( 23 މެއި 2023 އާ ގުޅޭ )
އަވަސްވަމުންނެވެ. އެވަރުން މީހާއަށް ހަމަޖެހެވޭނީ ކިހިނެއް ހެއްޔެވެ. އަހަރެންގެ ނޭވާ ކުރުވާގޮތްވިއެވެ. ވަށައިގެން ފެންނަ އަނދިރިކަން ވެސް އުނދަގޫކުރަނީއެވެ. ނުފެންނަ ކޮށްޓެއްގައި އަހަރެން ބަންދުވަނީއޭ އިޙްސާސް ކުރެވެންފެށިއެވެ. އަހަރެންނަށް އެވަގުތުކޮޅުގެ ތެރޭ އުޅެވުނު ގޮތެއް ނޭނގޭ ހާސްކަން ވެރިވި ވަގުތު ހޫދުގެ އެންމެ ހަރަކާތަކުން އަހަރެންގެ މުޅި ނަފްސު ހިމޭން ކުރުވައިފިއެވެ. އަހަރެންގެ ދެ ކޯތާފަތް ތެމެންފެށިއެވެ. މެރިފައިވިޔަސް ދެ ލޯ ފުރި އެސްފިޔަތަކުގެ ދޭތެރެއިން ހޫނު ކަރުނަ ކުރި ހޯދައިފިއެވެ.
"ޝްޝްޝް..." ނިކަން އަވަހަށް ހޫދުގެ މޭގައި އަހަރެން ޖައްސާލާފައި ބޮލުގައި ފިރުމަންފެށިއެވެ. ކުޑަކުއްޖަކު މަސަލަސް ކުރާ ފަދައިންނެވެ. އެކަމަކު އަހަރެން ދެ އަތަށް ލެވުނު ބާރަކާއެކީ އޭނާގެ މޭގައި އަޅައި ދުރަށް ކޮށްޕާލީމެވެ. ފަހަތަށް އޭނާ ދިޔައިރު އަހަރެން ވެސް ސައިކަލު މަތިން އަރި އަޅާލައިފިއެވެ. އެއާއެކު އަނެއްކާ ވެސް އަހަރެންގެ ހަރަކާތަކަށް ހުސިޔާރުވެ ހުރި ފަދައަކުން ހޫދު އެއްލި އަތުން އަހަރެންގެ ވައަތުގައި ހިފީ ނުހަނު އަވަހަށެވެ. އަދި ކުއްލިއެއް ޖެހިގެން އޭނާއާ ދިމާއަށް އަހަރެން ދަމައިގަތެވެ. އަހަރެން ނުވެއްޓުނީ ކިރިޔާއެވެ. އަނދިރިކަމުގެ ތެރެއިން ކައިރީ ހުރި މީހާ ވަކިވާވަރު ވުމުން އަހަރެން ހޫދަށް ބަލާލީމެވެ. އަހަރެން ސައިކަލު މަތީ ހަމަޖެހިއްޖެކަން އެނގުމުން އަހަރެންގެ ގައިން އޭނާ ދޫކޮށްލިއެވެ. ހަމަ އެހިނދު އަތް ދަމާފައި އަހަރެން އޭނާގެ ކަންކަށިމަތީ ޖަހައިފީމެވެ. ހަރު ގާބުރިއެއްގައި ޖެހުމެކޭ ތަފާތެއް ނެތެވެ. އަތަށް ވަރަށް ތަދުވެސް ވިއެވެ. އެހެންވިޔަސް ހޫދަށް ތަދުވީހެނެއް ހިޔެއް ނުވެއެވެ. ގައިމު ތަދުވި ނަމަ އޭނާގެ މޫނުގައި ފިރުމާލާނެތާއެވެ.
"އައި ހޭޓް ޔޫ... ހައި ހޭޓް ޔޫ..." އޭނާގެ މޫނުގައި ޖެހުމަށްފަހު ހަރުކަށިކަމާއި ނަފުރަތާއެކު ގޮވައިގަތީމެވެ.
"އާނަ. އަހަރެން ވެސް ވާހަކަދައްކަން ފުރުޞަތު ދީބަލަ." ހޫދު ބުންޏެވެ.
