ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު އީދު ކަމަށް ސައުތު އޭޝިއަން ގޭމްސް އިންޑިޔާގައި އިއްޔެ ފެށިގެން ކުރިއަށްދާއިރު އެ ގައުމުގެ ސަމާލުކަން އެހެން ފުޓްބޯޅަ މުބާރާތަކަށް ހުއްޓިއްޖެ އެވެ.
ބްރެޒިލްގެ ރޮނާލްޑީނިއޯގެ އެމްބެސެޑަރުކަމުގެ ދަށުން ޔޫރަޕާއި ދެކުނު އެމެރިކާގެ ޓީމުތައް ބައިވެރިކޮށްގެން އިންޑިޔާގެ ކެރެލާގައި އިއްޔެ ފަށާފައިވާ ފުޓްބޯޅަ މުބާރާތަކީ ސައިޓް ނަގްޖީ ޓްރޮފީ ފުޓްބޯޅަ މުބާރާތެވެ. މިއީ މި މުބާރާތް ބާއްވާ 36 ވަނަ ފަހަރެވެ. އިންޑިޔާގައި ވަރަށް ފޯރިއާއެކު ކުރިން ބޭއްވި މި މުބާރާތް މި ފަހަރު މުބާރާތް މި ބާއްވަނީ 19 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން މުބާރާތް ބޭއްވީ 1995ގަ އެވެ.
އިންޑިޔާ ވާދަނުކުރި ނަމަވެސް މުބާރާތުގައި ވާޑަކުރަނީ ދުނިޔޭގެ ފެންވަރުގެ އަށް ޓީމަކުންނެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައިވާ އާޖެންޓީނާގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު މި މުބާރާތުގައި ވާދަކުރުމެވެ.
މި މަހުގެ 21 ވަނަ ދުވަހު ނިމޭ މި މުބާރާތުގައި ބްރެޒިލްގެ އެތްލެޓިކޯ ފުޓްބޯޅަ ކުލަބުގެ ރިޒާވް ޓީމު ވެސް ވާދަކުރެ އެވެ. ޔޫރަޕުން ވާދަކުރަނީ ޖަރުމަނު ވިލާތުގެ އެފްސީ ޑިނިޕްރޯގެ ޒުވާން ޓީމާއި ވޮލީން އަދި ޖަރުމަނުގެ މިއުނިކަށް ނިސްބަތްވާ ޓީއެސްވީ 1860 ގެ ރިޒާވް ޓީމާއި ރޫމޭނިޔާގެ ރެޕިޓް ބުކަރެސްޓާއި ރިޕަބްލިކް އަޔަލޭންޑްގެ ޝަމްރޮކް ރޯވާސް އާއި އިނގިރޭސިވިލާތުގެ ވޮޓަފޮޓްގެ ރިޒާވް ޓީމެވެ.
އިންޑިޔާގައި ފުޓްބޯޅަ ކުރިއެރުވުމުގެ ގޮތުން އެ ގައުމުން ދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. މި ގޮތުން މި މުބާރާތް އިފްތިތާހު ކުރުމަށް ރޮނާލްޑީނިއޯ ވެސް ވަނީ އިންޑިޔާ އަށް ޒިޔާރަތްވެސްކޮށްފަ އެވެ.