މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗަކަށް ހޯސޭ މޮރީނިއޯ ގެނައުމަށް އެކުލަބުން އޭނާއާ މަޝްވަރާކޮށްފި އެވެ.
މިކަމާ ބެހޭ ދެ ފަރާތުން ވެސް ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް މި ސީޒަނަށް ފަހު މިހާރުގެ ކޯޗު ލުއިސް ވެންހާލްގެ ބަދަލުގައި މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވާން މޮރީނިއޯ އެއްބަސްވެފައިވާ ކަމަށް ވެސް އިނގިރޭސި މީޑިއާއިން ބުނެ އެވެ. ނަމަވެސް އަދި އެގްރީމަންޓްގައި ސޮއިނުކުރެ އެވެ.
ޔުނައިޓެޑުން އާ ކޯޗަކު މިހޯދަނީ އުމުރުން 64 އަހަރުގެ ވެންހާލްއާ އެކު ރަނގަޅު ނަތީޖާތަކެއް ނުލިބިދާތީ އެވެ. އަދި ކުޅުންތެރިންނާ ގުޅުން ކުޑަވެ، ސަޕޯޓަރުންގެ ނުރުހުން އަމާޒުވާން ފެށުމާވެސް އެކުގަ އެވެ.
ނަތީޖާތައް ވަރަށް ބޮޑަށް ގޯސްވުމުން ޗެލްސީގެ ކޯޗުކަމުން މީގެ ދެ މަސްކުރިން ވަކިކުރި މޮރީނިއޯ އަކީ ޗެލްސީގެ އެންމެ ކާމިޔާބު ކޯޗެވެ. އޭނާ ވަނީ ޗެލްސީ އަށް ތިން ފަހަރު ޕްރެމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. އަދި ޕޯޗުގަލްގެ ޕޯޓޯ އާއި އިޓަލީގެ އިންޓަމިލާނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ.
ޔުނައިޓެޑުން އެންމެ ފުރަތަމަ މަސައްކަތް ކުރީ ބަޔާން މިއުނިކްގެ ކޯޗު ޕެޕް ގާޑިއޯލާ ގެނައުމަށެވެ. ނަމަވެސް ވާދަވެރި މެންޗެސްޓާ ސިޓީއަށް ދާން ގާޑިއޯލާ ނިންމުމުން ޔުނައިޓެޑަށް މިހާރުއޮތް އެންމެ ރަނގަޅު އޮޕަޝަނަކީ މޮރީނިއޯ ގެނައުމެވެ. އެކަމަކު އެސިސްޓެންޓް ކޯޗު ރަޔަން ގިގްސްއަކީ ވެސް ޔުނައިޓެޑުގެ ކޯޗުކަން ހަވާލުކޮށްފާނެ މީހެކެވެ. އުމުރުން އެންމެ 14 އަހަރުގައި ޔުނައިޓެޑާ ގުޅުނު ގިގްސް މޮރީނިއޯއާއެކު މަސައްކަތް ނުކުރާނެ ކަމުގެ އަޑުތައް ވެސް މިހާޜު ވަނީ ގަދަވެފަ އެވެ.