"ނޫޅެން. ހަމަ މިހާރު އަހަރެން ގޮވައިގެން ހިނގާ... މިއަނދިރިގަނޑުން ނުކުންނަން ބޭނުމީ. ގެސްޓްހައުސްއަށް އަހަރެން ގެންދޭ... އަޑެއް ނީވޭތަ ކަލޭގަނޑަށް. ގެންދާށޭ އަހަރެން މިތަނުން." ހަޅޭލަވާ އުސޫލުން އަހަރެން ވާހަކަދެއްކީމެވެ.
ހޫދު ޗަސްޖަހާލާފައި އައިސް ސައިކަލަށް އެރިއެވެ. އޭނާ ސައިކަލު އިސްޓާޓުކޮށްލުމާއެކު އަހަރެމެންނަށް ތިބެވުނު ހިސާބަށް އަލިކަން ވެރިވެގެންދިޔައެވެ. ހޫދު ސައިކަލު ދުއްވާލި ގޮތުން ކުއްލިއަކަށް އަހަރެން ކުރިޔަށް ގޮސް އޭނާގެ ބުރަކަށީގައި ޖެހުނެވެ.
"ކިހާ ބޮޑު އުނދަގުލެއް." އަހަރެން ހަޅޭލަވައިގަތީމެވެ.
އަނގައިން ބުނުމެއްނެތި ހޫދު ސައިކަލު ދުއްވަމުން އައެވެ. ސައިކަލުގެ ދުވެލި މަޑުކަމުން އަހަރެންގެ ރުޅި އިހުނަށްވުރެ ގަދަވިއެވެ. ބާރަށް ސައިކަލު ދުއްވާށޭ ބުނެ އެތިވަރު ގޮވައިގަތީމެވެ. އެއާއެކު ހޫދު ވެސް އަނގަމަޑުން ލައިގެން ނީނެވެ. ބާރަށް ދުއްވަންޏާ އަމިއްލައަށް ސައިކަލު ދުއްވަން އަންނާށޭ އަހަންނާ ދިމާއަށް ބުނެލިއެވެ. އެހެންނޫނީ އޭނާ ގެންގޮސްދޭން ދެން މައިތިރިވެގެން އިންނަން ބުންޏެވެ. ދެއަތް އުރާލައިގެން އަހަރެން ބަހެއް ނުކިޔާ އިނީމެވެ. އެހެންވިޔަސް ދޭތެރެއަކުން ރުޅިއާ ހެދި ދަތިކުނޑިވިކާލައި ތުންދަމާލެވެއެވެ. ނޫނީ ހިތުގެ ތެރެއިން ހޫދުއަށް އެތިވަރުތައް ގޮވައިގަނެވެއެވެ.
"މިއޮތީ އާދެވިފަ." ގެސްޓްހައުސްގެ ދޮރުމައްޗަށް ސައިކަލު މަޑުކޮށްލުމާއެކު ހޫދު ބުންޏެވެ.
