ބޭންކް އޮފް މޯލްޑިވްސް

މާފަރު އަދި މިލަދޫއަށް ބީއެމްއެލް ސެލްސް ސާވިސް ބޭންކިން ހިދުމަތް

މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ. މާފަރު އަދި ނ. މިލަދޫގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް މިއަދު ފަށައިފި އެވެ.

މާފަރު އަދި މިލަދޫގައި ގާއިމްކުރި މި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.

ބީއެމްއެލް އިން މިހާރުވެސް ދަނީ ނ. ކެނދިކުޅުދޫގައި ސެލްސް ސާވިސް ބޭންކިން ހިދުމަތް ދެމުންނެވެ. މީގެ އިތުރުން މަނަދޫ، ވެލިދޫ އަދި ހޮޅުދޫގައި ބްރާންޗް މެދުވެރިކޮށް ދަނީ ހިދުމަތް ދެމުންނެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވި ގޮތުގައި ބޭންކްގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް މިހާރުވެސް ކުރަމުންދާ އިންވެސްޓަމަންޓް މެދުކެނޑުމެއްނެތި ކުރިޔަށްގެން ދިއުމެވެ.

"އަޅުގަނޑުމެންގެ ވިއުގަ ފުޅާކުރުމަށް ކުރާ މަސައްކަތާއެކު މި ރަށްތަކުގެ ރައްޔިތުންނާއި، ވިޔަފާރިތަކާއި، އިގްތިސާދަށް އެހީތެރިވެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސާވިސް ބޭންކިން ސެންޓަރު، 143 އޭޓީއެމް، 200އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ
އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.