މޯލްޑިވްސް ޕޮލިސް ސާވިސް

ގައްބަރޭ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

May 23, 2023

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތު ފުލުހުން ހޯދަމުންދިޔަ މއ. ނައިޓްވިލާ، އުމުރުން 32 އަހަރުގެ އިބްރާހީމް އަބްދުﷲ (ގައްބަރޭ) އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.

ގައްބަރޭ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައިވަނީ މިއަދު ހެނދުނު އެވެ. އެކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ.

ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެން ޒަރީރަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 5:08 ހާއިރު އެވެ.

ގައްބަރޭ ހޯދަން ފުލުހުން އިއުލާނުކުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ. ގައްބަރޭ ހޯދަނީ ޒަރީރަށް ހަމަލާދީގެން ކަމަކަށް ފުލުހުން ބުނެފައެއް ނުވެ އެވެ. ނަމަވެސް ފުލުހުންގެ ވެބްސައިޓްގައި ގައްބަރޭގެ ފޮޓޯއާއި ވަނަވަރު ހާމަކޮށް ބުނެފައިވަނީ އޭނާ ހޯދަނި ގުރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ.

ޒަރީރަށް ހަމަލާ ދިން މައްސަލައާއި ގުޅިގެން މީގެ ކުރިން ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 11 ވަނަ ދުވަހު ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވެ އެވެ. ހައްޔަރުކުރީ 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެކެވެ. މި މީހުންގެ ވަނަވަރު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.