ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ. ނައިފަރަށް ރޭ ފަތިހު ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއަށް ފެން ވަދެ، ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުން ވެއްޖެ އެވެ.
ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް އަވަސް އަށް ވިދާޅުވީ ފަތިހުން ފަަށައިގެން ވާރޭ ވެހެމުން ދިޔަ ކަމަށާއި އޭގެ ސަބަބުން ހަތަރު ގެއަކަށް ފެން ވަދެފައިވާ ކަމަށެވެ.
"ފަތިސް ނަމާދުން ފަށައިގެން ވާރެ ވެހެމުން ދިޔައީ. މެދުނުކެނޑި ދެ ގަޑިއެއްހާއިރު ވީ. ހުއްޓާލާފައި އޮވެފައި އަނެއްކާޥެސް ވެހެން ފަށައިފި"
އޭނާ އިތުރަށް ވިދާޅުވީ، ފެން ވަދެފައިވާ ހަތަރު ގޭގައި ހުރި ފަރުނީޗަރު ހުރީ ހަލާކުވެފައި ކަމަށެވެ. އޭގެ ތެރެއިން ބައެއް އެއްޗެހި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ގެއްލުން ލިބުނު ގެތަކާއި އެހެން ގެތަކުގެ ހާލަތުވެސް ގާތުން ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ނައިފަރުގައި ފެން ބޮޑުވި ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ރަށު ކައުންސިލުންނާއި، ސިފައިން އަދި ފުލުހުން ގުޅިގެން އަންނަނީ ކުރަމުންނެވެ. އަދި، އެ ރަށުގައި ފެނާއި ނަރުދަމާ އަޅަމުން އަންނަ އިންޑީއާ ކުންފުނީގެ އެހީތެރިކަންވެސް ލިބޭ ކަން ކައުންސިލަރު ފާހަގަ ކުރެއްވި އެވެ.
"ފެން ހިންދުމުގެ މަސައްކަތް ކުރިއަސް، ރަށުގެ މެދަށް ފެންތައް ޖަމާވާ ގޮތަށް މި އޮންނަނީ. އެހެންވެ ފެން ހިންދިޔަސް އަދިވެސް ވެހެފިއްޔާ ހަމަ ފެންބޮޑުވުން އެކަށީގެންވޭ. އަޅުގަނޑުމެން އެލާޓުގައި މި ތިބެނީ" ކައުންސިލަރު ވިދާޅުވި އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. އެގޮތުން، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. އަދި އެ ސަރަހައްދުތަކަށް މިއަދު ހެނދުނު 7:40 އިން މެންދުރު ފަހު 1:40 އަށް ޔެލޯ އެލާޓްވެސް ވަނީ ނެރެފަ އެވެ.