( 21 މެއި 2023 އާ ގުޅޭ )
ގޮސް ވަނީއެވެ. ހުޅަނގު މޫސުމުގެ އެންމެ ވިއްސާރަ ދުވަސްކޮޅާ ދިމާކޮށްކަން އަހަރެން އައީ އިތޫގެ ބައްޕަ ފާހަގަކުރިއެވެ. ވާރެޔާ ހެދި ކަމެއް ވެސް ރާވާނުލެވޭނެތީއެވެ. ރަށުގެ އެކިއެކި ވާހަކަ އިތޫ ބައްޕަ ދެއްކިއެވެ. އަހަރެންގެ ހިތުގައި އޮތް ސުވާލު ކޮށްލަން މީ ރަނގަޅު ފުރުޞަތެކޭ ހިތަށް އެރިއެވެ. އިތޫ ބައްޕައަކީ ރަށުގައި އުޅޭ ދުވަސްވީ މީހަކަށްވާއިރު ރަށުގައި ހިނގާފައި ހުންނަ ބޮޑެތި ހާދިސާތަކުގެ ޚަބަރު ހުންނާނީ އޮޅުންފިލާފާތާއެވެ.
"ބައްޕައަށް އެނގޭތަ މިރަށުގައި މީހަކު މަރާލި ވާހަކަ." އަހަރެން އަހާލީމެވެ.
"އާން. މި ރަށުގެ ތާރީޚުގައި ލިޔެވިގެންދިޔަ ކަޅު ސަފުޙާއެއް އެއީ. ރައްޔިތުން ވެސް ތިބީ ބޮޑު ސިހުމެއްގެ ތެރޭ... ދަރިފުޅަށް އަޑުއިވިފަ އޮތީތަ؟." އިތޫގެ ބައްޕަ އަހަންނާ ސުވާލުކޮށްލިއެވެ.
"މީހަކު މަރާލިކަން އެނގެނީ. އެކަމުގެ އެއްވެސް ތަފްޞީލެއް ނޭނގޭ. ބައްޕައަށް އެނގެންޏާ ކިޔާދެވިދާނެތަ. އަޑުއެހިން އެކަން ކުރި މީހާ ހުންނަނީ އުމުރަށް ޖައްލަށްލާފައޭ." އަހަރެން އިނީ އޮޅުންފިލުވަން ނުހަނު ޝައުގުވެރިވެފައެވެ.
"ބިރުވެރި ވާހަކަދައްކަން ތިއުޅެނީ... ދެން މިރޭ އެކޮޅަށް ގޮސް ނިދޭނެތަ. އެހާ ބިރުގަންނަ މީހެއް މީ. އެއީ ދޮގެއް ބައްޕާ. ކިޔާދޭނެކަމެއްނެތް. އާނަ ތި ވާހަކައެއް އަޑު އަހާފައި ދެން ގޮސް އުޅޭނީ އެކަނި ނިދަން ނުކެރިގެން." އިތޫ ދެކޮޅު ހެދިއެވެ.
އެއީ ދޮގު ވާހަކައެއް ނޫނެވެ. ބިރުވެރި ފިލްމެއް ބެލެން ނޯންނަނީ އެހެންވެއެވެ. އަހަރެން އެ ފިލްމެއް ބަލާނަމަ ކައިރީގައި އެތައް ބަޔަކު ތިބެންޖެހޭނެއެވެ. އެރެއަކު އެކަނި ނިދާކަށް ވެސް ނުކެރޭނެއެވެ. ކިތަންމެ ރެއަކު މަންމަ ކޮޓަރިއަށް ގެނެސްގެން ނިދާފައި ހުންނާނެއެވެ. ހަޅޭލަވަލަވާފައި ވެސް މަންމަ އަންނާނެއެވެ. ބިރު ހިތުން ފިލާނޭ ބުނެ ކައިރީގައި އަހަރެންނަށް ނިދެންދެން އޮވެ ދުޢާތައް ކިޔާދޭނެއެވެ. ހަޤީޤަތުގައި އަހަރެން ބިރުގަންނަނީ ޖިންނި ފަދައިން އެކަމެއްގެ އަސްލު އޮޅުންފިލުވަން އުނދަގޫ އާދަޔާ ޚިލާފު ކަންކަން ދެކެއެވެ. އެފަދަ ކަންކަން ބުއްދިއަށް ނަގައިގަންނަން ނޭނގޭތީއެވެ.