ރުޅި އަންނަންވީ އޭނާ ހެއްޔެވެ. ސައިކަލުން ފޭބި ގޮތަށް ދޮރޯށި ހުޅުވަން އައީމެވެ. ބޭނުމީ ދޮރޯށި ހުޅުވޭއިރަށް ދުވެ ރައްކާވާށެވެ. މީ މީހާގަނޑާ ވީހާ ދުރަކަށް ދާށެވެ. އެކަމަކު ހީކުރާހާ ގޮތަކަށް ކަންތަކެއްނުވިއެވެ. ދޮރުމަތީ ސައިކަލު ބަހައްޓާފައި ހޫދު އަހަރެންނާއެކީ ގެސްޓްހައުސްއަށް ވަދެއްޖެއެވެ. އަހަރެން ދުއްވައިގަތީ އޭނާ އަހަރެންނަށްވުރެ ހަލުވި ވާނެކަން އެނގި ހުރެއެވެ. ނަމަވެސް ހޫދު މަޑުޖެހުނީއެވެ. ގެސްޓްހައުސްގެ މައި އިމާރާތުގެ ދޮރުމަތީ ހިޔާކޮށްފައި ހުރި ތަންކޮޅަށް ނުކުމެ އެ ހުރީ ފައިސަލްއެވެ. އޭނާ ލައިގެން ހުރި ދޫ ހަރުވާޅުގެ އެއް ޖީބަށް ވައަތްތިލަ ކޮށްޕާލައިގެން އަނެއް އަތުން ޖޯޑެއް ހިފަހައްޓާލައިގެންނެވެ. އަހަރެމެންގެ ސަކަރާތް ބަލަން ހުރި ކަހަލައެވެ. އޭނާގެ ނަޒަރު ސީދާ ހުއްޓިފައި ހުރީ އަހަންނަށެވެ. އަހަރެން ދުވަމުން އައި ގޮތަށް ފައިސަލްގެ ފަހަތަށް ވަނީއެވެ. އޭނާ ބޯ އަރިކޮށް ކުޑަކޮށް ފަހަތް ބަލާލިއެވެ. ދެން ކުރިމަތިން އަންނަ ހޫދަށް އޭނާގެ ސަމާލުކަން ދީފިއެވެ. ދެ މީހުންކުރެ އެކަކުވެސް އެއްޗެކޭ ނުބުނެވެ. ފައިސަލް ޖޯޑާއެކު އުފުލާލައިގެން ހުރި އަތް ދަށުން އަހަރެން ބޯ ދިއްކޮށް ބަލާލީމެވެ. ޖިންސުގެ ދެ އަރިމަތިން ޖީބަށް އަތް ޖަހާލައިގެން ހޫދު ހުރީއެވެ.
"ދެން ދާންވީނު." އަހަރެން ފައިސަލްގެ އަތްދަށުން ބޯދިއްކޮށްގެން އޮވެ ބުނީމެވެ.
"ކޮބާ ރޫމް." ފައިސަލްއަށް ބަލަން ހުރެފައި ހޫދުގެ ނަޒަރު އަހަރެންނަށް ދަތަރުކޮށްލިއެވެ.
"ޖަސްޓް ލީވް މީ އެލޯން." އަހަރެން ބުނެލީމެވެ.
"އާނިޔާ..." ހޫދު ގޮވާލިއެވެ.
"އޭނާ ބުނި އެއްޗެއް ސާފު ނުވީތަ؟." ކުއްލިއަކަށް ފައިސަލް ވާހަކަދެއްކިއެވެ. އަހަންނާ އެއްކޮޅަށް ފައިސަލް ހުރިކަން ދޭހަވުމުން ހިތްހަމަޖެހުނެވެ.
"ތީ ކާކު." ހޫދު އަހާލިއެވެ.
"މައި ބޯއިފްރެންޑް." ފައިސަލްގެ ފުރަގަހުން ނުކުމެ އަހަރެން ނިކަން އަވަހަށް ހިފާލީ އޭނާ ޖީބަށް ޖަހާލައިގެން ހުރި ވައަތުގައެވެ. އަދި ހޫދަށް އެއްޗެއް ވިސްނޭނޭ ވަރަށް ފައިސަލްގެ އަތުގައި ބައްދާލައިގެން ހުރީމެވެ. އޭނާގެ ދެ ލޮލުން ނުރުހުން އަހަރެން ދުށީމެވެ. އަދި އެ ނުރުހުމާއި ގުޅިގެން އޭނާގެ ކަތުރުކަށިގަނޑު ވާންވެލިއެވެ. އެ މަންޒަރު އަހަރެންގެ ހިތަށް ލިބުނީ އުފާވެރިކަމެވެ.
"ތި ދެ މީހުން އުޅެނީ ރައްޓެހިވެގެން." ޤަބޫލު ނުކުރެވެޔޭ ބުނާ ފަދަ ރާގެއްގައި ހޫދު ބުންޏެވެ.
"އާނަ އެ ބުނީނު." އަހަންނަށް ބަލާލާފައި ފައިސަލް ޖަވާބު ދިނެވެ.
