އަމީނީ މަގު

އަމީނީ މަގުގެ ބައެއްގައި ބުރާސްފަތި ދުވަހު ތާރުއަޅަނީ

ތާރުއަޅައިގެން ހެދުމަށް ހަމަޖެހިފައިވާ އަމީނީ މަގުގެ ބައެއްގައި އަންނަ ބުރާސްފަތި ދުވަހު ތާރުއެޅުމަށް ތައްޔާރުވެއްޖެ އެވެ.

މިފަހަރު ތާރުއެޅުމަށް ހަމަޖެހިފައިވަނީ ސްޓެލްކޯގެ ހެޑް އޮފީސް ކުރިމަތިން ފެށިގެން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާ ދެމެދުގައިވާ ސަރަހައްދުގަ އެވެ. މަގުގެ މިސަރަހައްދުގައި ތާރުއެޅުމަށް ހަމަޖެހިފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިންނެވެ.

މީގެކުރިން ވަނީ ސްޓެލްކޯގެ ހެޑް އޮފީހުން ފެށިގެން އަމީނީ މަގުގެ އެންމެ އިރުމަތީކޮޅާ ހަމައަށް ތާރުއަޅާފަ އެވެ. މިބައިގައި ތާރުއެޅީ އެމްޓީސީސީންނެވެ.

މަގުގައި ތާރުއެޅުމަށް އާރްޑީސީން ވަނީ އެކަމާ ގުޅޭ ހާއްސަ މެޝިނެއް ރާއްޖެ ގެނެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމެއްގައި މެޝިން ބަހައްޓާފަ އެވެ.

މާލޭގެ އަމީނީ މަގު ހަދަން ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ ޖުލައި 3، 2022ގައި 84 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދިނީ ހަތް މަސް ދުވަހެވެ. ނަމަވެސް ކުރިން ކަނޑައެޅި ތާރީހަށް މަސައްކަތް ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އަމީނީ މަގުގެ މަސައްކަތް މިހާރު ނިމޭނެ ކަމަށް ބެލެވެނީ މިއަހަރުގެ ސެޕްޓެމްބަރުގަ އެވެ.

އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގު ބައްތިތައް ވެސް އަލުން ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުންވެސް މަޝްރޫއުގައި ހިމެނެ އެވެ. އަދި އަމީނީ މަގު ހަދާނީ އެ މަގުގައި މިހާރުވެސް ހުރި ފެހިކަން ނުގެއްލޭ ގޮތަށް ކަމަށް އާރްޑީސީން ބުންޏެވެ.