"އެކަނި ނުހުރެ މިގެއަށް ދަރިފުޅު އަންނަންވީނު. ބައްޕަ އިތޫ ކައިރީ ވެސް މިވާހަކަ ދައްކައިފިން. ދެ ދުވަހެއްގެ ތެރޭ ހޫދު ދާނެ. އޭނާ ވެސް ބުނެފި އިތޫ ކައިރީ އާނިޔާ މިގޭގައި ބަހައްޓާށޭ. ބައްޕަ އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހޭ ތިހާ ދުރުގައި އެކަނިމާއެކަނި ހުންނާކަށް." އިތޫގެ ބައްޕަ ޝަކުވާކޮށްލިއިރު ހީވީ ފުރުޞަތަކަށް ބަލަބަލާ އިންހެންނެވެ.
އަސުރު ވަގުތު ކައިރިވެގެން އައިއިރު އިތޫގެ ބައްޕަ އަހަރެމެން ކައިރީ ހިނގައްޖެއެވެ. ގެއިން ވުޟޫކޮށްލައިގެން މިސްކިތަށް ދާން ނުކުތީ ކުޑަ ހިފައިގެންނެވެ. އެ ބައްޕަގެ ފަހަތުން ހޫދު ނުކުތެވެ. އޭނާ ހުރީ ކަށިމައްޗާ ހަމައަށް ހުރި ދިގުކޯޓެއް ލައިގެންނެވެ. ބައްޕައާ ދެ މީހުން ވާހަކަދައްކަމުން ދޮރޯށިން ނުކުމެގެން ދިޔައިރު އަހަރެންނާއި އިތޫ ތިބީ ސިޓިންރޫމު ސޯފާގައެވެ.
"ކީއްވެ ބައްޕަ ކައިރީ ކިޔާ ނުދޭށޭ ބުނީ. އެއީ ބިރުވެރި ވާހަކައެއްނޫނެއްނު. ނޫނީ އެކަމުގައި އާދަޔާ ޚިލާފު ކަމެއް އުޅެނީތަ؟." އަހަންނާއި އިތޫ އެކަނިވުމުން ސުވާލު ކުރީމެވެ.
"އެއީ ވަރަށް ކުރި. އަހަރެން ބޮޑުވެގެން އައިއިރު އެ އަޑު ރަށުތެރޭން ކެނޑިއްޖެ. އެކަން ހިނގީ ވެސް މި އަވަށަކުނޫން. އެކަހަލަ ވާހަކަ ދައްކާކަށް ނުވާނެ. މީހަކު މަރާލަން ކެރޭނީ ހާދަ އަނިޔާވެރި މީހަކަށޭ. އާނަ އެހެން ހިތަކަށް ނާރާ. އަހަރެންގެ އަތްފައި ވެސް ފިނިވޭ އެހެން ހިތަށް އަރުވާލިޔަސް." އިތޫ ބުންޏެވެ.
"އެހެންވީމަ ބިރުގަތީ އަހަންނެއްނޫނެއްނު." ހިނިއައިސްފައި އިނދެ އިތޫއާ އަހަރެން ދިމާކޮށްލީމެވެ.
"ޖޮބަށް އެޕްލައިކޮށްފިން. ހުރިހާ އެއްޗެއް މިއަދު ޒަފަރުއަށް މެއިލްކޮށްފިން. ބުނި ލިބޭނެކަން ވަރަށް ޔަގީނޭ." އިތޫ އެހެން ވާހަކައެއް ފެށިއެވެ.
