މެންޗެސްޓާ ޔުނައިޓަޑްގެ ޓީމުން ދައްކަމުން ދާ ދަށް ނަތީޖާތަކުގެ ޒިންމާ ކޯޗް ހޯޒޭ މޮރީނިއޯ ބޮލަށް އެކަނި ޖެހުމަކީ އިންސާފެއް ނޫން ކަމަށާއި، އެކަމުގައި ކުޅުންތެރިންގެ ޒިންމާއެއްވެސް އެބައޮތް ކަމަށް ޔުނައިޓަޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ބުނެފި އެވެ.
އެމެރިކާގެ މޭޖާ ލީގްގައި، ޗިކާގޯގެ މައްޗަށް ޑީސީ ޔުނައިޓަޑަށް 2-1 އިން މޮޅު ހޯދައިދިނުމަށް ޖެހި ދެ ލަނޑުވެސް ޖެހުމަށްފަހު ޓެލެގްރާފަށް ދިން އިންޓަވިއުގައި ރޫނީ ބުނީ ބައެއް ކުޅުންތެރިންގެ ފަރާތުން ދަށް ކުޅުމެއް ފެންނައިރުވެސް ހުރިހާ ބަދުނާމެއް ކޯޗު ބޮލަށް ޖެހުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
"އަހަންނަށް އެނގޭ ހުރިހާ ކަމެއް އަމާޒު ވަނީ ހޯޒޭ [މޮރީނިއޯ] އަށް ކަން، ނަމަވެސް ދެ ހަފުތާއެއް ކުރިން އަހަރެން ބުނިން، ކުޅުންތެރިން ޖެހޭނެ މިކަމުގައި ތެދުވަން،" ރޫނީ ވާހަކަ ދެއްކި އެވެ. "ކުޅުންތެރިންވެސް ޖެހޭނެ މިކަމުގައި ހިމެނިގެން އެމީހުންގެ ކަންކަންވެސް ރަނގަޅު ކުރަން."
ހޮނިހިރު ދުވަހު، ނިއު ކާސަލް ޔުނައިޓަޑާ ދެކޮޅަށް ޔުނައިޓަޑް މެޗަށް ނިކުތުމުގެ ކުރިން މީޑިއާގައި ފެތުރިގެން ދިޔަ ވާހަކަ އަކީ، މެޗަށް ފަހު ޔުނައިޓަޑްގެ ކޯޗު ކަމުން މޮރީނިއޯ ވަކި ކުރާނެ ކަމަށެވެ. ނަމަވެސް މެޗުގެ ކުރިން ޔުނައިޓަޑްގެ ބޯޑުގެ ތާއީދު މޮރީނިއޯއަށް އޮތްކަން ކުލަބުން އޭނާއަށް އެންގި އެވެ.
ނިއުކާސަލްއިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ޔުނައިޓަޑުން ފަހަތުން އަރައި މޮޅުވީ މެޗުގެ އެންމެ ފަހު 20 މިނެޓްގަ އެވެ. އެ މެޗުގައި ޔުނައިޓަޑުން ދެއްކި ކުޅުމާއެކު މޮރީނިއޯއާ މެދު އޮތް އިތުބާރު އާ ވެގެން ދިޔަ އެވެ.
"މެނޭޖަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ، ނަމަވެސް ދަނޑުމަތީގައި އެއީ ކުޅުންތެރިންގެ ޒިންމާއެއް ޓީމެއްގެ ގޮތުގައި ކުޅުމާ ޓީމެއްގެ ގޮތުގައި ނަތީޖާ ނެރުން،" ޔުނައިޓަޑަށް އެންމެ ގިނަ ލަނޑު ޖަހައިދިން ފޯވަޑް ބުންޏެވެ. "(ކުރީގެ ކޯޗް) ލުއިސް ވެން ހާލް ހުރިއިރުވެސް އަހަރެން ބުނިން ކުޅުންތެރިންގެ ގާތު އެއީ އަހަރެމެންގެ ކުޅުންތެރިންގެވެސް ޒިންމާއެކޭ ކުޅުން ރަނގަޅު ކުރުން."
ޔުނައިޓަޑް ދޫކޮށް، ރޫނީ ކުލަބު ބަދަލު ކުރީ މިދިޔަ އަހަރު އެވެ. އޭނާ ބަދަލުވީ އޭނާގެ ފުރަތަމަ ކުލަބު އެވަޓަން އަށެވެ. އެވަޓަން ދޫކޮށް، އެމެރިކާ ލީގފަށް އޭނާ ބަދަލުވީ މި އަހަރު ފެށުނު ތަނުންނެވެ.