ހޫދު ފަސްޖެހުނީތީ އަހަރެން ދުށީމެވެ. އަހަންނާއި ފައިސަލްއަށް ވަކިންވަކިން އޭނާ ބަލާލިއެވެ. ތުންފިއްތާލަމުން އިސްޖަހާލާފައި އަނެއްކާވެސް ނަޒަރު ސީދާކޮށްލައިފިއެވެ. އޭނާ ތުންފިއްތާ އެލީ ހިތާއި ސިކުނޑީގައި އެވަގުތު ހިނގަމުންދިޔަ ޝުޢޫރުތަކުންކަން ގައިމެވެ.
"ގުޑްނައިޓް." އަހަރެންނަށް ބަލަން ހުރެ ހޫދު ބުނެލިއެވެ. ދެން އޭނާ އެނބުރިލީ ވަން ދޮރޯށީން ނުކުންނަން ދާށެވެ. ހަމައެވަގުތު ބީޗްހައުސްއާ ދިމާ ގޭގެ ބިއްދޮށުން ވާގަނޑުތެރެއިން "ބަން"ލާފައި އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. އަހަރެމެން ތިން މީހުން ވެސް ދިޔައީ ސިއްސައިގެންނެވެ. ހީވީ ބޮޑު ރުކެއް ކަނޑާ ވައްޓާލީ ހެންނެވެ. ކުއްލިއަކަށް ކާޅުތަކެއް ގޮވައިގަތެވެ. ހޫދު އަހަންނަށް ބަލާލިއެވެ. އަހަރެން ހިފަހައްޓާލައިގެން ހުރި އަތް ފައިސަލް ދުރުކޮށްލާފައި އަވަހަށް އޭނާގެ ހިމާޔަށް ގެންނަ ފަދައިން އަހަރެންގެ ކޮނޑުގައި އަޅުވާލައި ގާތްކޮށްލިއެވެ. ހޫދު އެނބުރުނު ގޮތަށް ހަލުވި ހިނގުމުގައި ދިޔައީ ފަސް ނުބަލާން ނިޔަތްގަތް މީހަކު ފަދައިންނެވެ.
"ސޮރީ..." ހޫދު ދޮރޯށިން ނުކުންނަންދެން ބަލަން ހުރެފައި އަވަހަށް ފައިސަލްއާ ދުރަށް ޖެހިލަމުން އަހަރެން ބުނީމެވެ. މާނަވީ ބެލުމަކުން ފައިސަލް ބަލަން ހުރީއެވެ. އޭނާ ނަޒަރު ވަކިކޮށް ނުލުމުން އަހަރެން ރަކިވެގެން އިސްޖެހީމެވެ.
"ބޯއިފްރެންޑްތަ؟." ފައިސަލް އަހާލިއެވެ. އަހަރެން އިސް އުފުލައި ބަލާލަމުން ނޫނެކޭ ބުނެ ބޯހޫރާލީމެވެ.
"ފިރިހެން ސެންޓުތަ އާނަ ޖަހަނީ." ފައިސަލް އެއްސެވެ. އެއާއެކު އަހަންނަށް ހިންދިރުވާލެވުނެވެ. އަވަސްއަވަހަށް ގަމީހުގެ ގޮށްފަތީގައި ހިފައި އުފުލާލައި ވަސްބަލާލީމެވެ. އަހަރެންގެ ގައިގާ ހަރުލާފައި ހުރީ ހޫދުގެ ގައިން ދުވާ ވަހެވެ. ފައިސަލްއަށް އެއީ ފިރިހެން ސެންޓެއްގެ ވަސްކަން ވަކިކުރަން އެނގުނީތީ ހިސާބަކަށް ހައިރާންވިއެވެ. ފައިސަލްއަށް އެހާ ފަސޭހައިން ބުނަން އެނގޭނީ އޭނާއަށް އެއީ ކޮންސެންޓެއްކަން އެނގޭތީއޭ އަހަރެން ޤަބޫލުކުރީމެވެ.
