އޮސްޓްރޭލިއާ

އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ރާއްޖޭގައި ގާއިމުކޮށްފި

އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހުޅުވައިފި އެވެ.

ހައި ކޮމިޝަންގެ ވެބްސައިޓްގައިވާ ގޮތުން ހޮޓަލް ޖެންގެ ފަސްވަނަ ފަންގިފިލާގައި ހައި ކޮމިޝަން ހަދާފައިވިޔަސް ޕާސްޕޯޓާއި ވިސާގެ ހިދުމަތް އަދިވެސް ލިބޭނީ ލަންކާގައި ހުންނަ އޮސްޓްރޭލިއާ ހައި ކޮމިޝަނުންނެވެ.

އޮސްޓްރޭލިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ކުރިން ހިދުމަތް ދެމުން ގެންދިޔައީ ލަންކާގައި ހުންނަ ހައި ކޮމިޝަނުންނެވެ.

ރާއްޖޭގައި އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ގާއިމުކުރުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ދާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

ރާއްޖޭގައި އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ހާރިޖީ ވަޒީރު އިއުލާންކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާގެ ތެރޭގަ އެވެ.

ޖިއޮގްރަފީ ގޮތުން ނރާއްޖެއާ ދުރު ގައުމުުތަކުގެ ތެރެއިން އޮސްޓްރޭލިއާ އަކީ ނިސްބަތުން ގިނަ އަދަދަކަށް ދިވެހިން އުޅޭ ގައުމެކެވެ. އެގޮތުން ތައުލީމު ހާސިލްކުރުމަށާއި އަދި ވަޒީފާ އަދާކުރުމަށް ދިވެހިން މިހާރަކަށް އައިސް އިހްތިޔާރު ކުރާ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ ހިމެނެ އެވެ.

ދިވެހިރާއްޖެއިން އޮސްޓްރޭލިއާއެކު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ ޖޫން 1974 ގައެވެ.