މިނިސްޓްރީ އޮފް ޓޫރިޒަމް

ޓޫރިޒަމްގެ ފަސްވަނަ މާސްޓަ ފްލޭން މާދަމާ އިފްތިތާހުކުރަނީ

ރާއްޖޭގެ ޓޫރިޒަމްގެ ފަސްވަނަ މާސްޓަ ފްލޭން މާދަމާ އިފްތިތާހުކުރުމަށް ނިންމައިފި އެވެ.

ފަސްވަނަ މާސްޓާ ޕްލޭން އިފްތިތާހުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު ގައުމީ ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ޓޫރިޒަމްގެ ފަސްވަނަ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ޓޫރިޒަމް މިނިސްޓަރު ކަމުގައި އަލީ ވަހީދު ހުންނެވި ދުވަސްވަރު އެވެ. ނަމަވެސް ފައިސާގެ ދަތިކަމާއި ކޮވިޑް 19ގެ އާލަމީ ވަބާއާއި ގުޅިގެން މިމަސައްކަތް ދުވަސްކޮޅަކަށް މެދުކެނޑިފައި އޮތުމަށްފަހު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ހިލޭ އެހީގެ ދަށުން އަލުން މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ.

މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި 10 ދާއިރާއަކުން ކޮންސަލްޓެންޓުން މަސައްކަތް ކުރައްވާފައިވާއިރު މީގެތެރެއިން ނުވަ ދާއިރާއެއްގައި އިސްކޮށް ތިއްބެވީ ދިވެހިންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ފަސްވަނަ މާސްޓަ ޕްލޭނަކީ ރާއްޖޭގެ ޓޫރިޒަމް އިތުރު ހަރުފަތްތަކަކަށް ގެންދެވޭނެ ގޮތަކަށް އެކުލަވާލާފައިވާ ޕްލޭނެއް ކަމަށެވެ. އަދި ފަސްވަނަ މާސްޓް ފްލޭންގައި ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްގީކުރެވޭނެ ގޮތްތަކެއް ހިމަނާފައިވާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

ރާއްޖޭގެ ހަތަރުވަނަ ޓޫރިޒަމް މާސްޓަ ޕްލޭން އިފްތިތާހު ކުރީ 2013 ވަނަ އަހަރު އެވެ. މި ޕްލޭން އޭރު ހަދާފައިވަނީ 2013 އިން 2018ގެ ނިޔަލަށް ކުރަންހުރި ކަންކަމަށް އިސްކަންދީގެންނެވެ.