"އެހެންތަ. ދެޓްސް ގުޑް ނިއުސް. އެކަމަކު ތި ދެ މީހުން މެރީ ކުރަން ކިޔާފައެއްނު ތިތިބީ. ވަޒީފާއަށް ނުކުންނަން ޖެހުނީމާ އެހާ އަވަހަށް ޗުއްޓީ ނެގުން ރަނގަޅުވާނެތަ." އަހަރެން އަހާލީމެވެ. އަހަރެން ހީކުރީ އިތޫ ވަޒީފާއަށް ނުކުންނަން ގަސްދުކުރާނީ ކައިވެންޏަށް ފަހު ކަމަށެވެ. އަލަތު ދެމަފިރިންނަށްވެ އެކަކުއަނެކަކާއެކު ވަގުތު ހޭދަކޮށްލަން ދުވަސްކޮޅަކު މަޑުކޮށްލާނޭ ކަމަށެވެ.
"ރަޙުމަތުގެ ދޮރު ހުޅުވިފައި ހުރި ވަގުތެއްގައި ލިބެން އޮތް ހުރިހާ ނިޢުމަތެއް ލިބިގަންނަންވާނެ އެއްނު. ރަށަށް އައި ވަގުތު ޖޮބަށް ޢިއުލާންކޮށްފައި އޮއްވާ އެ ފުރުޞަތު ނަގާލަނިކޮށް ދެން ނޭނގެ އަވަހަކާ އިޢުލާނެއް ކުރާނެހެން. ވަޒީފާ ހަމަޖެހުނީމަ އެ ލުއިވީ ވަރަށް ބޮޑު ހެޑޭކެއް ދޯ. އިރާދަކުރެއްވިޔާ ލަސްނުކޮށް މެރީ ވެސް ކުރާނަން." އިތޫ ބުންޏެވެ.
* * * * *
އިރު އޮއްސި އަނދިރިކަން ރަސްކަންކުރާން ފަށައިފިއެވެ. ދެ ނަމާދު ދޭތެރެއެވެ. ސިޓިންރޫމު ޓީވީއިން ޤުރުއާނުގެ އަޑު އިވިއިވި ހުއްޓެވެ. ސޯފާގައި މަޑުކޮށްލައިގެން އަހަރެން އިނީ އެކަންޏެވެ. ގޭތެރެއަށް އޮތީ ހަމަހިމޭންކަން ވެރިވެފައެވެ. ގޭގައި އެވަގުތު އުޅެނީ ސީރަތާއި އިތޫއެވެ. އެ މީހުން ވީ ނަމާދުކުރަން ކޮޓަރިއަށް ގޮހެވެ. އެކަނި ފޫހިވެފައި ނީންނަން އަހަރެން ފަޒީލަށް ގުޅީމެވެ.
"މަންމަ ކިހިނެއް؟." ފަޒީލު ހެލޯއޭ ބުނުމުން އަހަރެން އަހާލީމެވެ.
"އަތޮޅު ހޮސްޕިޓަލަށް ގޮވައިގެން އައިސް މިއުޅެނީ." ފަޒީލު މިހެންބުނެ ޝަކުވާގެ ބޮޅުތައް އަމުނާލިއެވެ. ރަށު ހޮސްޕިޓަލުން އޭނާގެ މަންމަ ބެލި ޑަކްޓަރުގެ ފަރުވާކުޑަ ވާހަކައެވެ. ހޮސްޕިޓަލުން ކަންތައް ކުރި ގޮތާމެދު އޭނާ ހުރީ ހިތްހަމަނުޖެހިފައެވެ. ލާންޗެއް ހަމަޖެހުމުން އަތޮޅު ހޮސްޕިޓަލަށް އޭނާ ދިޔައީ އެހެންވެއެވެ.
"އަހަރެން ބުނިން ދޮންބެ ކައިރީ އާނަ ގެންގޮސްދޭން." ފަޒީލުގެ ހިތުގައިވީ އުދާސްތައް ބަންޑުންކޮށްލުމުން އޭނާގެ ވާހަކަ ބަދަލުވިއެވެ.
"އިތޫމެން ގޭގައި މިހުރީ. ފައިސަލް އަހަރެން ޑްރޮޕްކޮށްލަދިން. ތި ދެ މީހުން ހާދަ ތަފާތޭ." އަހަރެން ބުނީމެވެ. އެއާއެކު ފަޒީލު ޖަހާލީ ހިނިގަނޑެކެވެ.
"މީ ތަފާތު ދެ މީހުންނޭ." ހިނިއައިސްފައި ހުރެ ފަޒީލު ބުންޏެވެ. އޭނާގެ އަޑުގައިވީ ސަމާސާއެވެ.
