އިންޑިޔާގައި އިއްޔެނޫން އިހަށްދުވަހު ފެށި ސައިޓް ނަގްޖީ ފުޓްބޯޅަ މުބާރާތުގައި އިއްޔެ މަޝްހޫރު އާޖެންޓީނާ އާއި ޖަރުމަނުގެ މިއުނިކްގެ ޓީއެސްވީ 1860 ބައްދަލުކުރި މެޗުގައި ރާއްޖޭގެ އިސްމާއީލް އިޒްހާން ރެފްރީކަންކޮށްފި އެވެ.
ދާދި ފަހުން ފީފާގެ ބެޖް ލިބުނު އިޒްހާން މިއުނިކް3-0އިން މޮޅުވި މި މެޗުގައި ރެފްރީކަންކުރިއިރު އޭނާ އަކީ މި މުބާރާތުން ފުރުސަތު ލިބުނު ރާއްޖޭގެ ދެ ރެފްރީންގެ ތެރެއިން އެއް ރެފްރީ އެވެ، އަނެއް ރެފްރީ އަކީ އަހުމަދު އަބުދުﷲ އެވެ. އޭނާ ވަނީ މި މެޗުގައި ދެ ވަނަ އެސިސްޓެންޓް ރެފްރީގެ ގޮތުގައި ރޮނގު ބަލަހައްޓައިފަ އެވެ.
އިންޑިޔާގައި މިވަގުތުހުރި އިޒްހާން ބުނީ އޭނާ މި މެޗުގައި ރެފްރީކަންކުރުމަކީ ރާއްޖެ އަށް ވެސް ލިބުނު ރީތި ނަމެއް ކަމަށެވެ. އަދި މުބާރާތުގައި ކުރިއަށް ދިއުމަށް ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ.
"ވަރަށް ބޮޑު އުފަލެއްމިއީ. އަހަރުމެން ދެ މީހުން މަސައްކަތް ކުރާނީ ރާއްޖެ އުފާވާފަދަ ކާމިޔާބީއެއް ހޯދަން މުބާރާތުން. މިއީ ރާއްޖެ އަށް ލިބުނު ރީތި ނަމެއް،" އެފްއޭއެމުގެ ކުރީގެ ރައީސް އިލްހާމް އަހުމަދާއި ކުރީގެ ފީފާ ރެފްރީ އަލީ އާދިލްގެ ކޮއްކޮ އިޒްހާން ބުންޏެވެ.
މި މުބާރާތަކީ އިންޑިޔާގައި މީގެ ކުރިން ވަރަށް ފޯރިއާއެކު ބޭއްވި މުބާރާތެކެވެ. 19 އަހަރުގެ މެދުކެނޑުމަކަށް ފަހު އިއްޔެ އަލުން މުބާރާތް ފެށީ ދެކުނުއެމެރިކާއިން އާޖެންޓީނާގެ 23 އަހަރުގެ ދަށުގެ ޓީމާއި ބްރެޒިލްގެ އެތްލެޓީކޯ ކުލަބުގެ އިތުރުން ޔޫރަޕުގެ ހަ ޓީމަކާއެކުގަ އެވެ. މުބާރާތުގެ މިފަހަރުގެ އެމްބެސެޑަރަކީ ބްރެޒިލްގެ ރޮނާލްޑީނިއޯ އެވެ. އޭނާ ވަނީ މުބާރާތް އިފްތިތާހުކުރަން އިންޑިޔާ އަށް ވެސް ގޮސްފަ އެވެ.