ލައިފްސްޓައިލް

ފަސިންޖަރަކަށް މަލާމާތްކުރުމުން ކެބިން ކުރޫންތަކެއްގެ ވަޒީފާ ގެއްލިއްޖެ

ފަސިންޖަރަކަށް މަލާމާތް ކުރިކަން ސާބިތުވެ، ހޮންގްކޮންގްގެ އެންމެ ވަރުގަދަ އެއާލައިން ކެތޭ ޕެސިފިކްގައި މަސައްކަތްކުރާ ފްލައިޓް އެޓެންޑެންޓުންގެ ތެރެއިން ތިން މީހެއްގެ ވަޒީފާ ގެއްލިއްޖެ އެވެ.

ފްލައިޓް އެޓެންޑެންޓުން އެމީހާއަށް މަލާމަތްކުރީ އޭނާއަށް ރަނގަޅަށް އިނގިރޭސި ބަސް ބަސް ކިޔަން ނޭނގުމުންނެވެ.

މިދިޔަ އާދިއްތަ ދުވަހު ޗައިނާގެ ޗެންގްޑޫ އިން ހޮންގް ކޮންގް އަށް ދަތުރުކުރި ފްލައިޓެއްގައި އިން ފަސިންޖަރަކު ކެތޭ ޕެސިފިކް އެއާލައިނަށް ހުށަހެޅި ޝަކުވާއެއްގައި ބުނެފައިވަނީ އިނގިރޭސިން ވާހަކަ ދައްކަން ނޭނގޭ ފަސިންޖަރުންނާ މެދު ފްލައިޓް އެޓެންޑެންޓުން ތަފާތުކުރާ ކަމަށެވެ.

ފްލައިޓްގައި އިން ޗައިނާ މީހާ ކެބިން ކުރޫންގެ ކިބައިން އެދުނީ ބްލެންކެޓެއް ދޭށެވެ. ނަމަވެސް "ބްލެންކެޓް" ކިޔަން ނޭނގިގެން އޭނާއަށް ކިއުނީ "ކާޕެޓް" އެވެ. އޭނާއަށް އެހެން ބުނެވުމުން ފްލައިޓް އެޓެންޑެންޓުން އެކަމާ ވަރަށް ހީނ އަދި އެ މީހާއަށް އިނގިރޭސިން ވާހަކަ ދައްކަން ނޭނގޭތީ މަލާމަތްކޮށްފައި ވެއެވެ.

"ކަލެއަށް އިނގިރޭސިން ބްލެންކެޓް ބުނަން ނޭނގެންޏާ އެއެއް ނުލިބޭނެ" ތަކުރާރުކޮށް އެތައް ފަހަރަކު ޗައިނާގެ ފަސިންޖަރާ ދިމާލަށް ފްލައިޓް އެޓެންޑެންޓަކު ބުނެފައި ވެއެވެ. އަދި އޭނާ މިހެން ބުނާ އަޑު ރެކޯޑްކޮށްފައި ސޯޝަލް މީޑިއާގައި މީހަކު ޕޯސްޓް ކޮށްފައި ވެއެވެ.

ކެތޭ ޕެސިފިކް އިން މިހާރު ވަނީ އެ އެއާލައިންގެ މުވައްޒަފުންތަކެއް ކުރި މި ކުށަށް މައާފަށް އެދިފަ އެވެ.

ކެތޭ ޕެސިފިކްގެ ސީއީއޯ ރޮނަލްޑް ލޭމް ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި ކުންފުނީގެ ޕޮލިސީއާ ޚިލާފުވި ތިން ކެބިން ކްރޫން މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އަދި އެއާލައިންގެ ސްޓާފުންނަށް މިފަދަ ކަންކަމާ ގުޅޭ ގޮތުން އިތުރު ތަމްރީނުތައް ދީ މިފަދަ ކަމެއް އިތުރަށް ތަކުރާރު ނުވާނެ ކަން ޔަގީންކުރާނެ ކަމަށް ވެސް ސީއީއޯގެ ބަޔާނުގައި ބުނެފައި ވެއެވެ.

ހޮންގް ކޮންގްގެ ފްލައިޓްތަކުގައި ޗައިނާ މީހުންނަށް މަލާމަތްކުރާ މައްސަލަތައް ވަރަށް ގިނައިން ދިމާވާ ކަމުގެ ޝަކުވާތައް ވަރަށް ގިނަ ފަސިންޖަރުން ކުރަމުން ދެއެވެ. ނަމަވެސް މިފަހަރު ސޯޝަލް މީޑީއާގައި މި ވާހަކަ މާ ބޮޑަށް ވައިރަލް ވުމުން ފިޔަވަޅުއަޅަން އެއާލައިނަށް މަޖްބޫރުވީ އެވެ.

ޗައިނާ މީހުން އާއްމުކޮށް ވާހަކަ ދައްކަނީ މެންޑަރިން ބަހުންނެވެ. އެމީހުންގެ ތެރެއިން މަދު މީހަކަށް ނޫނީ އިނގިރޭސިން ރީތިކޮށް ވާހަކަ ދައްކާކަށް ނޭނގެ އެވެ. ހޮންގް ކޮންގްގައި ވާހަކަ ދައްކާ ރަސްމީ ބަހަކީ އިނގިރޭސި އާއި ޗައިނީޒް އެވެ.