"އޯކޭ... އޯކޭ..." އަހަރެން ބުނެލީމެވެ.
"އާނަ..." ފަޒީލު ގޮވާލީ ތަންކޮޅެއް ސީރިއަސް އަޑަކުންނެވެ. އަހަރެން ހޫނ ލައްވާލީމެވެ. އަދި އަޑު އަހަންށޭ މިހުރީ ބުނެލީމެވެ.
"އަހަރެންނަށް ތިކޮޅަށް ދެވޭނެ އިރެއް ބުނާކަށް ނޭނގޭ. މަންމަގެ ކަންތައްތައް ނިމުނީމަ އެނގޭނީ. ދޮންބެގެ ނަންބަރު ދިންތަ؟. ނުދެންޏާ އަހަރެން ފޮނުވާނަން... އާނަ ދަތުރެއް އަޅަން ބޭނުންވީމާ ދޮންބެ ކައިރީ ބުނޭ. އަހަރެން ބުނެފައި ބާއްވާނީ. މިރޭ ގެސްޓްހައުސްއަށް އެނބުރި ދާން ޖެހޭނެއެއްނު. ތިކޮޅަށް އަދިވެސް ވާރޭ ވެހޭތަ. މި ރަށަށް ހުއްޓާލައިފި." ފަޒީލު ބުންޏެވެ.
ފައިސަލްއާ ވާހަކަދައްކަން ޖެހުނީ އަހަންނަށް ވިއްޔާއެވެ. އޭނާގެ ނަން އޮޅުންފިލީ ވެސް އަހަރެން އެހީމައެވެ. ދެން އަދި އޭނާ ނަންބަރު އަހަރެންނަށް ދޭނެ ހެއްޔެވެ. އެ ހުރިހާ ވާހަކައެއް ފަޒީލަށް ކިޔައެއް ނުދެމެވެ. ހަމައެކަނި ނަންބަރު ނެތްކަން ބުނެލީއެވެ. އަދި އެއްވަރަކަށް ތުނިކޮށް ވާރޭ ވެހިލަވެހިލާ އޮތީކަމާއި އެކަމަކު ވަރަށް ވައިބާރުވެއްޖެކަން އަހަރެން ބުނީމެވެ. އަހަރެމެންގެ ކޯލު ނިންމާލީ އެހިސާބުންނެވެ. މަންމަ ގޮވައިގެން އެނބުރި ރަށަށް އާދެވުނީމާ އަހަރެމެން ބައްދަލުވާނޭތާއެވެ. ފަޒީލުގެ ވާހަކައިން އޭނާ އަވަހަށް އަންނަން ބޭނުންވާކަން ދޭހަވިއެވެ. އެކަމަކު މަންމައަށްވުރެ އެއްވެސް ކަމެއް މުހިންމު ވެގެން ނުވާނެތާއެވެ.
ރޭގަނޑު ދިހަގަޑި ބައިވާންވީއިރު ވާރޭ ހުއްޓާލައިފިއެވެ. އަހަރެން ފޯނު އަތަށް ލައިގެން އިނީ ފައިސަލްއަށް ގުޅަންވީއޭ ހިތަށް އަރާފައެވެ. އެގާރަ ޖަހަންވާއިރަށް ގެސްޓްހައުސްއަށް ދާށެވެ. ކިއްލި ޕެކެޓެއް އަނގަޔަށް ހުސްކުރަމުން ހޫދު ގެއަށް އައިސް ވަނެވެ.
"ތީބާ ކިއްލިއެއް." އަހަރެން ކައިރީ އިން އިތޫއަށް ފެންނައިރަށް ބުނެފިއެވެ.
ހޫދު އައިސް ޖިންސުގެ ޖީބުން ނެގި ކިއްލި ޕެކެޓު އިތޫއަށް ދިއްކޮށްލިއެވެ. ދެން ބަލާލީ އަހަންނަށެވެ. އޭނާގެ އަތުގައި އިތުރު ކިއްލި ޕެކެޓެއް އޮތެވެ. ދިއްކޮށްލަން އުޅެފައި ބޭނުމެއްނޫން ދޯ އޭ ހޫދު އަހާލިއެވެ. އަހަރެން ހޫން ލައްވާލަމުން ބޯޖަހާލީ ނިކަން އަވަހަށެވެ.
