އާބަންކޯ

ހުޅުމާލޭގައި ފުލެޓް މަރާމާތުކޮށް ކުލަލުމުގެ ފުރަތަމަ ބުރުގެ މަސައްކަތްތައް ނިމިއްޖެ

ވެށިފަހިމާލެ ފުލެޓު މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ޖުމްލަ 30 އިމާރާތެއް -- 504 ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމައިފި އެވެ.

ވެށިފަހިމާލެ ފުލެޓް މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 1،000 ފްލެޓްގެ ތެރެއިން ފުލެޓް ނަންބަރު 83 އިން 112 އަށް އެއްމެދު އިމާރާތްތަކުގެ ބޭރުފާރުގެ ކުލަ އައުކުރުމެގެ މަސައްކަތް އާބަންކޯ އިން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

މި މަސައްކަތުގެ ދަށުން އިމާރާތުގެ ބޭރުފާރާއި، ފުލެޓުތަކުގެ ބެލްކަނީގެ އެތެރެފާރުގައި ކުލަލާފައިވެ އެވެ. އަދި ފުލެޓުގެ ރެނދު ބެއްދުމުގެ މަސައްކަތްވެސް ކޮށްފައިވެ އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރަމުންދިޔަ މި މަސައްކަތްތައް ނިންމާލައި ބާކީ ހުރި ފުލެޓްތަކުގެ މަސައްކަތް ފެށުމަށް އާބަންކޯ އިން މިހާރު ވަނީ ތައްޔާރުވެފަ އެވެ. ފުރަތަމަ ބުރުގައި ޖުމްލަ 30 އިމާރާތެއް -- 504 ޔުނިޓްގެ ބޭރު ފާރުގެ މަރާމާތާއި ކޮމަން އޭރިއާގެ މަސައްކަތްތައް ވަނީ ކޮށްފަ އެވެ.

އަބަންކޯ އިން ބުނީ މަރާމާތުގެ މަސައްކަތް ދެން ކުރިއަށް ގެންދާނީ 113 އިން ފެށިގެން 138 ވަނަ ފުލެޓާ ދެމެދުގައިވާ އިމާރާތްތަކުގައި ކަމަށެވެ.

ކޮންމެ އިމާރާތެއްގެ މަސައްކަތް ފެށުމުގެ ކުރިން އެ އިމާރާތުގެ ފުލެޓުތަކަށް އާބަންކޯ އިން ނޯޓިސް ދެއެވެ. މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ފުލެޓުތަކުން އެ ފުލެޓުތަކުގެ ބެލްކަނީގެ ފާރުގައި ކުލަލުމަށް މަސައްކަތްތެރިންނަށް މަގުފަހިކޮށްދިނުމަކީ އެ ފުލެޓެއްގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށް އާބަންކޯ އިން ހަނދާންކޮށްދީފައިވެ އެވެ.

އިމާރާތުގެ ބޭރު ފާރުގައި ކުލަލުމަށް ގުންގު/ސިޑި ފަދަ ތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، އިމާރާތުގެ ބޭރުގައި ބެހެއްޓިފައިވާ ގަސްމުށި، ހަރު، ފެންސު، އިމާރާތުގެ އާންމު ބައިތަކުގައި ބެހެއްޓިފައިވާ ތަކެއްޗާއި އިންދާފައިވާ ގަސް އަދި އެހެނިހެން ހިފާ ގެންގުޅޭ ތަކެތި އެއްކައިރި ކުރުން ނުވަތަ ނެގުމަކީވެސް އެތަކެތީގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށް އާބަންކޯ އިން ބުނެ އެވެ.

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ގިނަ ހައުސިން މަޝްރޫއުތަކެއް ބަލަހައްޓާއި މަރާމާތުގެ މަސައްކަތް އާބަންކޯގެ ފަރާތުން ކުރަމުންދާއިރު، މި މަސައްކަތްތަކަކީ ތާވަލު ކުރެވިގެން ގަވައިދުން ކުރަމުންދާ މަސައްކަތްތަކެކެވެ. މިގޮތަށް މި މަސައްކަތްތައް ކުރުމުގެ އެއްމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުން ކަމަށްވެސް އާބަންކޯ އިން ބުނެފައިވެ އެެވެ.