"ކޮންއަޑެއް އޭރު އެ އިވުނީ." ހޫދުގެ ވާހަކަ ނުދައްކަން އަހަރެން ބުނީމެވެ. އޭރު ކާޅުތައް ގޮވައިގަނެފައި ފަހުންނެއް ނުގޮވިއެވެ. މުޅި ހިސާބުގައި މިހާރު ވަނީ ހިމޭންކަމެވެ. ދުރުން ރާޅު ޖަހާ އަޑު އިވެއެވެ.
"ވިއްސާރަ ދުވަސްކޮޅެއްނު. އެހާ ވައި ވެސް ގަދަ. ހީވަނީ ގަހެއް ވެއްޓުނީހެން. އަޅާނުލާ. ޖަންގަލި އޮންނަ ތަންތަނުން އެކަހަލަ އަޑުއަޑު ވެސް އިވޭނެ." ފައިސަލް ބުންޏެވެ.
"އަހަންނާއެކީ ރޫމާ ހަމައަށް ގޮސްދީފާނަންތަ؟." އެތެރެއަށް ވަންނަން އުޅެފައި މަޑުކޮށްލީ އަހަރެން އެކަނި ދާން ބިރުންނެވެ.
"ބޯއިފްރެންޑް ދާންވާނެތާ." ހިނިތުންވުމަކާއެކު ފައިސަލް ބުންޏެވެ. އޭނާގެ އެ ސަމާސާއިން އަހަރެން ހީނލީމެވެ.
ސިޑިން އަރައިގެން އަހަރެންގެ ކޮޓަރިއާ ހަމައަށް އާދެވުނުއިރު ވެސް ފައިސަލް އެއްވެސް އެއްޗެއް ނުބުނެއެވެ. އަހަރެން ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. އަހަރެން މެންދުރު ދަމުން ހުރިހާ ބޮތްކެއް ނިއްވީމެވެ. އެހެންވެ ކޮޓަރިތެރެ އޮތީ އެއްކޮށް އަނދިރިކޮށެވެ. އަވަހަށް ހުދު އަލީގެ ބޮކިތައް ދިއްލާލީމެވެ. ދެން އެނބުރި ދޮރު ކައިރިއަށް އައިސް ފައިސަލްއަށް ބަލާލީމެވެ.
"ތޭންކްސް." އަހަރެން ބުނީމެވެ.
ފައިސަލް އަހަރެންގެ ޝުކުރު ބަލައިގަތީ ބޯޖަހާލުމަކުންނެވެ. ދެން އޭނާ އެނބުރި އައިކޮޅަށް ހިނގައިގަތެވެ. އަހަރެން ކޮޓަރިއަށް ވަދެ ދޮރު ލައްޕާ ތަޅުލީމެވެ. އެއްވެސް ކަމެއް ކުރުމުގެ ކުރީން އަހަރެން ލައިގެން ހުރި އެއްޗެހި ބަލާފައި ވަނީ ފާޚާނާއަށެވެ. ފެންވަރައިގެން ނުކުތީ ސިކުނޑިއަށް ލިބިފައިވީ ހާސްކަން ފިލުވާލުމަށެވެ. ސްޓޯބެރީ ޕްރިންޓް ހުރި މަޑު ފިޔާތޮށި ކުލައިގެ ޓީޝާޓު ފޮތީގެ އަތްދިގު ޓީޝާޓަކާއި ހަމަ އޭގެ ހަރުވާޅު ލައިގެން އެނދަށް އެރީމެވެ. ނިންޖެއް ނެތެވެ. ގަޑިތަކުން ބާރަ ޖެހުމާއި ކައިރިވެއްޖެއެވެ. މަންމައަށް ގުޅާލަން ހިތަށް އަރާފައި ނުގުޅީ މިހާރު މަންމަ ނިދާފައިކަން އޮންނާނީ އެނގޭތީއެވެ. ފޯނު އަތަށް ލައިގެން އަހަރެން އިނީމެވެ. ހޫދުގެ ސޫރަ ލޯ ކުރިމަތިން ސިފަވުމާއެކު އަހަރެންގެ ގައިން ހީބިހި ނެގިއެވެ. ހޫދުގެ ނޭވާގައިވީ ހޫނުކަން އަހަރެންގެ މޫނަށް އަދިވެސް އިޙްސާސް ކުރެވޭ ކަހަލައެވެ. ދެ ކޯތާފަތުގައި ދެ އަތްތިލަ ގެނެސް ޖައްސާލައި އޮބާލީމެވެ. ތުންފަތުގައި ވިންދު އަވަސްވެފައިވާ ކަހަލައެވެ. ކަނާއަތުން އަހަރެންގެ ތުންފަތް މަތީ އިނގިލިތައް ޖައްސާލައި އޮބާލީމެވެ.
"ކީއްވެ އޭނާ ކުރިކަމެއް އެއީ. ކަމުނުދާ ގޮތެއް ހުއްޓަސް ހޫދު އެވަރުކަމެއް ކުރާވަރަށްވުރެ ހަރުދަނާވާނެކަމަށް އަހަރެން އުންމީދުކުރީ. ރަނގަޅު ޢާއިލާއެއްގެ ޒުވާނެއްވީމަ. ޚާއްޞަކޮށް އިތޫގެ ބޭބެއަށްވީމަ... އަހަރެންނަށް ޖެއްސުން ކުރިޔަސް ވަކި އިމެއް އޭނާ ގެންގުޅޭނެކަމުގައި ހީކުރީން. އަންހެން ކުދީންނަކީ އޭނާގެ ނަޒަރުގައި އެއްވެސް އަގެއްނެތް ބަޔަކީތަ؟. އަހަރެން ކިހިނެއް ދެން އެގެއަށް ދާނީ. ހޫދުއާ ކުރިމަލާކަށް ވެސް ބޭނުމެއްނޫން. އިތޫއަށް ކިހިނެއް ކިޔާދޭނީ... އަނެއްކާ އޭނާ ގޮސް އިތޫ ކައިރީ ނާހާނެތަ އަހަރެންނާއި ފައިސަލްގެ ވާހަކަ. އަހަރެންގެ ބިޓެއް ހުރޭތޯ. އަހަރެން ސިންގަލްކަން އޭނާއަށް އެނގޭކަށް ބޭނުމެއްނޫން." އަމިއްލަ ހިތާ އަހަރެން ވާހަކަދައްކަމުން ދިޔައީމެވެ.
"އެއް ފިރިހެނަކު ދިން ދޯކާއިން އަރައިނުގަނެވިގެން އުޅެނިކޮށް އަނެއްކާ އަނެއް މުސީބާތް މިކުރިމަތިވީ." ޚިޔާލުތައް ހާވިޔާވެތޯ ދެ ފަރާތަށް ބޯހޫރާލަމުން އަހަރެން ބުނެލީމެވެ.
އެނދުން ފޭބީ ކޮފީއެއް ބޯލާ ހިތުންނެވެ. ކޮފީއަކީ އަހަރެންގެ ނިންޖަށް އަސަރުކުރާ އެއްޗެއް ނޫނެވެ. ކޮފީ ބުޔަސް ނިދިއައީމާ އަހަރެން ތަންޑާވާނެއެވެ. އެއްފަރާތުގައި ހުރި މޭޒުމަތީ ފެންކައްކާ ޖަގާއި ތަބަކުގައި ނެސްކެފޭ ކޮފީ ފުޅިއަކާއި ޖޯޑަކާއި ބިއްލޫރި ތަށްޓެއް ހުއްޓެވެ. އެވަރުން އަހަރެންނަށް ކޮފީއެއް ނުބޮވޭނެއެވެ. ކޮފީއަށް ކިރު އަޅަން ޖެހޭނެއެވެ. އެނދުގެ ފައިލާކޮޅުގައި އޮންނަ "ތްރޯ ބްލޭންކެޓް" ނަގައި ކޮނޑުމަތިން ގައިގާ އޮޅާލީމެވެ. ފޯނު ހިފައިގެން އަހަރެން ކޮޓަރިން ބޭރަށް ބޯދިއްކޮށްލީމެވެ. ތުނިތުނިކޮށް ވާރޭ ވެހޭކަން އެނގުނީ ސަރައްކާއްޔަށް ފެން ނުބުރާނޭހެން ލަކުޑި ރެއިލިން މަތިން ތިރިއަށްވާނެހެން އެލިފައި އޮތް ރަބަރު ފަރުދާއިންނެވެ. ފެންތިކީގެ ހަމަލާ އެ ފަރުދާ ދިފާއުކުރާކަމުގެ ހެކި ފެންނަން ހުއްޓެވެ. ބިރުން ހުރީތީ ގިނައިރު ބަލާކަށް ނުކެރުނެވެ. ދެފުށް ފެންނަ ގޮތަށް ހުރި ރަބަރު ފަރުދާއެއްވީމާ ގޯތިތެރެއަށް ވެރިވެފައި އޮތް އަނދިރިކަން ފެނެއެވެ. ކޮޓަރީގެ ދޮރު ތަޅުލެވުމާއެކު އަހަރެން ސިޑިއާ ދިމާއަށް ދުއްވައިގަތީއެވެ.