"ނިދަން ކައިރިކޮށްފައި އަހަރެން ނުދުފަން." އަހަރެން ބުނީމެވެ.
"ދަތްތައް ފަނިކައިފަ ހުރީތަ؟." އެކަކުގެ ޖާގަ ހުރި ސޯފާގޮނޑީގައި އިށީން ހޫދު ބުންޏެވެ.
"ކުޑަބެ ހާދަ ގޯހޭ. ބޭނުމެއްނޫން ދޯ އޭ ބުނީމަ އެކަކު ވެސް ބޭނުމެއްނުވާނެ ދޯ." އަހަރެންގެ ދިފާއުގައި އިތޫ ބުންޏެވެ.
"ކޮންއިރަކުން ދަނީ. ހިނގާ އަހަރެން ގެންގޮސްދީފާނަން." ހޫދު ބުންޏެވެ. އެއާއެކު އިތޫ އަހަންނަށް ބަލާލީ ފުޅާ ހިނިތުންވުމަކާއެކުއެވެ. ބޭބެގެ އެ ދަޢުވަތު ޤަބޫލުކުރާށޭ އޭނާ އަހަރެން ކައިރީ ބުނާ ކަހަލައެވެ.
"ބަލާ އަންނާނެ." އަހަރެން ބުނެލީމެވެ.
"އާނަ. ވާރޭއެއް ވެސް ނުވެހެއެއްނު. ކުޑަބެ ސައިކަލު ފަހަތަށް ކުއްޖަކު އަރުވަން އެބުނީ އަލަށް. އެއްގޮތަކަށް ވެސް މީ ގެއްލުވާލައިގެންވާނޭ ޗާންސެއްނޫން. ދޭބަލަ... ފަހަރެއްގައި އައިސްކްރީމް ލިބިދާނެ." އިތޫ ވަރަށް ހެވިފައި އިނދެ ބުންޏެވެ.
އަހަރެން އެއްޗެކޭ ނުބުނަމެވެ. އަހަރެން ހޫދުއާއެކު މިރޭ ގޮސްފިއްޔާ އިތޫއަށް އެންމެ މީރު އައިސްކްރީމް ގެނެސްދޭނަމޭ އޭނާ ބުނެލިއެވެ. އަޖައިބުވެފައި އަހަރެން ހޫދަށް ބަލާލީމެވެ. އޭނާ އިނީ ހެވިފައެވެ. އަހަރެންގެ ކުރިމަތީ އަހަރެންގެ އެކުވެރިޔާ ގަނެލައިފިއެވެ. އިތޫ އަހަރެންގެ ކޮނޑުގައި އެލިގަތެވެ. ކާއެއްޗިއްސަށް ނޫނެކޭ ބުނާކަށް ނުވާނޭ އިތޫ ކިޔަންފެށިއެވެ. އޭނާގެ އާންމު ބަހުރުވައިން ރޯދިބަރަކާތް ލައްވާލީމާ އެއަށް ފުރަގަސްނުދޭށޭ ކިޔެވެ. އިތޫއަށް ޓަކައި ވިޔަސް އެއްބަސްވުން ނޫން ގޮތެއް އަހަރެންނަކަށް ނެތެވެ.
އިތޫއާއެކީ އަހަރެން ދޮރޯށި ކައިރިޔަށް ނުކުތްއިރު ވޭވްސައިކަލެއްގައި ހޫދު މަޑުކޮށްލައިގެން އިނީ ދޮރުމަތީއެވެ. އޭނާގެ ގައިގާ ނުޖެހެންވެގެން އަހަރެން އަރާ ތަންކޮޅެއް ފަހަތަށް ޖެހިލީމެވެ.
"ތިހާ ފަހަތުގައި އިންދާ ވެއްޓިދާނެ." ހޫދު ބުނެލިއެވެ.
"ވެއްޓިއްޖެއްޔާ އެނގޭނެއެއްނު." އަހަރެން ވަގުތުން ބުނީމެވެ.
