ކުޅިވަރު

ޔުވެންޓަސް އިން ޔުނައިޓެޑަށް ފިލާވަޅެއް ނަގައިދީފި

Oct 24, 2018

މެންޗެސްޓާ (އޮކްޓޯބަރު 23) - ރޭ ޗެމްޕިއަންސް ލީގުގައި، މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗު ކޮންޓްރޯލްކޮށް ޔުވެންޓަސް އިން ޔުނައިޓެޑަށް ފުޓުބޯޅައިގެ ފިލާވަޅެއް ނަގައިދީފި އެވެ.

އޯލްޑް ޓްރެފޯޑުގައި ކުޅުނު މި މެޗުގެ ހަމައެކަނި ގޯލް 17 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ތަރި ޕައޮލޯ ޑީބަލާ އެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ނެގި ހުރަސް، ޑިފެންޑަރު ކްރިސް ސްމޯލިންގެ ފައިގައި ޖެހިފައި، ގޯލް ކުރިމަތިން ލިބުނު ބޯޅަ، އެ ވަގުތު އޭރިއާ ތެރޭގައި ހުސްކޮށްހުރި ޑީބަލާ ވަރަށް ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ވައްދައިލި އެވެ.

މެޗުގެ ފުރަތަމަ ހާފު ކޮންޓްރޯލް ކުރީ ޔުވެންޓަސް އިން ނެވެ. ގިނަ ވަގުތު ބޯޅަ ގެންގުޅެ، ޔުނައިޓެޑްގެ ޑިފެންސަށް ހަމަލާތަކެއް ކުރި އިރު، ޔުނައިޓެޑަށް މާބޮޑު އެޓޭކިންގް ކުޅުމެއް ނުދެއްކުނެވެ.

ދެވަނަ ހާފު ފެށިގެން، ޔުނައިޓެޑްގެ ކުޅުން ރަނގަޅު ކުރި ނަމަވެސް، ޔުވެންޓަސްގެ ތަޖުރިބާކާރު ޑިފެންސަށް ނުރައްކަލެއް ކުރެވިފައެއްނުވެ އެވެ. ޔުނައިޓެޑުން މުޅި މެޗުގައި ވެސް ފާހަގަ ކުރެވުނު ހަމައެކަނި ހަމަލާވެސް އަމާޒުވީ ދަނޑިއަށެވެ. އޭރު ދުނިޔޭގެ ރެކޯޑް އަގަކަށް ޔުވެންޓަސް އިން ބަދަލުވި ޕޯލް ޕޮގްބާ އޭރިއާގެ ބޭރުން ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި، ޔުވެންޓަސް ގޯލް ކީޕަރުގެ ގައިގައި ޖެހި ބޭރުވީ ކޯނަރަކަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން، ޔުނައިޓެޑްގެ ކޯޗު ޖޯސޭ މޮރީނިއޯ ވެސް ދެ ޓީމުގައި ހުރި ފެންވަރުގެ ތަފާތު ފާހަގަކޮށްފައި އެވެ.

ރޭގެ މޮޅާ އެކު ޔުވެންޓަސް ގްރޫޕުގެ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް އޮތީ ހަތަރު ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ.