ބޭރު ކުޅިވަރު

ޗެލްސީ އާއި ސިޓީ އެފްއޭ ކަޕް އިން ކަޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ޗެލްސީ އާއި ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އިނގިރޭސި އެފްއޭ ކަޕުން މިރޭ ކަޓައިފި އެވެ.

އަމިއްލަ ދަނޑުގައި މިރޭ ތިން ވަނަ ޑިވިޝަންގެ ބްރެޑްފޯޑް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް، ބްރެޑްފޯޑް އިން ވަނީ ފަހަތުން އަރައި 4-2 އިން މެޗު ކާމިޔާބުކޮށްފަ އެވެ. މި މެޗުގެ 21 ވަނަ މިނިޓުގައި ޗެލްސީ އަށް ލީޑު ހޯދައިދިނީ ޑިފެންޑަރު ގެރީ ކޭހިލް އެވެ. އަދި 38 ވަނަ މިނިޓުގައި ބްރެޒިލްގެ މިޑްފީލްޑަރު ރަމިރޭސް ވަނީ ލަނޑެއް ޖަހައި، ޗެލްސީގެ ލީޑު ފުޅާކޮށްދީފަ އެވެ.

ގިނަ ބަދަލުތަކަކާއެކު މެޗަށް ނިކުތް ޗެލްސީ ކޮޅަށް ބްރެޑްފޯޑްގެ ފުރަތަމަ ލަނޑު 41 ވަނަ މިނިޓުގައި ޖެހީ ޖޯން ސްޓެޑް އެވެ. އަދި ޗެލްސީ ސިއްސުވާލުމަށް ފަހު، ބްރެޑްފޯޑް އިން 75 ވަނަ މިނިޓުގައި ނަތީޖާ އެއްވަރުކުރީ ފެލީޕޭ މޮރައިސް ޖެހި ލަނޑުންނެވެ.

ބްރެޑްފޯޑް އިން ލީޑު ނެގީ 82 ވަނަ މިނިޓުގައި އެންޑީ ހެލިޑޭ ޖެހި ލަނޑުންނެވެ. އަދި ބްރެޑްފޯޑް އިން ތަފާތު ބޮޑުކުރީ މެޗު ނިމެން ކައިރިވެފައިވަނިކޮށް މާކް ޔީޓްސް ޖެހި ލަނޑުންނެވެ.

ސިޓީ މުބާރާތުން ކެޓީ އަމިއްލަ ދަނޑުގައި ދެވަނަ ޑިވިޝަންގެ މިޑްލްސްބަރާ އަތުން 2-0 އިން ބަލިވުމުންނެވެ. މި މެޗުގެ 53 ވަނަ މިނިޓުގައި މިޑްލްސްބަރާ އަށް ލީޑު ހޯދައިދިނީ ޗެލްސީން ލޯނު އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް ކުޅެމުންދާ ފޯވަޑް ޕެޓްރިކް ބެމްފޯޑް އެވެ. އަދި މެޗު ނިމެނިކޮށް އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ގާސިއާ މާޓިނޭޒް އެވެ.