"އައިސްކްރީމް މިގެއަށް ލާފައި ދާންވާނީ." ސައިކަލު ދުއްވާލި ވަގުތު އިތޫ ތަންކޮޅެއް ބާރަށް ބުނިއަޑު އިވުނެވެ.
ފިހާރައަކަށް މަޑުކޮށް ހޫދާއެކީ އަހަރެން ވެސް ވަނީމެވެ. އިތޫއަށް އައިސްކްރީމް ނަގާފައި އަހަރެންނަށް ބަލާލިއެވެ. އަހަރެންނަށް ކަމުދަނީ ކޮންވައްތަރެއްތޯ އެއްސެވެ. ފިހާރަ ތެރޭގައި ވީމަ ކަންނޭނގެއެވެ. ހޫދު މިފަހަރު ވާހަކަދެއްކީ ރީތިކޮށެވެ. އެހެންވެ އަހަރެން ވެސް ޑްރާމާ ނުޖައްސާ ސްޓޯބެރީ އައިސްކްރީމް ތަށްޓެއް ނެގީމެވެ. ކުޑަތަށްޓެއް އަހަރެން ނެގީތީ ހޫދަށް ކަމަކު ނުދިޔައެވެ. މެދުމިނުގެ ތަށްޓެއް އޭނާ ނެގިއެވެ.
"މި އައިސްކްރީމް ކާ ކޮންމެ ފަހަރަކު އަހަރެންގެ މަތިން ހަނދާންވާނީ އޭރުން." އަހަރެންނަށާއި އިތޫއަށް ނެގި އައިސްކްރީމް ތަށި ހިފައިގެން ފައިސާ ދައްކަން ދަމުން ހޫދު ބުންޏެވެ. އޭނާގެ ސިކުނޑީގައި ހިނގަނީ ކޮންކަހަލަ ޚިޔާލުތަކެއްކަމެއް ދެނެގަންނަން އަހަރެންނަށް ދަތިވިއެވެ.
އިތޫ އެދުނުހެން އަހަރެން ގޮވައިގެން ގެސްޓްހައުސްއަށް ދިއުމުގެ ކުރީން ފުރަތަމަ އައީ އައިސްކްރީމް ތަށި ހަވާލުކުރާށެވެ. އަހަރެން ގޮވައިގެން ހޫދު ނައްޓާލީ ދެނެވެ. ރަށުގެ މަގުތަކަށް އަހަރެން ނުލާހިކު އަލެވެ. ޚާއްޞަކޮށް ރޭގަނޑުގެ އަނދިރިކަމުގައި އަހަރެންނަށް ތަނެއްދޮރެއް ވަތްކެއް ނުވެއެވެ. އެހެންވެ ހޫދު ދުއްވަމުންދަނީ ރަނގަޅު މަގުންކަމެއް ބުނާކަށް އަހަރެންނަކަށް ނޭނގެއެވެ. އޭނާ ދުއްވަމުން ދިޔައީ ހަވީރު ފިންޏަށް އަހަރެމެން ދުއްވަން ނުކުމެ އުޅޭ ފަދައިންނެވެ. އޭރު އަހަރެންނަށް ވެސް އެހެންޏާ ގެސްޓްހައުސްއަށް ފޯރާ އިރަށްވުރެ މިރޭގެ ދަތުރު ދިގުވެއްޖެހެން ހީވެއްޖެއެވެ. އެހެންވެ ކޮނޑުގައި ހަށިގަނޑުގެ ހުރަހަށް އަޅާފައި އޮތް އަތްދަބަހުގެ ތެރެއިން ފޯނު ނަގަން އުޅުނީމެވެ. އަހަރެން އިންނާނީ ގެސްޓްހައުސްއާއި އިތޫމެން ގެ ފާހަގަކޮށްފައެވެ. ދެވޭ ރޫޓު ބަލާލަން ބޭނުންވީއެވެ.
"މިދިމާލަށް ނުކުމެލާނަންތަ؟." އަހަރެން ފޯނު ނަގަން ހަރަކާތްކޮށްލި ވަގުތު ހޫދު ބުންޏެވެ.