ތިރިއަށް ފޭބުނުއިރު އަހަރެންނަށް ޓީވީއެއްގެ އަޑު އިވެމުންދިޔައެވެ. ހީވަނީ އިނގިރޭސި ފިލްމެއްގެ އަޑު ހެންނެވެ. ރެސެޕްޝަން ކައިރީ ހުރި ސޯފާތަކުން ދިގު ސޯފާގައި އޮށޯވެލައިގެން ފައިސަލް އޮތެވެ. ފާރުގައި ހަރުކޮށްފައި ހުރި ކަބަޑެއްގެ ދޮރުފަތް ހުޅުވާލާފައި ހުރިއިރު ޓީވީ ހުރީ އޭގެ ތެރޭގައެވެ. އަހަރެންނަށް ކުރީން ޓީވީ ނުފެނުނީ ކީއްވެކަން ނަގައިގަންނަން އެނގުނީ ދެނެވެ.
"ނުނިދުނީތަ؟." އަހަރެން ފެންނައިރަށް ފައިސަލް ތެދުވެ އިށީނެވެ. އަހަރެން ބޯޖަހާލީމެވެ.
އަހަރެން ބަދިގެއިން ކޮފީއެއް ހަދައިގެން އައިސް ފައިސަލް ކައިރީ ވަކިން ހުރި ގޮނޑީގައި އިށީނީމެވެ. ޓީވީއަށް ބަލާލީމެވެ. އަހަރެންނަށް ހީވިގޮތަށް އަޅުވާފައި ހުރީ އިނގިރޭސި ފިލްމެކެވެ.
"ކީއްވެ ނުގުޅީ." އަހަރެން ފިލްމަށް ގެއްލިފައި އިންދާ ފައިސަލް ވާހަކަދެއްކިއެވެ.
"ބުނިންތަ ގުޅާނަމޭ." އަހަރެން ހައިރާންވިއެވެ. ފައިސަލްއަށް ގުޅަން ބުނި ހަނދާނެއް ނުވާތީއެވެ.
"ފަޒީލު ބުނި އާނަ ގެއަށްދާން ގުޅާނެއޭ." ފައިސަލް ބުންޏެވެ. އޭނާ އެ ސުވާލުތައް ކުރީން ނުކުރީ ކީއްވެބާއޭ އަހަރެން ހިތަށް އެރިއެވެ. ޖަވާބެއް ދިނުމުގެ ކުރީން އަހަރެންގެ ނަފްސު ހަމައަކަށް އެޅުވީމެވެ. ފައިސަލްގެ މަޤްޞަދަކީ އެ ސުވާލުތަކުން ހޫދުއަކީ ކާކުކަން ހޯދުމޭ ހީވާތީއެވެ.
"ފަޒީލުއާ ވާހަކަދެއްކިން. އޭނާ ފައިސަލްގެ ނަންބަރު އަހަރެންނަށް ދިން. ވާރޭ ވެހެންޏާ ބަލާ އަންނަން ގުޅާނަމޭ އަހަރެން ބުނިން. ފަޒީލު ބުނިތަ މިކޮޅަށް އަންނަނީ ކޮންއިރަކުންކަން." ވާހަކައިގެ މިސްރާބު ބަދަލުކޮށްލަން އަހަރެން އުޅުނީމެވެ.
