު ދެއްވަމުން ނައިފަރުގެ ކައުންސިލަރު އަހްމަދު ސާޖިދު ވިދާޅުވީ ނައިފަރަކީ މަގުތައް ހުންނަ ގޮތުން ބޯކޮށް ވާރޭވެހިއްޖެނަމަ އަބަދުވެސް ފެންބޮޑުވާ ރަށެއް ކަމަށެވެ.

ނައިފަރަށް މިއަދު ފަތިހު 5:30 އިން ހެނދުނު 8:30އާ ދެމެދު ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހަތަރު ފަސް ގެއަކަށް ގެއްލުންވެފައިވެ އެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ ގޭގެއަށް ލިބުނު ގެއްލުންތައް ބަލަމުން. އެކަން ބެލުމުން އެނގޭނީ ގެއްލުމުގެ ތަފްސީލް،" ސާޖިދު ވިދާޅުވި އެވެ.

ނައިފަރުގައި 5،000 އެއްހާ މީހުން ދިރިއުޅޭއިރު ފެން ހިންދުމުގެ މަސައްކަތުގައި އެރަށުގައި ތިބޭ ފުލުހުންނާއި ފެނަކަ، ރަށު ކައުންސިލް އަދި ކައިރީގައި އޮންނަ މަޑިވަރު އެއާޕޯޓްގެ މުވައްޒަފުން ހަރަކާތްތެރިވެފައިވެ އެވެ.

"މީގެ އިތުރުން ފެން ހިންދުމުގެ މަސައްކަތުގައި ކައުންސިލްގެ އަންހެން މުވައްޒަފުންގެ މައްޗަށް އެކުލެވޭ ވޭޖް ޕޫލްގެ މުވައްޒަފުންވެސް އެހީވެފައިވޭ،" ސާޖިދު ވިދާޅުވި އެވެ.

ފެން ބޮޑުވި ވަގުތު ނައިފަރު ސްކޫލު -- އިފްތިތާހުގެ ކިޔެވުން ވެސް މެދުކަނޑާލަން ޖެހުނެވެ. ނަމަވެސް މިހާރު ފެންގަނޑު ހިންދާލެވިފައިވާތީ ސްކޫލުގެ ކިޔެވުން ފެށި ރަށުގެ ހާލަތަކު އާންމު ހާލަތަކަށް ގެނެވިފައިވާ ކަމަށްވެސް ނައިފަރު ކައުންސިލުން ބުނެފައިވެ އެވެ.