ފިނިޕޭޖް

ޕްރިންސް ހެރީ އާއި މޭގަންއަށް އަނެއްކާވެސް ފާޑުކިޔަނީ

ޑިއުކް އަދި ޑަޗެސް އޮފް ސަސެކްސް ޕްރިންސް ހެރީ އާއި މޭގަން އަށް އަނެއްކާވެސް ފާޑުކިޔުން އަމާޒުވާން ފަށައިފި އެވެ.

މި ދެމަފިރިންގެ ތަރުޖަމާން ބުނި ގޮތުގައި މޭ 16 ވަނަ ދުވަހުގެ ރޭ، މޭގަންގެ މަންމައާ އެކު ހެރީ އާއި މޭގަން ނިއު ޔޯކްގައި އޮތް އިވެންޓެއްގައި ބައިވެރިވުމަށްފަހު ގެއަށް އައުމުގެ ތެރޭގައި ވަރަށް "އެގްރެސިވް" ޕަޕަރާޒީން އެމީހުން ދިޔަ ކާރު ފަހަތު އަޅުވައިލައިގެން ބާރަށް ދުއްވަން ޖެހުނު ކަމަށެވެ. މިކަމުގެ ސަބަބުން "ކާރިސާއެއް ދިމާނުވީ ކިރިޔާ" ކަމަށް ބުންޏެވެ. އަދި އެތައް ފަހަރަކު އެ ދެމަފިރިންގެ ކާރާއި މަގުމަތީގައި ދުއްވާފައި ދިޔަ އެހެން ކާރުތަކާ ނުޖެހުނީ ކިރިޔަ ކިރިޔާ ކަމަށްވެސް ބުންޏެވެ. 1997ގައި ޕްރިންސް ހެރީގެ މަންމަ ޕްރިންސަސް ޑަޔާނާ ވަނީ މިފަދަ ހާދިސާއެއްގައި އެކްސިޑެންޓްވެ، ނިޔާވެފަ އެވެ.

މިކަމާ ގުޅިގެން ނިއު ޔޯކް ޕޮލިސް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕަބްލިކް އިންފޮމޭޝަން ޖޫލިއަން ފިލިޕްސް ނެރުނު ބަޔާނުގައި ބުނީ ޕްރިންސް ހެރީ އާއި މޭގަންގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެމީހުންގެ ޕަރައިވެޓް ސެކިއުރިޓީ ޓީމަށް އެހީތެރިވެދިން ކަމަށާއި ބައިވަރު ފޮޓޮގްރާފަރުންގެ ސަބަބުން އެމީހުންގެ ދަތުރަށް ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އަދި ޑިއުކް އާއި ޑަޗަސް އެމީހުންގެ މަންޒިލަށް ރައްކާތެރިކަމާ އެކު ފޯރި ކަމަށާއި އެއްވެސް އެކްސިޑެންޓެއްވެސް ނުވެ އަދި ކުށްވެރިވެގެން ޓިކެޓެއް ދިނުން ފަދަ ކަމެއްވެސް ހިނގާފައި ނުވާ ކަމަށް ބުންޏެވެ.

މަންޒަރު ދުށް ބައެއް މީހުންނާއި އެތާ ތިބި ބައެއް ޕަޕަރާޒީންގެ އިތުރުން ގްރިޑް ފޮޓޯ އޭޖެންސީން ހެރީ އާއި މޭގަންގެ ތަރުޖަމާންގެ ބަޔާނުގައިވާ ކަންތައްތައް ދޮގުކޮށްފައިވެ އެވެ. ނިއު ޔޯކްގެ އެހާ ތާށި ޓްރެފިކްގައި އެބުނާ ފަދަ ކަމެއް ހިނގުމަކީ ނުވާނެ ކަމެއް ކަމަށާއި ހެރީމެން ޓެކްސީއެއްގައި ދިޔައިރު، އެމީހުންގެ ސެކިއުރިޓީ ވޭނެއް ދުއްވާފައި ދިޔަގޮތުން އެތައް ފަހަރަކު އެހެން މީހުންނަށް ދުއްވަން ދަތިވެ ގަވާއިދާ ހިލާފަށްވެސް އެތައް ފަހަރަކު ދުއްވި ކަމަށްވެސް ފާޑުކީ މީހުން ބުންޏެވެ. އަދި އެއްފަހަރު ޕޮލިހުން އެ ވޭން ހުއްޓުވި ކަމަށްވެސް ބުންޏެވެ. ފޮކްސް ފަދަ މީޑިއާތަކުން ދެއްކި ވީޑިއޯއިންވެސް މޭގަންމެން އެބުނާ ފަދަ އެގްރެސިވް ޕަޕަރާޒީންް ފަހަތުން ދުއްވާތަން ނުފެންނަ ހިނދު، ޕޮލިސް ކާރުތައް އެ ދެމަފިރިން އެސްކޯޓް ކުރާ ތަން ފެނެ އެވެ.

