ދުނިޔެ

ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާކަށް ނުކެރޭނެ: ޖޯޖިއާ

ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި ނަމަ ޖޯޖިއާގެ އިގުތިސާދު ފުނޑުފުޑުވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އިރާކްލީ ގަރުބަޝްވިލީ ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ ޕްރެޝަރަށް ޖަވާބުދެއްވަމުން ބޮޑުވަޒީރު ވިދާޅުވީ ރަޝިއާއާ ދެކޮޅަށް އެއްވެސް ކަމެއް ކުރެއްވުމަކީ ކެރިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.

ރަޝިއާއާ ވާދަކޮށް ޖެއްސުންކުރުމަކީ ނުރަކާ ބޮޑު ކަމެއްކަން ޖޯޖިއާއަށް 2008 ގައި ވަނީ ވިސްނިފަ އެވެ. ރަޝިއާއާ އެކު ހިނގި ހަމަނުޖެހުން ތަކެއްގައި ޖޯޖިއާގެ ސަރަހައްދުން 20 ޕަސެންޓް ރަޝިއާ ވަނީ ޖަހައިގެން އަމިއްލަކޮށްފަ އެވެ.

ގަރުބަޝްވިލީގެ ސަރުކާރުން ވަނީ ރަޝިއާއަށް ދަތިކުރަން ހުޅަނގުން އެދޭ އެދުންތަކަށް ފުރަގަސް ދެއްވާފަ އެވެ. އަދި ރަޝިއާއާ ޖޯޖިއާއާ ދެމެދު ފްލައިޓްތައް ވެސް ވަނީ ހުއްޓުމެއް ނެތް ގޮތަށް ފަށާފަ އެވެ.

ގަތަރު އިކޮނޮމިކް ފޯރަމްގައި ވާހަކަދައްކަވަމުން ގަރުބަޝްވިލީ ވިދާޅުވި ގޮތުގަައި ރަޝިއާއަށް އިގުތިސާދީ ގޮތުން ދަތިކުރުން ވާނީ އަމިއްލައަށް ޒަހަމްވުން ކަމަށެވެ. ދެ ގައުމަކީ އަވަށްޓެރި ދެ ގައުމުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ގައުމު އިނދަޖެހެން އެދިވަޑައި ނުގަންނަވާ ކަމަށެވެ.

ގަރުބަޝްވިލީ ލަފާކުރައްވާ ގޮތުގައި ރަޝިއާ އާއި ޖޯޖިއާއާ ދެމެދު އަހަރަކު އެއްބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭނެ އެވެ.

ރަޝިއާއިން 2008 ގައި އޭނާގެ ގައުމު -- ޖޯޖިއާއަށް އަނިޔާތަކެއް ދިންއިރު ބައިނަލްއަގްވާމީ ޖަމާއަތްތައް ކޮބައިތޯ ގަރުބަޝްވިލީ ސުވާލުކުރެއްވި އެވެ. ހުޅަނގު ކޮބައިތޯ އަދި ނޭޓޯ ކޮބައިތޯ ވިދާޅުވެ އޭނާ ޝަކުވާ ކުރެއްވި އެވެ.

ޔުކްރޭން ހަނގުރާމަ ނިމިގެންދާނެ ގޮތް އެއްވެސް ބަޔަކަށް ބުނަން ނޭނގޭއިރު އަމިއްލައަށް ހަލާކުވުމުގެ ބޭނުމެއް ނެތް ކަމަށް ގަރުބަޝްވިލީ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޔުކްރޭން ހަނގުރާމަ ހުއްޓާލަން އުޅޭކަން ދޭހަވާ އެއްވެސް ނިޝާނެއް ލޮލުކޮޅަށް ފެންނަ ހިސާބުގައި ވެސް ނެތް ކަމަށެވެ.

ބައިނަލްއަގްވާމީ ޖަމާއަތްތަކުން ރަޝިއާ އާއި ޔުކްރޭނަށް ނަސޭހަތްތެރި ނުވަނީ ކީއްވެތޯ ވެސް ގަރުބަޝްވިލީ ސުވާލުކުރެއްވި އެވެ. އަދި ނުފޫޒު ގައުމުތަކުން ހަންގުރާމަ ހުއްޓުވަން މަސައްކަތްކުރާނީ ޔުކްރޭނަށް ކިހާ ބޮޑު ގެއްލުމެއް ލިބުމުންތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ.