ހޯސޭ މޮރީނިއޯ

ޔުނައިޓެޑްގެ ކޯޗު ކަމުން މޮރީނިއޯ ވަކިކޮށްފި

ދަށް ނަތީޖާ ތަޖާއި ކުޅުންތެރިންނާއެކު އުފެދިފައިވާ މައްސަލަތައް ހައްލު ނުކުރެވި ދިއުމަށްފަހު އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ކަމުން ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ ވަކިކޮށްފި އެވެ.

ޔުނައިޓާޑްގެ ކޯޗު ކަމާ މޮރީނިއޯ ހަވާލުވީ މެއި 2016 ގަ އެވެ. އެ ޓީމުގައި މޮރީނިއޯ ހޭދަ ކުރި ދެ އަހަރު ބައިގެ މުއްދަތުގައި އޭނާ ވަނީ ޔުނައިޓަޑަށް، ޔޫރޮޕާ ލީގާއި، އިނގިރޭސި އެފްއޭ ކަޕުގެ ޗެމްޕިއަންކަން ހޯދައި ދީފަ އެވެ. މިދިޔަ ސީޒަންގައި ލީގްގެ ދެ ވަނައިގައި ނިންމާލުމުން ޔުނައިޓަޑުން ވަނީ މޮރީނިއޯގެ ކޮންޓްރެކްޓް 2020 އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާ ކޮށްފަ އެވެ.

އެހެންނަމަވެސް ކޮންޓްރެކްޓްގައި ބާކީ ދޮޅު އަހަރު އޮއްވައި، ޔުނައިޓަޑްގެ ކޯޗު ކަމުން މޮރީނިއޯ ވަކި ކުރީ، މި ސީޒަންގައި ޔުނައިޓަޑް ހޯދަމުންދާ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. މިދިޔަ އާދިއްތަ ދުވަހުގެ ރޭ، ވާދަވެރި ލިވަޕޫލް އަތުން ޔުނައިޓަޑް ބަލިވެ، އެ ޓީމު ވަނީ ތާވަލުގެ އެއް ވަނަ މާގާމާ 19 ޕޮއިންޓަށް ފަރަގު ބޮޑު ވެފަ އެވެ. ތާވަލުގެ އެއް ވަނަ އަށް ވުރެ ޔުނައިޓަޑާ ގާތުގައި ވަނީ ރެލިގޭޝަންގެ މަގާމެވެ.

ޔުނައިޓަޑްގެ ކޯޗު ކަމުން މޮރީނިއޯ ވަކި ކުރުމުން މިއީ، ތިން އަހަރު ތެރޭ އޭނާ އަށް ވަޒީފާ ގެއްލުނު ދެ ވަނަ ޓީމެވެ. ދެހާސް ސޯޅަ ވަނަ އަހަރު މޮރީނިއޯގެ ކުރީގެ ކުލަބު ޗެލްސީންވެސް ވަނީ އޭނާ ވަޒީފާއިން ވަކި ކޮށްފަ އެވެ.

އެފްސީ ޕޯޓޯ އާއި އިންޓަ މިލާން އަދި ރެއާލް މެޑްރިޑަށް ކުރިން ކޯޗު ކޮށްދިން މޮރީނިއޯ ޔުނައިޓަޑަށް ކޮށްދިން ހިދުމަށް އެ ޓީމުން ވަނީ ސޫކުރު އަދާ ކޮށްފަ އެވެ. ޔުނައިޓަޑުން ބުނީ ކުރިމަގުގައި މޮރީނިއޯއަށް ކާމިޔާބަށް އެދޭކަމަށް ބުނެފަ އެވެ.

"ސީޒަން ނިމެންދެން ވަގުތީ މެނޭޖަރެއް [ކޯޗެއް] ހަމަޖެއްސުމަށް މިދަނީ މަސައްކަތް ކުރަމުން،" ޔުނައިޓަޑުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. "އަދި މިދަނީ ދާއީމީ ކޮށް މެނޭޖަރު ކަމާ ހަވާލުވާނެ މީހަކު ހަމަޖެއްސުމަށް ރެކްރޫޓްމަންޓް ޕްރޮގްރާމެއް ހިންގުމަށް ތައްޔާރު ވަމުން."

ޔުނައިޓަޑްގެ ކޯޗު ކަމަށް ގެނައުމަށް، އެ ކުލަބުން އެންމެ ބޮޑަށް ފާރަ ލަނީ ޓޮޓެންހަމްގެ ކޯޗް މައުރޫޝިއޯ ޕޮޗެޓީނޯ އަށެވެ. ރެއާލް މެޑްރިޑްގެ ކުރިގެ ކޯޗް ޒައިނުއްދީން ޒިދާން ގެނައުމަށްވެސް ޔުނައިޓަޑުން މަސައްކަތް ކުރިކަމަށް މީޑިއާ ރިޕޯޓްތައް ފެތުރުނެވެ.