"ކީއްކުރަން؟. އަހަރެން ގެސްޓްހައުސްއަށް ގެންގޮސްދީ." އަހަރެން އެހެން ބުނީމާ ވެސް ހޫދު ސައިކަލު މަޑުކޮށްލިއެވެ. ވަށައިގެން ވަނީ އަނދިރިކަމެވެ. އަހަރެންގެ މެޔަށް ފިނިވެލިއެވެ. ހޫދުގެ މަޤްޞަދަކީ ކޮބާބާއެވެ.
"ބިރުންތަ ތިއިނީ." ހޫދު އަހާލިއެވެ.
"ކީއްކުރަން މަޑުކުރީ. އިތޫ... އިތޫ ކައިރީ ބުނާނަން." އަހަރެން ނިކަން ބޮޑަށް ޖެހިލުންވީއެވެ.
"ފިރިހެންކުއްޖަކާ ސިއްރުން ބައްދަލުނުކުރާހެން ހީވަނީ." ހޫދު ބުންޏެވެ.
"ވަޓް." އަހަރެން ހައިރާންވިއެވެ.
"މިބުނީ ތިހާ ބިރުގަންނަންޖެހޭވަރު ކަމެއް އަދި އަހަރެން ނުކުރަމެންނޫންހޭ. ހަމަޖެހިބަލަ." ހޫދު ބުންޏެވެ.
"ހެވޭ. އަހަރެން ގޮވައިގެން ގެސްޓްހައުސްއަށް ހިނގާ. އެހެންނޫނީ އިތޫއަށް މިގުޅަނީ." އަހަރެން ޒިބު ކަހާލައި އަތްދަބަސް ތެރެއަށް އަތްކޮށްޕާލީމެވެ. އެހިނދު ހޫދު ސައިކަލުން ފޭބިއެވެ. އަހަރެން ވެސް ސައިކަލުން ފުންމާލަން އުޅުނީމެވެ. ހޫދުގެ ހުސިޔާރުކަން ފެނި މީ ހާދަ ނުރައްކާތެރި މީހެކޭ ހިތަށް އެރިއެވެ. އޭނާ އަހަރެންގެ ދެއަތުގައި ހިފަހައްޓާލައި ސައިކަލުމަތިން ފޭބިޔަ ނުދިނެވެ.
"އާނަ. ކާމްޑައުން. އެހެންނޫނީ..." ހޫދު ބުނަން އުޅެފައި ހުއްޓާލިއެވެ. އަހަރެންނަށް އިވުނީ ދިން އިންޒާރެއްގެ ގޮތަށެވެ.
"ސްޓޮޕް އިޓް." އަހަރެން ތަންކޮޅެއް ބާރަށް ބުނީމެވެ. ހަމަޖެހޭށޭ ބުންޏަސް އަހަރެންގެ ހިތް ސުކުންތަކަށް ނުބަލާ އައީ އަވަސްވަމުންނެވެ. އެވަރުން މީހާއަށް ހަމަޖެހެވޭނީ ކިހިނެއް ހެއްޔެވެ. އަހަރެންގެ ނޭވާ ކުރުވާގޮތްވިއެވެ. ވަށައިގެން ފެންނަ އަނދިރިކަން ވެސް އުނދަގޫކުރަނީއެވެ. ނުފެންނަ ކޮށްޓެއްގައި އަހަރެން ބަންދުވަނީއޭ އިޙްސާސް ކުރެވެންފެށިއެވެ. އަހަރެންނަށް އެވަގުތުކޮޅުގެ ތެރޭ އުޅެވުނު ގޮތެއް ނޭނގޭ ހާސްކަން ވެރިވި ވަގުތު ހޫދުގެ އެންމެ ހަރަކާތަކުން އަހަރެންގެ މުޅި ނަފްސު ހިމޭން ކުރުވައިފިއެވެ. އަހަރެންގެ ދެ ކޯތާފަތް ތެމެންފެށިއެވެ. މެރިފައިވިޔަސް ދެ ލޯ ފުރި އެސްފިޔަތަކުގެ ދޭތެރެއިން ހޫނު ކަރުނަ ކުރި ހޯދައިފިއެވެ.
(ނުނިމޭ)