ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ޒައީމުގެ މަގާމުގައި ހުންނެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އެމްއާރްއެމް އުވާލަން ކޮމިޝަނުން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާތީ އެ އަދަދު ހަމަކުރުމަށް ދެ ފަހަރު ނޯޓިސް ދިނުމުންވެސް ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށް ކޮމިޝަނަށް ހުށަހަޅާފައި ނުވާތީ އެވެ.
ސިޔާސީ ޕާޓީއެއް ނަމަ 3،000 މެންބަރުން ތިބެންޖެހޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެ އެވެ. އެ އަދަދު ހަމަނުވާ ޕާޓީތަކުން ވަކި މުއްދަތެއްގެ ތެރޭގައި އަދަދު ހަމަކުރަން އަންގާ ނޯޓިސް ދިނުމަކީ އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭނެ ކަމެއް ކަމަށްވެސް ގާނޫނުގައިވެ އެވެ.
އެމްއާރްއެމްގެ މެންބަރުންގެ އަދަދު 3،000 މެންބަރުންނަށް ވުރެ ދަށްވުމާ ގުޅިގެން އަދަދު ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ އެމްއާރްއެމް އަށް ނޯޓިސް ދިނީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އެފަހަރު 3،000 މެންބަރުން ހަމަކޮށް އެމްއާރްއެމް އިން ހުށަހެޅުމުން އުވާލާ ޕާޓީތަކުގެ ލިސްޓުން އެމްއާރްއެމްގެ ނަން ފަހުން އުނިކުރި އެވެ. ނަމަވެސް އަނެއްކާވެސް އެމްއާރްއެމްގެ މެންބަރުންގެ އަދަދު 3،000 އަށް ވުރެ ދަށްވުމާ ގުޅިގެން އެ އަދަދު ހަމަކުރުމަށް އެންމެ ފަހުން އެ ޕާޓީއަށް ނޯޓިސް ދިނީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ.
އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ދެވަނަ ފަހަރަށް ދިން ނޯޓިސްއާ އެއްގޮތަށް 3،000 މެންބަރުން ހަމަކޮށް ކޮމިޝަނަށް ހުށަހަޅާފައި ނުވާތީ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަޕްޑޭޓްކޮށް އެންމެ ފަހުން މައުލޫމާތު ހިމަނާފައިވަނީ މިއަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ. އޭރު އެމްއާރްއެމްގައި ތިބީ 2،981 މެންބަރުންނެވެ.
އެމްއާރްއެމް އިން ބުނާ ގޮތުގައި އަބަދުވެސް އެ ޕާޓީގައި 3،000 މެންބަރުން ތިބޭނެ އެވެ. އެކަމަކު އެމްއާރްއެމް އިން ހުށަހަަޅާ މެންބަޝިޕް ފޯމުތައް ޕްރޮސެސް ކުރުން ކޮމިޝަނުން ލަސްކުރުމާއި، އެމްއާރްއެމްގައި ތިބޭ މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ބަދަލުކުރުމަކީ މެންބަރުންގެ އަދަދު ދަށްވާ މައިގަނޑު ސަބަބު ކަމަށް ބުނެ އެ ޕާޓީން އަބަދުވެސް މިޝަކުވާ ކުރެ އެވެ.
އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދިނީ ނޮވެމްބަރު 20، 2019 ގައެވެ.
އިލެކްޝަންސް ކޮމިޝަނުން އެމްއާރްއެމް އުވާލުމަށް ނިންމިއިރު އެ ޕާޓީއަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީ އެކެވެ. އަދި ވަޒީރުންގެ މަޖިލީހާއި ސަރުކާރުގެ އިސް މަގާމުތަކުގައިވެސް އެމްއާރްއެމްގެ ބޭފުޅުން އެބަތިއްބެވި އެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ . އިބްރާހީމް ހަސަނާއި ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން އަކީ އެމްއާރްއެމްގެ ސްލޮޓްތަކުގައި ވަޒީރުކަން ކުރައްވާ ބޭފުޅުންނެވެ.
ރާއްޖޭގައި ދެވަނަ އުފެއްދި ސިޔާސީ ޕާޓީ -- ޑީއާރްޕީ އަކީ ވެސް ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީ އެކެވެ. ނަމަވެސް ރައީސް މައުމޫން އެ ޕާޓީ ދޫކޮށްލެއްވި ފަހުން 3،000 މެންބަރުން ހަމަކުރެވިފައި ނުވާތީ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ޑީއާރްޕީ ވެސް އުވާލާފަ އެވެ.