ސައޫދީ އަރަބިއްޔާ އާއި ކެނެޑާ ސިޔާސީ ގުޅުން އަލުން ގާއިމުކޮށް ސަފީރުން އަައްޔަންކޮށްފި އެވެ. މި ދެ ގައުމުގެ ގުޅުން ކަނޑައިގެން ގޮސްފައި އޮންނަތާ ފަސް އަހަރު ވަނީ ވެފަ އެވެ.
ސައޫދީން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސައޫދީ އާއި ކެނެޑާއާ ދެމެދު ސިޔާސީ ގުލުން އަލުން ގާއިމުކުރީ ސައޫދީގެ ބޮޑުވަޒީރު އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއާ ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހުގައި ކަމަށެވެ.
ކެނެޑާގެ ޚާރިޖީ ވުޒާރާއިން ވެެސް ވަނީ ދާދި އެއް މޭރުމަކުން ބަޔާނެއް ނެރެފަ އެވެ. އޭގައި އިތުރަށް ބުނެފައި ވަނީ ސައޫދީ އާއި ކެނެޑާއާ ދެމެދު ސިޔާސީ ގުޅުން އަލުން ގާއިމުކުރަން މަޝްވަރާތައް ފެށުނީ ފާއިތުވި އަހަރު ނޮވެމްބަރުގައި ތައިލޭންޑް ވެރިރަށް ބޭންކޮކްގައި އޮތް އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯއޮޕަރޭޝަން ފޯރަމްގައި -- ބިން ސަލްމާން އާއި ޓްރޫޑޯއާ ދެމެދު ދެކެވުނު ވާހަކަތަކަށް ފަހުގައި ކަމަށެވެ.
ސައޫދީ އަރަބިއްޔާއިން ކެނެޑާއާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލީ 2018 ގައެވެ. އެއީ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ސައޫދީއަށް ފާޑުކިޔައި ސައޫދީ ވަންތަ ކަމަށް ކެނެޑާއިން މަލާމާތްކުރުމާ ގުޅިގެންނެވެ.
އިސްލާމްދީނަށް މަލާމާތްކޮށް ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ލިޔަމުންދިއަ މުރުތައްދުވެފައި ހުރި ބްލޮގަރެއް ކަމަށްވާ ރައީފް ބަދާވީ ސައޫދީން ހައްޔަރުކުރުމަކީ ވެސް ކެނެޑާއަށް ވަރަށް ބޮޑު ކަމަކަށް ވަނީ ވެފަ އެވެ.
ކެނެޑާގެ އަަމަލުތަކަށް ސައުދީން ދިން ޖަވާބެއް ގޮތުން ސައޫގައި ހުންނެވި ކެނެޑާ އެމްބެސެޑަރު އެ ގައުމުން ބޭރުވާން ޚާރިޖީ ވުޒާރާއިން އެންގި އެވެ. އަދި ކެނެޑާގައި ހުންނެވި ސައޫދީ ސަފީރު ގައުމަށް ވަޑައިގަތުމަށް ދެންނެވި އެވެ.
ސައުދީ އާއި ކެނެޑާއާ ދެމެދު ހިނގަހިނގާ ހުރި ވިޔަފާރި މުއާމަލަތްއް ހުއްޓުވައި ކެނެޑާއި އުފައްދާ އެއްވެސް ބާވަތެއް ސައޫދީއަށް އެތެރެކުރުން އެ ގައުމުން މަނާކުރި އެވެ.
ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން އަލުން ގާއިމުކުރުމުން ސައޫދީގައި އެއިރު ހުންނެވި ކެނެޑާގެ އެމްބެސެޑަރު ޑެނިސް ހޮރާކް ވަނީ ވަރަށް ބޮޑަށް އުފާފާޅުކުރައްވައި ސައޫދީއަށް ހެޔޮ ބަސް ވިދާޅުވެފަ އެވެ.
ސައޫދީ އަކީ ކެނެޑާގެ ތަރައްގީގައި ބޮޑު ހިއްސާދާރެއް ކަމަށް ސަފީރު ސިފަކުރެއްވި އެވެ އަދި ސައޫދީއާ އެކު ގުޅުން ކެނޑިފައި އޮތުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ވިދާޅުވި އެވެ.