ދުނިޔެ

ހަނގުރާމައިގެ ހާލަތުގައި ޔުކްރޭނަށް ނޭޓޯގައި ބައިވެރި ނުވެވޭނެ: ނޭޓޯގެ ވެރިޔާ

ރަޝިއާއާ އެކު ހަނގުރާމައިގެ ހާލަތުގައި ޔުކްރޭން އޮތްހައި ހިނދަކު އެ ޖަމާއަތުގައި ބައިވެރިވުމަށް ޔުކްރޭނުން ކުރަމުން ގެންދާ މަސައްކަތްތައް ކާމިޔާބު ނުވާނެ ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓަންބާގް ވިދާޅުވެއްޖެ އެވެ.

ބެލްޖިއަމްގެ ވެރިރަށް ބުރުސެލްސްގައި އޮތް ހަފުލާއެއްގައި ވާހަކަދައްކަވަމުން ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ހަނގުރާމައިގެ ހާލަތުގައި ގައުމެއް އޮއްވައި ނޭޓޯގައި ބައިވެރިކުރުމަކީ އެއްވެސް އިރެއްގައި އެޖެންޑާއި އޮތް ކަމެއް ނޫން ކަމަށެވެ.

ސްޓޮލްޓަންބާގް ވިދާޅުވި ގޮތުގައި ނޭޓޯއިން މިހާރު މަޝްވަރާކުރަނީ ރަޝިއާ-ޔުކްރޭން ހަނގުރާމަ ނިމުނު ދުވަހަކުން -- ނޭޓޯ މެމްބަރުކަން ޔުކްރޭނަށް ދެވިދާނެ ގޮތަކާ މެދު އެވެ.

ނޭޓޯގައި ބައިވެރިވުމަށް އެދި ޔުކްރޭނުން ވަނީ އެ ޖަމާއަތަށް ޚާއްސަ ސިޓީއެއް ވެސް ފޮނުވާފަ އެވެ. އަދި ރަޝިއާއިން ޔުކްރޭންގެ ބައެއް އަވަށްތަކަށް އަރައިގަނެ އެއީ ރަޝިއާގެ ބައެއް ގޮތުގައި ހެދި ފަހުން ވަނީ ނޭޓޯގައި ބައިވެރިކޮށް ދިނުން އަވަސްކޮށް ދިނުމަށް ޔުކްރޭނުން އެދިފަ އެވެ.

ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ދީފި ނަމަ ޔުކްރޭން ހަނގުރާމައިގެ ތެރެއަށް ވަންނަން ނޭޓޯއަށް މަޖުބޫރުވާނެ އެވެ. އެއީ އެ ޖަމާއަތުގައި ކޮށްފައި އޮންނަ އަހުދަށް ތަބާވުމަށެވެ. އަހުދުގައި އޮންނަނީ އެ ޖަމާއަތަށް ނިސްބަތްވާ ގައުމަކަށް -- ބޭރު ގައުމަކުން އަރައިގަނެ ހަމަލާދީ ހަނގުރާމައިގެ ހާލަތަށް ގެންގޮސްފި ނަމަ، ނޭޓޯ މެމްބަރު ގައުމުތަކުން ހަނގުރާމައިގައި ބައިވެރިވެ އެކުވެރި ގައުމު ސަލާމަތްކުރަން ޖެހޭނެ ކަމަށެވެ.

މިހެން ކަން އޮތް ނަމަވެސް، ހަނގުރާމައިގެ ހާލަތުގައި ޔުކްރޭން އޮއްވައި ނޭޓޯ މެމްބަރުކަން އެ ގައުމަށް ދިނުމަށް ފަހު -- މެމްބަރު އެހެން ގައުމުތަކުން ޔުކްރޭން ސަލާމަތްކުރުމަށް ހަނގުރާމައިގެ ތެރެއަށް ވަނުން ވާނީ ވަރަށް ބޮޑު ނުރައްކަލަކަށެވެ. ރަޝިއާއިން އޭރުން ނޭޓޯ ގައުމުތަކަށް ވެސް ރައްދު ހަމަލާދޭނެ އެވެ. އަދި މުޅި ޔޫރަޕަށް ހަނގުރާމަ ފުޅާވެގެން ދާނެ އެވެ.

ނޭޓޯ މެމްބަރު ބައެއް ގައުމުތަކުން ބުނާ ގޮތުން ޔުކްރޭން ހަގުރާމައިގެ ހާލަތުގައި އޮތް ނަމަވެސް، ޔުކްރޭނާ މެދު ގާތް ގޮތްތަކެއް ހެދިދާނެ އެވެ. އަދި ރަސްމީ ހައިސިއްޔަތުން މެންބަރުކަން ނުދިން ނަމަވެސް ޔުކްރޭނަށް ޚާއްސަ ދަރަޖައެއް ދެވިދާނެ އެވެ.

ޔެންސް ސްޓޮލްޓަންބާގް ކުރިން ވިދާޅުވި ގޮތުގައި ޔުކްރޭންގެ ކުރިމަގު އޮތީ ނޭޓޯގަ އެވެ. ނޭޓޯ ގައުމަކަށް ވެގެން މެނުވީ ފުރިހަމަ މިނިވަންކަމެއް ޔުކްރޭނަށް ނުލިބޭނެ ކަމަށް ވެސް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ދިނުމަށް ބަހުސްކުރަމުން ދާތާ 15 އަހަރު ވަނީ ފާއިތުވެފަ އެވެ. އެހެން ނަމަވެސް، ރަޝިއާގެ ނުފޫޒާ ހެދި އެކަން އަދިވެސް އޮތީ ނުވެފަ އެވެ.

ޔުކްރޭނާ މެދު ނޭޓޯއިން ދެން އަމަލުކުރާނީ ކޮން ގޮތަކަށްކަން އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް ސްޓޮލްޓަންބާގް ވިދާޅުވި އެވެ. އެއީ ނޭޓޯ އަކީ އަޣުލަބިއްޔަތުން ކަންކަން ނިންމާ ޖަމާއަތަށް ވާތީ ކަމަށް ވެސް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ދިނުމާ މެދު މެމްބަރު ގައުމުތައް ވަނީ ބައިބައިވެފަ އެވެ.