ފެމިލީ ކޯޓް

އޭޕްރީލްގައި މާލޭގައި 114 ކައިވެނި، 76 ވަރި

މާލޭގައި މިދިޔަ އޭޕްރީލް މަހު 114 ކައިވެނި ކުރިއިރު އެ މަހުގެ ތެރޭގައި 76 ވަރިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

ފެމިލީ ކޯޓުގެ އޭޕްރީލް މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެ ކޯޓަށް ހުށަހެޅި ވަރީގެ މައްސަލަތަކާއި ކުރީ މަހު ނުނިމި ހުރި ވަރީގެ މައްސަލަތަކާ އެކު މިދިޔަ މަހު ވަރިއާ ގުޅޭ ޖުމްލަ 101 މައްސަލަ ފެމިލީ ކޯޓުން ނިންމާފައިވެ އެވެ. އަދި ވަރިއާ ގުޅޭ 133 މައްސަލަ އޭޕްރީލް މަސް ނިމުނުއިރު ނުނިމި އޮތެވެ.

ވަރިއާ މެދު ޝައްކުވެގެން އޭޕްރީލް މަހުގެ ތެރޭގައި އެއް މައްސަލަ ހުށަހަޅާފައިވެ އެވެ. މާޗް މަހު ހުށަހެޅުނު މިފަދަ އިތުރު މައްސަލައަކާ އެކު އޭޕްރީލް މަހުގެ ތެރޭގައި މީގެ ދެ މައްސަލަ ނިންމާފައިވެ އެވެ.

ވަރީގެ މައްސަލަތަކުގެ ތެރެއިން މިދިޔަ މަހު އެންމެ ގިނައިން ނިންމާފައިވަނީ ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ. އެއީ 38 މައްސަލަ އެވެ. އޭޕްރީލް މަސް ނިމުނުއިރު ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކުގެ ތެރެއިން 81 މައްސަލަ ނުނިމި އޮތެވެ. އޭޕްރީލް މަހު ދެވަނައަށް އެންމެ ގިނައިން ނިންމާފައިވަނީ ވަރި ސާބިތުކުރުމުގެ މައްސަލަ އެވެ. އެއީ 46 މައްސަލަ އެވެ. ވަރި ސާބިތުކުރުމުގެ 30 މައްސަލަ އޭޕްރީލް މަސް ނިމުނުއިރު ނުނިމި އޮތެވެ.

ފެމިލީ ކޯޓުން ބަލަހައްޓަމުން ދަނީ ހަމައެކަނި މާލޭގައި ކުރާ ކައިވެނިތަކާއި ވަރީގެ މައްސަލަތަކުގެ އިތުރުން އާއިލީ މައްސަލަތަކެވެ.