ދުނިޔެ

ޓައިވާނަށް ބާރުގަދަ ބިންހެލުމެއް! އިމާރާތްތައް ބިމާ ހަމަވެ އެތައް މަރެއް

Feb 6, 2016

އޭއެފްޕީ -- ރެކްޓާ މިންގަނޑުން 6.4 ގެ ބާރުމިނުގައި ޓައިވާނަށް ރޭ އައި ބާރުގަދަ ބިންހެލުމުގައި އިމާރާތްތަކެއް ބިމާ ހަމަވެ ފަސް މީހަކު މަރުވެ އެތައް ބަޔަކު ދަށުގައި ތާށި ވެއްޖެ އެވެ. އެންމެން ނިދާފާ ތިއްބާ ފަތިހުގެ ވަގުތު އައި ބާރުގަދަ ބިންހެލުމުގައި މީހުން ދިރިއުޅޭ 16 ބުރީގެ އިމާރާތެއް ބިމާ ހަމަވެ 100 ގެ ވަނީ އެކީ ސުންނާފަތިވެފަ އެވެ. އެ އިމާރާތުގެ ދަށުވެ ފަސް މީހަކު މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

މަރުވި މީހުންގެ ތެރޭގައި 10 މަހުގެ ތުއްތު އަންހެން ކުއްޖަކާއި 40 އަހަރުގެ ފިރިހެނެއް ހިމެނެ އެވެ. އަދި ވެސް އިތުރު 30 ހަކަށް މީހަކު އިމާރާތުގެ ތެރޭގައި ތާށިވެފައިވާކަމަށްވެ އެވެ. 

"އިމާރާތް މައްޗާއި ތިރި އަށް ކަނާތާއި ވާތަށް ވަރަށް ބާރަށް ތެޅިގަތީ. ކުޑަ ހިނދުކޮޅެއް ތެރޭގައި ފުރަތަމަ ފްލޯ އާއި ދެވަނަ ފްލޯ އެކީ ބިމާ ހަމަވީ. އެއާ އެކު ގޭހާއި ފެން މުޅިތަނަށް ބޭރު ވެގެން ދިޔައީ،" އިމާރާތުގައި ދިރިއުޅުނު މީހަކު ހާދިސާ ކިޔައިދިނެވެ.

ޓައިވާން ސަރުކާރުން ލަފާކުރާ ގޮތުގައި އެ އިމާރާތް ވެއްޓުމުން މަރުވި މީހުންގެ އަދަދު އިތުރުވެދާނެ އެވެ. ސަބަބަކަށް ވަނީ އާ އަހަރު ފާހަގަ ކުރުމަށް ދުރުގައި އުޅޭ އާއިލާގެ މެންބަރުން ވެސް މިވަގުތު އައިސް އެކުގައި ދިރިއުޅެމުން ދިޔުމެވެ. އިމާރާތުން މީހުން ސަލާމަތް ކުރުމަށް ވަނީ ބޮޑެތި މަސައްކަތްތަކެއް ފަށައިގެންފަ އެވެ. ބިންހެލުމުގެ ފަހުން ވެސް ދެތިން ފަހަރަކު ލޮޅުންތައް އައިސްފައިވެ އެވެ. ބިން ހެލުން އައީ ބިމުގެ 10 ކިލޯމީޓަރުގެ އަޑިއަށެވެ. އެހެން ނަމަވެސް ސުނާމީ އެރުމުގެފުރުސަތެއް ނެތެވެ.

މިކަހަލަ ބޮޑު ބިންހެލުމަކާ ޓައިވާނުން ވަނީ 2013ގަ ވެސް ކުރިމަތިލައިފަ އެވެ.