ރައީސް އޮފީސް

ތިން ގައުމެއްގެ ސަފީރުން ފަތްކޮޅު އަރުވައިފި

ތިން ގައުމަކުން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރުން މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ވަކިވަކިން ކުރިއަށް ގެންދިޔަ ރަސްމިއްޔާތުތަކެއްގައި ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ ހަންގޭރީ، ޗެކް ރިޕަބްލިކް އަދި މެލޭޝިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންނެވެ.

މިރަސްމިއްޔާތުތަކަށްފަހު ސަފީރުންނާ އެކު ބޭއްވެވި ބައްދަލުވުންތަކުގައި ރައީސް ސޯލިހް މައިގަނޑު ގޮތެއްގައި ވާހަކަދެއްކެވީ ގައުމުތަކާ އެކު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުންނާއި ރާއްޖެއަށް އެކި ދާއިރާތަކުން ބޭނުންްވާ އިންވެސްޓްމަންޓް ފުރުސަތުތައް ހޯދުމާ ގުޅޭގޮތުންނެވެ.

ނަމަވެސް މެލޭޝިއާ ސަފީރާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ މެލޭޝިއާ ސަރުކާރާ އެކު ސޮއެކުރުމަށް ތައްޔާރުވަމުންދާ ޑަބަލްޓެކްސް އެވޮއިޑެންސް އެގްރީމެންޓަކާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ދެ ގައުމު މެދުގައި ނިމިފައިވާ، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ބަލައިގަތުމާ ގުޅޭ އެއްބަސްވުމުގެ ސަބަބުން މެލޭޝިއާގައި ދިރިއުޅޭ ދިވެހީންނަށް ދަތުރުފަތުރު ކުރުމުގައި ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަންވެސް ރައީސް ސޯލިހް ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ އިދާރީ ހިންގުމުގައި ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް، މެލޭޝިއާ ޓެކްނިކަލް ކޯޕަރޭޝަންގެ ތެރެއިން، މެލޭޝިޔާ ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި މިބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ މެލޭޝިއާ ސަރުކާރަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.