"ތިބުނީ އޭނާއާ މިރޭ ވާހަކަދެއްކީމޭ. އޭނާ ނުބުނޭތަ؟." ފައިސަލް ބުންޏެވެ. އޭނާ އިނީ އަހަރެންނަށް ނަޒަރު ހުއްޓާލައިގެންނެވެ.
"ނޭނގެއޭ ބުނީ ދެވޭނެ ދުވަހެއް." އަހަރެން ބުނީމެވެ.
"މިރޭ ކަމެއްވީތަ؟. މިބުނީ މިކޮޅަށް އައިއިރު." ފައިސަލް އަހާލިއެވެ.
"ނޫން. އެއްވެސް ކަމެއްނުވޭ. އެއީ އަހަރެން މިކޮޅަށް އައި ފްރެންޑްގެ ބޭބެ. ވާރޭ ނުވެހޭތީ އެގޭ މީހަކާއެކީ އައީ. އެ ގޭގަ ކާރެއް ނޯންނާނެ. އެހެންވެ. އަސްލު... އޭނާ ވަރަށް ސަކަރާތްބޮޑުވާނެ. ވަރަށް ޖެއްސުންކުރާނެ. ގޮވައިގެން އަންނަމުން އަހަރެން ރުޅިއަރުވާލީ. އެހެންވެ އެހާ ހިތްހަމަނުޖެހިފައި ހުރީ." ދުރުދުރުން ކުރުކޮށް އަހަރެން މިރޭ ފައިސަލްއަށް އެ ފެނުނު ކަންތައް ކިޔާދިނީމެވެ.
"އެހެން ދޯ." ފައިސަލް ބުނެލިއެވެ. ނަމަވެސް އޭނާ ބުނެލި ރާގުން އަހަރެންނަށް ނަގައިގަންނަން ދަތިވީ އޭނާ މާނަކުރި ގޮތެވެ.
* * * * *
އަހަރެންނަށް ލޯ ހުޅުވާލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ދެ ލޮލަށް ބަރުވެފައި ހުރީތީ އެއްއަތުން ލޯ އުނގުޅާލީމެވެ. ދެން ފޯނުނަގައި ބަލާލީމެވެ. ގުޅަނީ އިތޫއެވެ. އަހަރެން ތެދުވަން އުޅުނީމެވެ. އެނދަކުނޫންކަން އޮވެވުނީ އެނގުނީ ދެނެވެ. ރޭގެ މަތިން އަހަރެން ހަނދާންވިއެވެ. ފައިސަލް ކޮބާތޯ އަހަރެންނަށް ހޯދާލެވުނެވެ. ދެއަތްއުރާލައިގެން ދޮރުކަނީގައި ލެނގިލައިގެން އަހަރެންނަށް ބަލަން ފައިސަލް ހުއްޓެވެ. އަހަރެމެންގެ ނަޒަރު ސީދާވެލުމާއެކު އެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"ގުޑްމޯނިން." ފައިސަލް ބުންޏެވެ. އެ ޖާދުވީ ހިނިތުންވުމުގައި އަހަރެން ޖެހުނެވެ.
"ގުޑްމޯނިން. ކިހާއިރެއް ވެގެން އެ އުޅެނީ." ހިނިތުންވުމެއް ބަދަލުކޮށްލާފައި ތެދުވަމުން އަހަރެން އަހާލީމެވެ.
"ހެނދުނު ހަތެއް ޖަހައިފި." ފައިސަލްގެ އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި ބުންޏެވެ.
"ވަޓް. އެހާއިރު ވެއްޖެ." ދެ ލޯ ތަންމިންނަށް ހުޅުވިގެން ދިއުމާއެކު އަހަރެން ބުނީ އަޖައިބުވެގެންނެވެ.
"ފޯނު." ރިންގުވަމުންދިޔަ ފޯނަށް ފައިސަލް ބޮލުން އިޝާރާތްކޮށްލިއެވެ. އަހަރެން އަވަސް އަވަހަށް ފޯނުކޯލު ނަގައި ހެލޯއޭ ބުނެލީމެވެ.
(ނުނިމޭ)