ބޭރު ކުޅިވަރު

ޗައިނާގެ ތަނަވަސްކަމަކީ ޔޫރަޕުގެ ފުޓްބޯޅަ އަށް ބިރެއް: ވެންގާ

Feb 6, 2016

ޗައިނާގެ ކުލަބުތަކުގައި ފައިސާގެ ތަނަވަސްކަން ބޮޑު ކަމަށާއި މިއީ ޔޫރަޕުގެ ފުޓްބޯޅަ އަށް ހުރި ބިރެއް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ސިފަކޮށްފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ލީގުގެ ޓިކެޓް އަގުހެޔޮ ނުކުރެވޭނެ ސަބަބުތައް ދައްކަމުންނެވެ.

"ކުޅުންތެރިންގެ އަގު ދުވަހެއް ދުވަހަކަށް ދަނީ މައްޗަށް. މީގެ ސަބަބުން ލިބޭ ފައިސާ ހަރަދު ކުރަންޖެހެނީ ކުޅުންތެރިން ގަތުމަށާއި މުސާރައަށް. ޓީވީ ރައިޓްސް ފައިސާ އިތުރުވި ނަމަވެސް ޓިކެޓް އަގުކުޑަކުރެވޭކަށްނެތް،" ވެންގާ ބުންޏެވެ.

"ޗައިނާގެ ކުލަބުތަކުގައި ފައިސާ އެބަހުރި. އެމީހުން އެދަނީ ބޮޑު އަގުގައި ކުޅުންތެރިން ގަންނަމުން. އެމީހުންގެ ދޭ އަގު ނުދެވޭތީވެ ޔޫރަޕުގެ ޓީމުތަކަށް މޮޅު ކުޅުންތެރިން ނުގެނެވިދިއުން މިދަނީ އިތުރުވަމުން. ޗައިނާގައި އެބަހުރި މުޅި ޔޫރަޕުގެ ފުޓްބޯޅަ އެ ގައުމަށް ގެންދެވޭހާ ގާބިލްކަން،" ވެންގާ ބުންޏެވެ.

ނަމަވެސް އިގްތިސާދީ ގޮތުން ދުނިޔޭގެ އެންމެ ގާބިލް އެއް ގައުމު ކަމަށްވާ ޗައިނާގެ ކުލަބުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިދާނެތޯ އޭނާ ވަނީ ސުވާލު އުފައްދާފަ އެވެ.

"ހަނދާންކޮށްލަމާ ތަންކޮޅެއް ކުރިން ޖަޕާނުން ވެސް މިކަން ފެށި. އެކަމަކު ވަކި ހިސާބަކުން ހުއްޓާލީ. ޗައިނާއަށް ވެސް އެހެން ވެދާނެ. އެކަމަކު މިވަގުތު އެމީހުންގެ ނުފޫޒު ވަރަށް ގަދަ. ދުވަސްކޮޅަކުން މިކަން އަނެއްކާ ވެސް ޖަޕާނުން ވެސް ފަށައިފާނެހެން ހީވަނީ،" ވެންގާ ބުންޏެވެ.

އިނގިރޭސި ލީގުގެ ޓީމުތަކުގެ ސަޕޯޓަރުން ވަނީ ޓިކެޓް އަގުބޮޑުވެގެން ހަޅުތާލުވެސް ކުރަން ފަށައިފަ އެވެ. މީގެ ތެރޭގައި އެންމެ ކުރީގައި އުޅެނީ ވެސް އާސެނަލްގެ ސަޕޯޓަރުންނެވެ. އެންމެ އަގުބޮޑުކޮށް ޓިކެޓް ވިއްކާ އެއް ބަޔަކީ ވެސް އާސެނަލް އެވެ. ޓިކެޓް އަގުހެޔޮނުކުރާތީވެ ލިވަޕޫލްގެ ސްޕޯޓަރުން ވެސް ވަނީ ސަންޑަލޭންޑާއެކު މިއަދު ކުޅޭ މެޗުގެ 78 މިނިޓްވުމުން ދަނޑުން ނުކުތުމަށް ނިންމައިފަ އެވެ.