މި ހާދިސާގައި ހިމެނުނު ފޮޓޯގްރާފަރުންގެ ތެރެއިން ހަތަރު ފްރީލާންސް ފޮޓޯގްރާފަރުންގެ ކުންފުނި ބެކްގްރިޑް ފޮޓޯ އޭޖެންސީން ނެރުނު ބަޔާނުގައި ބުނީ ޑިއުކް އާއި ޑަޗަސްގެ ފަހަތުން އެހާ އެގްރެސިވްކޮށް ފޮޓޯގްރާފަރުން ނުދުއްވާ ކަމަށާއި އެ ދުވަހުގެ ފުޓޭޖްތަކާއި ފޮޓޯތައް ލިބިފައިވާ ކަމަށެވެ. އަދި ސެލެބްރިޓީންގެ ކަވަރޭޖް ގެނެސްދިނުމަކީ އާންމު ކަމެއް ކަމުގައި ވީނަމަވެސް، އެއްވެސް ވައްތަރެއްގެ ފުރައްސާރުކުރުމާއި ގާނޫނާއި ގަވާއިދާ ހިލާފުކަމެއް ގަބޫލުނުކުރާނެ ކަމަށާއި އެ ތުހުމަތުތައް ވަރަށް ސީރިއަސްކޮށް ތަހުގީގުކުރާނެ ކަމަށްވެސް ބުންޏެވެ.

މީގެ ޖަވާބުގައި ހެރީ އަދި މޭގަންގެ ލީގަލް ޓީމުން ސިޓީއެއް ބެކްގްރިޑް ފޮޓޯ އެޖެންސީއަށް ފޮނުވައި، ވަރަށް ހަރުކަށި އިބާރާތުން ހަމަ ވަގުތުން އެ އިވެންޓްގެ ރޭގައި ޕަޕަރާޒީން ނެގި ހުރިހާ ވީޑިއޯ އަކާއި ފޮޓޯގެ ފުޓޭޖްގެ ކޮޕީ ދޭން އަމުރުކޮށްފައިވެ އެވެ.

މީގެ ރައްދުގައި ބެކްގްރިޑުން ބުނީ އެއީ އެމެރިކާ ކަމަށާއި އިނގިރޭސިވިލާތުގެ ޝާހީ ހުކުމް އެމީހުންގެ މައްޗަށް ނުހިނގާނެ ކަމަށެވެ. އެމެރިކާގައި ފުޓޭޖް އަދި ފޮޓޯފަދަ ތަކެތީގެ މިލްކުވެރިޔަކީ އެ ނަގާ މީހާ ނުވަތަ އޭޖެންސީ ކަމަށާއި ތިންވަނަ ފަރާތަކުން ރަސްގެފާނެއްހެން ތަކެތި ދޭން އަމުރުނުކުރެވޭނެ ކަމަށްވެސް ބުންޏެވެ.

މިކަމާ ގުޅިގެން ބައެއް މީހުން ހެރީ އަށާއި މޭގަން ދިފާއު ކުރި ނަމަވެސް ގިނަ މީޑިއާ ތަކުން ބުނެފައިވަނީ ހެރީއާއި މޭގަން އުޅެނީ ސަމާލުކަން ހޯދުމަށް ކަމަށެވެ.