ފިނިޕޭޖް

"ދަ ކަލާ ޕާޕަލް" ތަފާތު ގޮތަކަށް ގެނެސްދެނީ

ސްޓީވަން ސްޕީލްބާގް 1985 ގައި ނެރުނު ފިލްމެއް ކަމުގައިވާ "ދަ ކަލާ ޕާޕަލް"ގެ ރީމޭކެއް މިއުޒިކަލްއެއްގެ ގޮތުގައި، ތަފާތު ގޮތަކަށް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

ޑައިރެކްޓާ ބްލިޓްޒް ބަޒަވުލް ގެނެސްދޭ މި ފިލްމްގެ ފުރަތަމަ ޓްރޭލާ މިހާރު ވަނީ ނެރެފަ އެވެ.

އެލިސް ވޯކާގެ ޕުލިޓްޒާ އެވޯޑް ލިބުނު ވާހަކައަށް ބިނާކޮށްފައިވާ ކުރީގެ "ދަ ކަލާ ޕާޕަލް" އަކީ 20 ވަނަ ގަރުނައިގެ ކުރީކޮޅު އެމެރިކާގެ އަޅުން ގެންގުޅުނު ދެކުނު ސްޓޭޓެއްގައި ކަޅު ނަސްލުގެ އަންހެނުންތަކެއް ކަޑައްތު ކުރަންޖެހުނު ގެވެށި، ޖިންސީ އަދި ނަފްސާނީ އަނިޔާތަކާއި ހިތާމަތަކާއި ކެކުޅުންތައް ދައްކައިދޭ އަސަރުގަދަ ފިލްމެކެވެ.

މި ފިލްމުގެ ތަރިންގެ ތެރޭގައި ވޫޕީ ގޯލްޑްބާގް، އޯޕްރާ ވިންފްރީ، ޑެނީ ގްލޯވާ، މާގަރެޓް އޭވަރީ، ރޭ ޑޯން ޗޮން، އެޑޮލްފް ސީޒާ، ލޯރެންސް ފިޝްބާން އަދި ވިލާޑް ޕިއު ހިމެނެ އެވެ. މައި ކެރެކްޓާ ސީލީގެ ރޯލަށް ވޫޕީއަށް ވަނީ ބެސްޓް އެކްޓްރެސް ކެޓަގަރީއިން ގޯލްޑަން ގްލޯބް އެވޯޑް ލިބިފަ އެވެ. މި ފިލްމަށް މާޝާ ނޯމަން ބްރޯޑްވޭ މިއުޒިކަލް އެއްވެސް ހަދާފައިވެ އެވެ.

މި ފިލްމް ވެގެންދިޔައީ އޭރުގައި ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމަކަށެވެ. މި ފިލްމަށް ގޯލްޑަން ގްލޯބް އެވޯޑް ލިބިފައިވާއިރު އެކަޑަމީ އެވޯޑަށް ނޮމިނޭޓްވި އެވެ.

"ދަ ކަލާ ޕާޕަލް" ރީމޭކްގައި ސީލީގެ ރޯލް އަދާކުރާނީ 2004ގެ އެމެރިކަން އައިޑަލް ހާސިލް ކުރި ފެންޓޭޝިއާ ބެރީނޯ އެވެ. މީގެ އިތުރުން ތަރާޖީ ޕީ. ހެންސަން، ހެލީ ބެއިލީ، ޑެނިއެލް ބްރޫކްސް، ލުއީ ގޮސެޓް ޖޫނިއާ، ކޮރީ ހޯކިންސް، ޑޭވިޑް އެލަން ގްރީއާ، ކޯލްމަން ޑޮމިންގޯ، އޯންޖަނިއު އެލިސް-ޓޭލާ، ހާ، ސިއަރާ އަދި އިތުރު ތަރިން ހިމެނެ އެވެ.

މި ރީމޭކްގެ ޕްރޮޑިއުސަރުންގެ ތެރޭގައި ކުރީ ފިލްމުގެ ޑައިރެކްޓަރު ސްޕީލްބާގް އާއި ޕްރޮޑިއުސަރު ކުއިންސީ ޖޯންސް ހިމެނޭއިރު، ކުރީ ފިލްމްގައި ސޯފިއާގެ ރޯލު އަދާކުރި އޯޕްރާ ވިންފްރީ ހިމެނެއެވެ.

މި ފިލްމް ސިނަމާތަކަށް ރިލީޒްކުރާނީ ޑިސެމްބަރ 25، 2023 ގައެވެ.